ނުވަ އަހަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި މަސައްކަތްކުރި މުވައްޒަފަކު ކަސްޓަމަރުންގެ އެކައުންޓުން ވަގަށް ފައިސާ ނެގިނަކަން ސާބިތުވެއްޖެ އެވެ.
ކަސްޓަމަރުންގެ އެކައުންޓުން ވަގަން ފައިސާ ނެގިކަން ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފައި ވަނީ ބ. އޭދަފުށި, ހިޔާވަހި, އަލީ މާޒިންގެ މައްޗަށެވެ.
އެ މައްސަލާގައި މާޒިންގެ މައްޗަށް ކޮށްފައިވަނީ ހިޔާނާތްތެރިވުމުގެ ދައުވާ އެވެ. އެ ދައުވާ މާޒިންގެ މައްޗަށް ކޮށްފައިވަނީ ބީއެމްއެލްގެ ކަސްޓަމާ ސާވިސް އެސިސްޓެންޓެއްގެ ގޮތުގައި ހުރެ, ލިބިފައިވާ މައުލޫމާތާއި ބާރުގެ ބޭނުންކޮށްގެން މެއި 14, 2021 އިން ސެޕްޓެމްބަރު 23, 2021 ގެ ނިޔަލަށް އެކި ދުވަސް މަތިން ކަސްޓަމަރުންގެ އެކައުންޓުން ފައިސާ ނެގި މައްސަލާގަ އެވެ.
ހުކުމުގައި ބުނެފައިވަނީ 13 ކަސްޓަމަރެއްގެ މައުލޫމާތު ބީއެމްއެލްގެ ސީއާރްއެމް ސިސްޓަމްއިން ބަދަލުކޮށް, ކަސްޓަމަރުންގެ ހުއްދަ ނެތި އެ ކަސްޓަމަރުންގެ އިންޓަނެޓް ބޭންކިން ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.
ސައްހަ ނޫން ކްރެޑިޓް ކާޑް ޕޭމަންޓްތަކާއި ފޮރެކްސް ޓްރޭޑިން މުއާމަލާތްތަކާ އެކު މާޒިންގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްގެން ޖުމްލަ 482،611.41ރ. ވަގަން ޖަމާކޮށްފައިވާކަމަށް ހުކުމްގައި ބުނެފައިވެ އެވެ.
އެ މައްސަލާގައި މާޒިންގެ މައްޗަށްކުރި ދައުވާއަށް އޭނާ އިއުތިރާފުވެފައިވާއިރު މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އަވަސް ނިޔާއިންނެވެ.
ދައުވާއަށް އިއުތިރާފުވުމާއެކު ޕީޖީއާއެކު މާޒިންވެފައިވާ އެއްބަސްވުމުގެ ބުނެފައިވަނީ އެ ކުށަކީ 4 ވަނަ ދަރަޖައިގެ ކުށެއް ކަމަށާއި އެ ކުށުގެ އަސްލު އަދަބަކީ އެއް އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުން ކަމަށެވެ. އެހެންނަމަވެސް އެއްބަސްވުމާއެކު އަދަބު 9 މަހާއި 18 ދުވަހަށް ބަދަލު އަންނާނެ ކަމަށް ބުނެފައިވެ އެވެ.
އެ ޖަލު އަދަބު, 40 ގަޑިއިރު މުޖުތަމައުއަށް ހިދުމަތްކުރުމާއި 56,200 ރުފިޔާއިން ޖޫރިމަނާކުރުމުގެ އަދަބަކަށް ބަދަލުކުރެވޭ ގޮތަށް ޕީޖީއާއެކު އެއްބަސްވެފައިވެ އެވެ. އަދި ބީއެމްއެލްއާއެކު މާޒިން ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތަށް ގެއްލުމުގެ ބަދަލުގެ ފައިސާ ދައްކަމުން ގެންދިއުމަށް ވެސް ޕީޖީގެ އެއްބަސްވުމުގައިވެ އެވެ.
އެގޮތަށް ހުކުމްކޮށް, ޖޫރިމަނާގެ ފައިސާ ތިން މަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް އަމުރުކޮށްފައިވެ އެވެ.
މާމޮޅު އެއްބަސްވުމެއް ހިނާނާތްވީމަ މިހަދަނީ ކިހިނެއް ގައުމު ރަގަޅުވާނީ ވައްކަން ކުރަންވީ އަދި ކޮބާ ކަސްޓަމުރުންގެ ހައްގު މީރާއަށް ޖޫރިމަނާ ރުފިޔާ ކިހާމޮޅު ކަސްޓަމަރުންގެ ފައިސާގެ ވާހަކައެއްނެތް… އަދީބުވެސް ހިޔާނާތްވީމަ އެހެންމީހަކު ބައްދަން މޮޅުއެއްބަސްވުމެއް ހަދާފަ ދޫކޮއްލީ މީހާލަތަކީ ކީއްކުރާނީ…