ދުނިޔޭގައި އެންމެ އާއްމުކޮށް ފެންނަ ދާއިމީ އެއް ބަލިކަމަށްވާ ހަކުރުބަލި (ޑަޔަބެޓީސް) ޖެހުމުން ކެއިންބުއިމުގެ އާދަތަކަށް ބަދަލު ގެންނަން ޖެހެ އެވެ.

ނަމަވެސް، މޭވާގައި ގުދުރަތީ ހަކުރު ހުންނާތީ، ހަކުރުބަލި ހުންނަ މީހުން މޭވާ ކެއުމުން ލޭގައި ހަކުރު މަތިވެދާނެ ކަމަށް ހީކޮށް މޭވާ އެއްކޮށް ދޫކޮށްލުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ކޮލްކަތާގެ ސީކޭ ބިރްލާ ހޮސްޕިޓަލްގެ އެންޑޮކްރިނޮލޮޖިސްޓް ޑރ. ކަލްޔާން ކުމާރު ގަންގޯޕާދްޔާ ވިދާޅުވެ އެވެ.

ޑރ. ގަންގޯޕާދްޔާ ފާހަގަ ކުރައްވާ ގޮތުގައި، ގުދުރަތީ ގޮތުން މޭވާގައި ހުންނަ ހަކުރަކީ، އިތުރަށް ހަކުރު އަޅާފައި ހުންނަ ތަކެއްޗާ އެއްވަރަށް ގެއްލުންދޭ އެއްޗެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

އެހެންކަމުން، މޭވާ އެއްކޮށް ކެއުން ހުއްޓާލުމުގެ ބަދަލުގައި، މިންވަރަށް ސަމާލުވެ، މޭވާ އެއްކޮށް ކެއުމާއި، ކެއުމުގައި ހޭލުންތެރިކަން އިސްކުރުމަކީ އެންމެ މުހިންމު ކަންތަކެވެ.

ހަކުރުބަލި ހުންނަ މީހުންނަށް މޭވާ މުހިންމުވަނީ ކީއްވެ؟

ހަކުރުބަލި ކޮންޓްރޯލް ކުރަމުންދާ މީހުންގެ ކެއުމުގައި ވެސް މޭވާ ހިމެނުމަކީ ހަށިގަނޑަށް ފައިދާހުރި ކަމެކެވެ. މޭވާގައި ފްރަކްޓޯސް އާއި ގްލޫކޯސް ފަދަ ގުދުރަތީ ހަކުރު ހުރި ނަމަވެސް، އޭގައި ފައިބަރު، ވިޓަމިން، މިނެރަލް، އެންޓިއޮކްސިޑެންޓް އަދި ފެން ހުރެ އެވެ.

  • ލޭގައި ހަކުރު މަތިވުން ކުޑަކޮށްދޭ: ހަކުރު ގިނަ ބުއިންތަކާއި ޕްރޮސެސްޑް ފޮނި ބާވަތްތަކާ ޚިލާފަށް، މުޅި މޭވާގައި ހުންނަ ފައިބަރުގެ ސަބަބުން ހަޖަމު ކުރުމުގެ ނިޒާމު މަޑުޖެހި، ލޭގެ ތެރެއަށް ހަކުރު ދެމުންދާ މިންވަރު ލަސްކޮށްދެ އެވެ. މީގެ ސަބަބުން ކުއްލިއަކަށް ލޭގައި ހަކުރު މަތިވުމުން ރައްކާތެރި ކޮށްދެ އެވެ.
  • ހަޖަމުގެ ނިޒާމާއި ބަނޑު ފުރުން: ފައިބަރުގެ ސަބަބުން ގޮހޮރުގެ ދުޅަހެޔޮކަން ދަމަހައްޓައިދީ، އަވަހަށް ބަނޑުފުރޭ އިހްސާސް ގެނެސްދީ، ކާހިތްވާ މިންވަރު ހަމައަކަށް އަޅުވައިދެ އެވެ.

ސަމާލުކަމާއެކު މޭވާ ބޭނުން ކުރާނެ ގޮތްތައް

ހުރިހާ މޭވާއަކުން ލޭގައި ހަކުރު މަތިވަނީ އެއްގޮތަކަށް ނޫނެވެ. އެކަމަށް ކާބޯހައިޑްރޭޓްގެ މިންވަރާއި، ފައިބަރުގެ މިންވަރާއި، މޭވާ ދޮންވެފައިވާ މިންވަރާއި، ކާ މިންވަރު އަދި އެ މީހެއްގެ ސިއްހީ ހާލަތު އަސަރުކުރެ އެވެ.

