ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާއިން ބައްސާމު އަދީލް ޖަލީލް ދެ އެޕާޓްމަންޓް ގަނެފައިވާކަމަށް ފުލުހުންގެ ތަހުގީގަށް އެނގިފައިވާކަމަށް ފުލުހުން ބުނެފި އެވެ.

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އެ އިދާރާގެ ފައިސާއަށް ހިޔާނާތްތެރިވެ އެ ފައިސާގައި ދެ އެޕާޓްމަންޓް ގަނެފައިވާތީ އޭނާގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވާފައިވާކަމަށް ފުލުހުން ބުނެ އެވެ.

މިއަދު ފުލުހުން ބޭއްވި ޕްރެސްކޮންފަރެންސްގައި ބުނީ ބައްސާމް ދެ އެޕާޓްމަންޓް ގަނެފައިވަނީ އަމީން އެވެނިއު އިން ކަމަށެވެ. ފުލުހުން ބުނީ އެޕާޓްމަންޓް ގަތް އެއް މިލިއަން ޑޮލަރަކީ ކޮވިޑުގައި ކްލަބްތަކަށް ދިމާވީ މާލީ ދަތިކަން ހައްލުކޮށްދޭން ކަމަށް ބުނެ ފީފާ އަތުން އެފްއޭއެމް ނެގި 1.9 މިލިއަން ޑޮލަރުގެ ކޮވިޑް ރިލީފް ލޯނުގެ ފައިސާކަން އެނގިފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ އެފްއޭއެމްގެ ފައިސާ އިން އެޕާޓްމަންޓް ގަތުމަށްފަހު އެ ފައިސާގެ އަސްލު އޮޅުވާލުމަށް ލިޔެކިޔުންތަކަށް ބަދަލު ގެނެސްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެފްއޭއެމް ހިޔާނާތުގެ މައްސަލައިގައި ބައްސާމުގެ އިތުރުން އެފްއޭއެމްގެ އޭރުގެ ފައިނޭންސް ހެޑް މުހައްމަދު އަގީލް އާއި އެފްއޭއެމްގައި އޭރު އިސްކޮށް އުޅުނު ހަސަން ވަހީދުގެ މައްޗަށް ދައުވާކޮށްދިނުމަށްވެސް ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވާފަ އެވެ. މި މައްސަލައިގައި މި ފަރާތްތަކުގެ މައްޗަށް ކުރަނީ ހިޔާނާތުގެ ދައުވާ އާއި، އޮޅުވާލުމުގެ ދައުވާގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާ އެވެ.