ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އަށް ޖަނަރޭޓަރެއް ހޯދަން އެންމެ ބޮޑު އަގު ހުށަހެޅިފަރާތާ ހަވާލުކުރި މައްސަލައެއް ފެންމަތި ވެއްޖެ އެވެ.

މިކަމާއި ގުޅިގެން "ހުރިހާ" އަށް ލިބިފައިވާ ބައެއް ލިޔެކިޔުންތަކުން އެނގޭ ގޮތުގައި ޖަނަރޭޓަރު ގަތުމަށް ހަވާލުކޮށްފައިވަނީ އެކަމަށް ހުށަހެޅި އެންމެ ބޮޑުއަގު ކަމަށްވާ 146.5 މިލިއަން ރުފިޔާ އަށް މޯހަން މުތާ އެކްސްޕޯޓްސް ކިޔާ ބަޔަކަށެވެ. މީ ހުށަހަޅާފައިވާ އެހެން އަގުތަކަށް ވުރެ 29 މިލިއަން ރުފިޔާ ބޮޑު އަގެކެވެ.

ސްޓެލްކޯއަށް ޖަނަރޭޓަރު ސެޓް ގަތުމަށް ހުށަހަޅާފައިވާ އަގުތައް

ދެން ހުރި އަގުތަކުގެ ތެރޭގައި 105، 113 އަދި 117 މިލިއަން ރުފިޔާ ހިމެނެ އެވެ. ނަމަވެސް މި ތިން އަގުވެސް ހުށަހަޅާފައިވަނީ އެއް ބަޔަކު ކަން ފާހަގަކުރެވެ އެވެ.

މިހާރަކަށް އައިސް ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުން ބޮޑު އަގުގައި މުދާ ހޯދާ މައްސަލަ ވަނީ ބޮޑުވެފަ އެވެ. ގިނަފަހަރު މިފަދަ ނިންމުންތައް ނިންމަނީ ތަނުގައިތިބޭ އިސްވެރިންވެސް ޝާމިލްވެގެން ކޮރަޕްޝަންއަށް މަގުފަހިވާ ގޮތަށެވެ. މިފަދަ ކޮންމެ މުއާމަލާތަކުން ތަނުގެ ވެރިންނަށް ބައި އަޅާގޮތަށް ކަންކަން ނިންމާފައިހުރެ އެވެ.