އިނގިރޭސި ވިލާތުގެ ސުފޯކްއަށް ނިސްބަތްވާ އަންހެނަކު އޭނާގެ އުމުރުން 102 އަހަރު ފުރުން ވަރަށް ތަފާތު ގޮތަކަށް ފާހަގަކޮށްފި އެވެ.

މެނެޓް ބެއިލީ ނަމަކަށް ކިޔާ އެ މީހާއަށް އިއްޔެ 102 އަހަރު ފުރުނުއިރު އެ މުނާސަބަތު ފާހަގަ ކުރުމަށްޓަކައި އޭނާ ވަނީ ރެކޯޑު އުސްމިނަކުން ސްކައި ޑައިވް ކޮށްފަ އެވެ. މިއާއެކު ބެއިލީ ވެފައިވަނީ އިނގިރޭސި ވިލާތުގައި އެފަދަ ސްޓަންޓެއް ޖެއްސި އުމުރުން އެންމެ ދޮށީ މީހާއަށެވެ.

ހަބަރުތައް ބުނާ ގޮތުގައި ބެއިލީއަށް މިކަމުން ލިބޭ އާމްދަނީ ހަދިޔާކުރަން ގަސްދު ކޮށްފައިވަނީ އިނގިރޭސި ވިލާތުގައި ކުރިއަށްދާ ވޮލަންޓިއާ މަސައްކަތްތަކަށެވެ.

ދެވަނަ ބޮޑު ހަނގުރާމައިގައި އިނގިރޭސި ވިލާތުގެ ރޯޔަލް ވުމަންސް ނޭވަލް ސާވިސްއަށް ހިދުމަތް ކޮށްދީފައިވާ ބެއިލީ ބުނި ގޮތުގައި މިއީ އޭނާ ސްކައި ޑައިވްކުރާ ފުރަތަމަ ފަހަރެވެ.

"އަހަރެން ކައިވެނިކުރީ މިކަހަލަ ކަންތައް ކުރާ މީހަކާ. އެކަމަކު ދުވަހަކުވެސް ހުދު އަހަރެން އެކަހަލަ ކަމެއް ނުކުރަން" ބެއިލީ ބުންޏެވެ.

މިހާރު އުމުރުން 102 އަހަރުގެ ބެއިލީއަކީ އޭނާގެ އުމުރާ އަޅާބަލާއިރު ސިއްހީ ހާލަތު ރަނގަޅު ދިރިއުޅުމުގެ އާއްމު ކަންކަން މިހާރުވެސް އެހެން މީހަކަށް ބަރޯސާނުވެ އަމިއްލައަށް ކުރާ މީހެކެވެ.