  • މޭވާގެ ބާވަތްތަކާއި މިންވަރު: ފާރޮޅި، އާފަލު، ޕެއާ، އޮރެންޖް، ފަޅޯ އަދި ބެރީސް ފަދަ މޭވާތައް އެކަށީގެންވާ މިންވަރަކަށް ކެވިދާނެ އެވެ. ދޮންކެޔޮ، އަނބު ނުވަތަ މޭބިސްކަދުރު އެއްކޮށް ދޫކޮށްލާކަށް ނުޖެހެ އެވެ. މުހިންމީ ކާ މިންވަރަށް ސަމާލުވުމާއި، ތިމާގެ ލޭގައި ހަކުރު ހުންނަ މިންވަރަށް އެ މޭވާތަކުން ކުރާ އަސަރު ބެލުމެވެ.
  • މޭވާ ޖޫހަށްވުރެ މުޅި މޭވާ ރަނގަޅު: ތާޒާ މޭވާއިން ހަދާ ޖޫސް ވެސް، މުޅި މޭވާ ކެއުމަށްވުރެ އަވަހަށް ލޭގައި ހަކުރު މަތިކޮށްފާނެ އެވެ. ސަބަބަކީ ޖޫސް ހަދާއިރު ގިނަ އަދަދެއްގެ ފައިބަރު ގެއްލި، އެއް ތަށިން މޭވާ ގިނަ ޢަދަދެއްގެ ހަކުރު އެއްފަހަރާ ހަށިގަނޑަށް ލިބޭތީ އެވެ. ޕެކެޓް ކޮށްފައި ހުންނަ ޖޫސްތަކުގައި އިތުރު ހަކުރު ހުރެދާނެތީ އާއްމުކޮށް ބޭނުން ކުރުމަކީ އެދެވޭ ކަމެއް ނޫނެވެ.
  • ހިކި މޭވާ: ކަދުރު، ރެއިސިންސް އަދި ފިގްސް ފަދަ ހިކި މޭވާތަކުގައި ކާބޯހައިޑްރޭޓް އެކުލެވޭ މިންވަރު މަތިވާނެތީ، ކާ މިންވަރު ކޮންޓްރޯލް ކުރުން ވަރަށް މުހިއްމެވެ.

ކެއުމުގައި މޭވާ ހިމަނާނެ ރަނގަޅު ގޮތްތައް

މޭވާ ކާން ޖެހޭނީ ހަމައެކަނި ހެނދުނު ކަމަށާއި، ކެއުމަށްފަހު މޭވާ ކެއުމަކީ ގެއްލުންހުރި ކަމެއް ކަމަށް އޮންނަ ހިޔާލަކީ ވެސް ރަނގަޅު ވާހަކައެއް ނޫނެވެ. މޭވާ ކާން އެންމެ ރަނގަޅު ވަކި ހާއްސަ ވަގުތެއް އޮންނަ ކަމަށް ޑރ. ގަންގޯޕާދްޔާ ވިދާޅުވެފައެއް ނުވެ އެވެ؛ އެންމެ މުހިއްމީ މުޅި ދުވަހު ލިބޭ ކާބޯހައިޑްރޭޓްގެ މިންވަރާއި، ކާ މިންވަރާއި، މުޅި ކެއުމުގެ ބެލެންސް އެވެ.

މޭވާ ކުޑަ މިންވަރަކަށް ކާއިރު، ޕްރޮޓީން ނުވަތަ ހެލްތީ ފެޓްސް އެކުލެވޭ އެއްޗަކާއެކު (މިސާލަކަށް މަދު ނަޓްސްކޮޅެއް ނުވަތަ ހަކުރު ނާޅާ ހުންނަ ޔޯގަޓް) ކެއުމުން ބަނޑު ފުރުން ރަނގަޅުވެ، ކެއުމަށްފަހު ލޭގައި ހަކުރު މަތިވާ މިންވަރު މަޑުޖައްސައިދޭނެ އެވެ.

ހަމައެހެންމެ، ލޭގައި ހަކުރު ހުންނަ މިންވަރު ގަވާއިދުން ބެލުމާއި، ބޭސް ބޭނުންކުރާ ގޮތް، ކަސްރަތު، ކިޑްނީގެ ސިއްހަތު އަދި އެހެނިހެން ސިއްހީ މައްސަލަތަކަށް ރިއާޔަތްކޮށް، ޑޮކްޓަރުގެ ލަފާގެ މަތިން ކެއުމުގެ ޕްލޭން ބައްޓަންކުރުން މުހިންމެވެ.

ނޯޓު: މިއީ މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަޤުޞަދުގައި ގެނެސްދޭ ލިޔުމެކެވެ. ޞިއްޙީ ކަމަކާ ގުޅޭގޮތުން ވަކި ޚާއްޞަ ލަފައެއް ހޯދުމަށް އަބަދުވެސް ޑޮކްޓަރެއްގެ އިރުޝާދު ހޯއްދަވާށެވެ.