ރޭ ފިރިހެނަކު ރަހީނުކޮށް ކަރުގައި ވަޅިޖެއްސި އަންހެންމީހާއަކީ ފުލުހެއްކަން އެނގިއްޖެ އެވެ.

އެ އަންހެން މީހާއަކީ ފުލުހެއްކަން ފުލުހުންގެ މީޑިއާ އޮފިޝަލް ވެސް ވަނީ ކަށަވަރު ކޮށްދީފަ އެވެ.

ރޭގެ ހާދިސާގައި އެ އަންހެން މީހާއަށް އަނިޔާވެ ހޮސްޕިޓަލުން ފަރުވާ ދީފައިވެ އެވެ. ފުލުހުންބުނީ އޭނާގެ ހާލު ރަނގަޅު ކަމަށެވެ. މިއަދު ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވެސް ވަނީ އެ އަންހެންމީހާގެ ހާލު ބަލާފަ އެވެ.

ރޭ ރަހީނުކޮށްފައި ވަނީ އެ ފިރިހެން މީހާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެނެއް ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެ އެވެ. އެދެމީހުން ދެމެދުގައި ހިނގި ޒުވާބަކަށްފަހު އޭނާ ވަނީ އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައިގެން ގެއިން ނެރެ ސައިކަލްގައި ދިއުމަށް މަސައްކަތް ކޮށްފަ އެވެ.

ނަމަވެސް ވަކި ހިސާބަކުން ފުލުހުން ވަނީ އެމީހާއަށް މުގުރުން ހަމަލާދީ އަންހެން މީހާ ސަލާމަތްކޮށްފަ އެވެ. ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ދެމީހުނަށް ވެސް ކޮންމެވެސް ވަރަކަށް އަނިޔާލިބުނެވެ. ފިރިހެން މީހާއަށް ލިބުނު އަނިޔާއަށް އޭޑީކޭގައި ފަރުވާދީފައިވާއިރު، އަންހެން މީހާ އަށް ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފަ އެވެ.

މި މައްސަލައާ ގުޅޭ މައުލޫމާތު ހިއްސާކުރަމުން ފުލުހުން ބުނީ އަންހެން މީހާއަށް ގޭތެރޭގައި އަނިޔާކޮށް މަގުމައްޗަށް ނެރެ ވެސް އަނިޔާ ކޮށްފައިވާ ކަމަށެވެ. މި މައްސަލަ ފުލުހުންދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ.