އަފްޣާނިސްތާނުގެ ޖަލާލް އާބާދު ސިޓީގައި މަސައްކަތްކުރާ ތިން އަންހެން ނޫސްވެރިއަކަށް ބަޑިން ހަމަލާދީ އަންގާރަ ދުވަހު މަރާލައިފި އެވެ.
މި ހާދިސާގެ ސަބަބުން އަފްޣާނިސްތާނުގެ އާބަން ސަރަހައްދުތަކުގައި މަސައްކަތްކުރާ މީހުންގެ މެދުގައި ވަނީ ބިރުވެރިކަން އުފެދިފަ އެވެ.
އެކިނަސް ޓީވީގެ އިސް ބޭފުޅެއް ކަމަށްވާ ޒަލްމާއީ ލަތީފީ ވިދާޅުވީ މަރާލި އަންހެނުން ނޫސްވެރިންނަކީ އެސްޓޭޝަނުގެ އަޑު އަޅާ ޑިޕާޓްމަންޓުގައި މަސައްކަތްކުރާ އުމުރުން 18 އަހަރާ 20 އަހަރާ ދެމެދުގެ މުވައްޒަފުން ކަމަށެވެ. އަދި އެ ތިން މީހުން މަރާލާފައި ވަނީ ޑިއުޓީ ނިންމާފައި އަނބުރާ ގެއަށް ދަނިކޮށް ކަމަށް ވެސް ބުނެފައިވެ އެވެ.
އެ މީހުން މަރާލާފައި ވަނީ ބޮލަށް ބަޑިޖަހައިގެން ކަމަށާއި އެ މީހާ ބަޑިޖަހާފައި ފިލަން ދުވަނިކޮށް ފެނިފައިވާ ކަމަށް އަފްޣާނިސްތާން ސަރުކާރުން ބުންޏެވެ.
މަރުވި ތިން މީހުންގެ އިތުރުން އެހެން އަންހެނަކަށް ވެސް އަނިޔާވެފައިވާ ކަމަށާ އެ މީހާ މަރާ ހަނގުރާމަކުރަމުންދާ ކަމަށް ހޮސްޕިޓަލުގެ ތަރުޖަމާނު ވިދާޅުވި އެވެ.
އެ މައްސަލައާ ގުޅިގެން މިހާރު އެކަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެ މީހާއަކީ ތާލިބާނާ ގުޅުންހުރި މީހެއް ކަމަށް އަފްޣާނިސްތާން ސަރުކާރުން ބުނެ އެވެ.