ރާއްޖޭގެ އާބާދީގެ 70 ޕަސެންޓް މީހުން ބޭނުން ކުރަންޖެހޭ މިންވަރަށް ވުރެ އިތުރަށް ލޮނު ބޭނުންކުރާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
ގިނައިން ލޮނު ބޭނުން ކުރުމަކީ ސިއްޙީ ގޮތުން ނުރައްކާތެރި ކަމެކެވެ. މިގޮތުން ދުވާލެއްގެ މައްޗަށް ކެއުމަށް ޑޮކްޓަރުން ލަފާ ދީފައިވާ ވަރަށްވުރެ ގިނައިން ލޮނު ބޭނުން ކޮށްފިނަމަ ގިނަ އުނދަގޫތަކެއް ހަށިގަނޑަށް ކުރިމަތިވާކަމަށް އެޗްޕީއޭއިން ބުނެ އެވެ.
އެޗްޕީއޭ އިން ބުނީ ދިވެހިންގެ ކެއުންބުއިމުގެ އާދައާގުޅޭގޮތުން ޑަބްލިއުއެޗްއޯއިން ހަދާފައިވާ ސްޓެޕް ސާވޭއިން ދިވެހިން މިހާރަށް ވުރެ ބޮޑަށް ސަމާލުކަންދޭން ޖެހޭ ބައެއް ކަންކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން މި ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން 70.3 ޕަސެންޓް މީހުންނަކީ ދުވާލެއްގެ މައްޗަށް ބޭނުންކުރަންޖެހޭ މިންވަރަށް ވުރެ އިތުރަށް ލޮނު ބޭނުންކުރާ މީހެއް ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
މާ ލޮނުގަދަކޮށް ކެއުމުން ލިބޭ ގެއްލުމަކީ ލޭގެ ޕްރެޝަރަށް އަސަރު ކުރުން އެކަންޏެއް ނޫނެވެ. އެއީ ދިފާއީ ނިޒާމަށް ވެސް އޭގެ އަސަރު ކުރުވާ ކަމެއްކަން ދިރާސާތަކުން ދައްކަ އެވެ. އެގޮތުން ތަފާތު އެކި ބެކްޓީރިއާގެ ޒަރިއްޔާއިން ސިއްޙަތަށް އަސަރު ކުރުވާ މިންވަރު އެކަމުގެ ސަބަބުން އިތުރުވެގެންދާ ކަމަށް ދިރާސާތަކުން ދައްކަ އެވެ.
ލޮނު ބޭނުންކުރާ މިންވަރު އިތުރުވުމަކީ ހާޓްއެޓޭކާއި ސްޓްރޯކް ޖެހުމަށް މަގުފަހިވާނެ ކަމެކެވެ. އަދި ލޮނަކީ ކިޑްނީގެ މައްސަލަތައް ހުންނަ މީހުން ވެސް ފަރުވާތެރިވާން ޖެހޭ އެއްޗެކެވެ.
ޑަބްލިއުއެޗްއޯއިން އިރުޝާދު ދޭ ގޮތުގައި ދުވާލަކަށް 5 ގްރާމަށް ވުރެ ގިނައިން ލޮނުގެ ބާވަތްތައް ބޭނުން ކުރުމަކީ ސިއްހަތަށް ގެއްލުންވެދާނެ ކަމެކެވެ. އެއީ ގާތްގަނޑަކަށް 1 މޭޒުމަތީ ސަމުސާ ފުރެންދެން ލޮނު އެޅުމުން ކިރާލެވޭ މިންވަރެވެ. އެހެން ނަމަވެސް، އާންމު ދިރިއުޅުމުގައި ގިނަ މީހުން ލޮނު ބޭނުން ކުރާ މިންވަރު ގިނަ ފަހަރު އޮންނަނީ ޑަބްލިއުއެޗްއޯގެ މި މިންގަނޑަށްވުރެ އެތައް ގުނައެއް އިތުރުވެފަ އެވެ.
ލޮނު ކެއުން މަދުކުރުމަކީ ހިތުގެ ސިއްހަތަށް ބޮޑެތި ފައިދާތަކެއް ކޮށްދޭނެ ކަމެކެވެ. ލޮނުގެ ބަދަލުގައި ހާބްސް އަދި ހަވާދުގެ ބާވަތްތައް ބޭނުންކުރުމުން ސިއްހަތަށް ފައިދާ ކުރާނެ ކަމަށް ވެސް އެޗްޕީއޭއިން ވިދާޅުވެ އެވެ.
ކަންމިހެން ހުރުމާއެކު، ކެއުމުގައި ލޮނު ބޭނުންކުރާ މިންވަރު އެކަށީގެންވާ މިންގަނޑެއްގައި ކޮންޓްރޯލް ކުރުމަކީ މުހިއްމު ކަމެކެވެ. އެގޮތުން ތައްޔާރީ ކާނާ ގަންނައިރު ވެސް، އޭގައި ލޮނު ހިމެނިފައިވާ މިންވަރު ޗެކް ކުރުމަކީ ކުރެވިދާނެ ކަމެކެވެ.