ލަގެޖްގައި ފޮރުވައިގެން ގަވާޢިދާއި ހިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު 81،030 ނަގުދު ޑޮލަރު ވީއައިއޭގެ އޭވިއޭޝަން ސެކިއުރިޓީން ހިފަހައްޓައިފި އެވެ.

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރާއްޖެއިން ބަންގްލަދޭޝްގެ ޑާކާއަށް ފުރަން އުޅުނު ބަންގްލަދޭޝް ރައްޔިތެއްގެ ލަގެޖްގައި ފޮރުވައިގެން ގަވައިދާ ހިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު 81،030 ޑޮލަރު އަތުލައިގެންފައިވާ ކަމަށެވެ.

އެމީހާ ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ މާލެއިން ޑާކާ ކަމަށާއި އޭނާ ދަތުރުކުރަން ހަމަޖެހިފައި އޮތީ ޔޫއެސް ބަންގްލާ އެއާލައިންސް ކަމަށްވެސް އޭވިއޭޝަން އިން ބުނެ އެވެ.

އެ ބިދޭސީ މީހާ އެ ޑޮލަރުތައް ގެންދަން އުޅުނީ ކޯންފްލެކްސް ފޮށްޓެއްގެ ތެރެއަށް އަޅައިގެން ކަމަށެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި އެ ޑޮލަރު ބޮނޑިތަކުގައި ހުރީ އެކި މީހުންގެ ނަންތަކެއް ވެސް ލިޔެފަ އެވެ

އޭވިއޭޝަން ސެކިއުރިޓީން އާންމު ކޮށްފައިވާ ވީޑިއޯއިން ބަންގްލަދޭޝް މީހާ ވާހަކަ ދައްކާ އަޑު އިވެ އެވެ. އެ ވީޑިއޯގައި އެ ޕެކެޓް ކަނޑާތަން ވެސް ފެނެ އެވެ.

ނަގުދު ފައިސާގެ ހަ ބޮނޑި އެ ޕެކެޓް ތެރެއިން ނެރެފައިވާއިރު، ކޮންމެ ބޮނޑިއެއްގައި މީހެއްގެ ނަން ލިޔެފައިވެ އެވެ.

އެ މީހާ ކަމާ ބެހޭ ފަރާތްތަކާ ހަވާލުކޮށްފައިވާ ކަމަށް އޭވިއޭޝަން ސެކިއުރިޓީން ވަނީ ބުނެފަ އެވެ.