ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަހަރުމެންގެ ލޯތައް އަޖާއިބު ކޮށްލާ ފަދަ ގުދުރަތީ ރީތި ތަންތަން ހުރެ އެވެ. އެއިން ކޮންމެ ތަނަކީ ވެސް ބަލާ ފޫހިނުވާ ފަދަ ރީތިކަމެއް ލިބިގެންވާ ތަންތަނެވެ.

މިފަހަރު މި ބަލާލަނީ ސްޕެއިންގެ ކެނެރީ އައިލެންޑްސް ޖަޒީރާގައިވާ އެފަދަ ތަނަކަށެވެ. އެ ޖަޒީރާގެ ފުވޭރްތެވެންތުރާ ނަމަކަށް ކިޔާ ރަށުގައިވާ "ޕޮޕްކޯން ބީޗް" ގޮނޑުދޮށަކީ ކޮންމެ އަހަރަކު ވެސް އެތަނަށް އެތައް މިލިއަން ފަތުރުވެރިންނެއް ޒިއާރަތްކުރާ ތަނެކެވެ.

ޕޮޕްކޯން ބީޗް

ޕޮޕްކޯން ބީޗަށް އެ ނަން ދެވުނީ އެ ގޮނޑުދޮށުގައިވާ ވެލީގެ ގޮތުންނެވެ. ބަލާބެލުމަށް ޕޮޕްކޯންތަކެއްގެ ސިފައިގައި ފެންނަ އެ ވެލިފުށްތަކަކީ އެ ގޮނޑުދޮށަށް އެތަނުގެ ހާއްސަކަން ގެނުވައިދޭ މައިގަނޑު އެއް ކަމެވެ.

މި ވެލިފުށްތަކަކީ އެތައް ހާސް އަހަރެއް ވެފައިވާ މުރަކަތަކެއް ހިކިގެން އުފެދިފައިވާ ވެލިފުށްތަކެކެވެ. މި "ވެލިފުށް"ތަކާއި އަލިފާން ފަރުބަދައިގެ އަޅި އެއްވެ ދުރަށް ފެންނަނީ ޕޮޕްކޯންތަކެއްގެ ސިފައިގަ އެވެ.

ހިމުން ދޮންވެލި ގޮނޑުދޮށްތަކަކީ ނަމުން މަޝްހޫރު ތަންތަނަށް ވީ ނަމަވެސް ޕޮޕްކޯން ބީޗަކީ އެތަނަށް ހާއްސަ ތަފާތުކަމެއް ލިބިގެންވާ ތަނެއް ކަމުގައި ބުނެވިދާނެ އެވެ

ޕޮޕްކޯން ބީޗް

.

ޕޮޕްކޯން ބީޗަށް ޒިއާރަތްކުރާ ގިނަ ބަޔަކު އެތަނުން ވެލި ނަގައިގެން ގެންދަން ބޭނުންވި ނަމަވެސް އެއީ ގާނޫނީ ކުށެއްގެ ގޮތުގައި ކަނޑައެޅިފައި އޮންނަ ކަމެކެވެ.

އެގޮތުން އެތަނަށް ޒިއާރަތްކުރާ ފަތުރުވެރިން އެ ގޮނޑުދޮށުން ވެލި ނަގައިފިނަމަ 3100 އެމެރިކާ ޑޮލަރަށްވުރެ ކުޑަ ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.