ސިއްހީ ފަރުވާއަކަށް ސިންގަޕޫރުގައި ހުއްޓާ ރައީސް މުހައްމަދު މުއިއްޒުގެ ފޮޓޯއެއް ނެގި މީހާގެ ފޯނު ހިފަހައްޓައިފި އެވެ.

މިމައްސަލާގައި ފޯނު ހިފަހައްޓާފައި ވަނީ ރޭ ސިންގަޕޫރު އެއާލައިން މާލެ އައި ދިވެއްސެއްގެ ފޯނެކެވެ. އޭނާގެ ފޯނު ފުލުހުން ހިފަހައްޓާފައިވަނީ ކޯޓު އަމުރު ދެކުމަށްފަހު އެވެ. އެ މީހާއާ ސުވާލުކުރުމަށް ފަހު ފުލުހުން ވަނީ އޭނާ ދޫކޮށްލާފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާގެ ފޯނު ހިފަހައްޓަން ކްރިމިނަލް ކޯޓުން ކޯޓު އަމުރެއް ނެރެފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ.

މައުލޫމާތު ލިބިފައި ގޮތުގައި މި މައްސަލައިގައި ހިމެނޭކަމަށް ތުހުމަތު ކުރާ ފޮޓޯއަކީ، ސޯޝަލް މީޑިއާގައި ކާކުކަން ނޭނގޭ ގޮތަށް ހިންގާ "ހަސަން ކުރުސީ" އެކްސް އެކައުންޓުން އާންމުކުރި ފޮޓޯއެކެވެ.

އެ ފޮޓޯގައި ފެންނަނީ ރައީސް މުއިއްޒު އާއި އާއިލާ، އެމްއެންޑީއެފްގެ ސެކިއުރިޓީ ޑީޓެއިލްއާއެކީ އޮޗާޑް ރޯޑްގައި ހުންނަ އަގުބޮޑު ޝޮޕިން މޯލް، ޕެރެގަން މޯލް ތެރޭގައި ހިންގަވާފައި ވަޑައިގަންނަވާ މަންޒަރެވެ.

ރައީސް މުއިއްޒުގެ މި ފޮޓޯ ނެގި މައްސަލައިގައި ފޯނު ހިފަހައްޓަން އަމުރުކުރިއިރު، މީގެ ދުވަސްކޮޅެއް ކުރިން އެމަނިކުފާނު ކޮފީއެއްގައި އިންނަވަނިކޮށް ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުރި މީހަކު ފޮޓޯއެއް އާންމުކުރި ނަމަވެސް އެ މައްސަލައިގައި އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަން ފާހަގަކޮށްލެވެ އެވެ.