މަގުމަތީގައި އުޅޭއިރު ކޮންމެ ފަސް މިނެޓަކުން ފުލުހަކު ފެންނާނެ ގޮތަށް އުސޫލު ބަދަލުކުރަން ނިންމާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު، ފުލުހުންގެ މަސައްކަތްތަކާ ގުޅޭ ގޮތުން މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މި ބަދަލަކީ މާލޭ ސަރަހައްދުގައި ހިނގާ އެކްސިޑެންޓްތައް އިތުރުވަމުންދާތީ ގެންނަ ބަދަލެއް ކަމަށެވެ.

އެގޮތުން މިހާރު ޓްރޭނިން ހަދަމުން އަންނަ ފުލުހުން ޓްރޭނިން ނިމުމުން ފްރޮންޓް ލައިންގައި ހިދުމަތްދީ ދުވާލުގެ ބޮޑު ބައެއްގައި ފުލުހުން މަގުތަކުގައި ހަރަކާތްތެރިވާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

މިކަމާ ގުޅޭގޮތުން އިތުރަށް މައުލޫމާތު ހިއްސާކުރަމުން ޝުޖާއު ވިދާޅުވީ މަގުތަކުގެ ބާރު ބޮޑުވާ ޕީކް ގަޑިތަކުގައި 21 ސަރަހައްދެއްގައި ފުލުހުން ހަރަކާތްތެރިވަމުން ގެންދާނެ ކަމަށާއި އެ މަސައްކަތްތައް މޮނިޓާކޮށް ވިލަރެސް ކުރުމަށް ޒަމާނީ ކޮމިއުނިކޭޝަން ސެންޓަރެއް މާލެ އަދި ހުޅުމާލޭގައި ގާއިމްކޮށްފައިވާނެ ކަމަށެވެ. އެ ސެންޓަރުގައި ސީނިއާ ފުލުހަކު 24 ގަޑިއިރު ޑިއުޓީ ކުރަމުން ގެންދާނެކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެއާއެކު ފުލުހުން ހަރަކާތެރިވަމުންދާ ސީދާ ސަރަހައްދު އެ ސެންޓަރުން ވަގުތުން ބަލައިލެވޭނެ ކަމަށާއި ފުލުހުންގެ މަސައްކަތްތަކަށް ބޭނުންވާ މައުލޫމާތު ޓެކްނޮލޮޖީގެ އެހީގައި މި ސެންޓަރުގައި ވަގުތުން އެއްކޮށް، އެނަލައިޒް ކުރެވެމުން ދާނެކަމަށް ޝުޖާއު ވިދާޅުވި އެވެ.

މީގެ އިތުރުން ޝުޖާއު ވިދާޅުވީ މަސްތުވާތަކެއްޗާއި ގޭންގު ކުށްތައް ހުއްޓުވުމަށްވެސް ގިނަ ކަންތައްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ގޭންގް ކުށްތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ވަކިން ހާއްސަ ވިންގެއް ގާއިމްކޮށްފައިވާއިރު، މިހާރު ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން މާލެ އާއި ހުޅުމާލޭގައި ގޭންގްތައް ހަރަކާތްތެރިވާ ސަރަހައްދުތަކުގައި ސްޓެޓިކްކޮށް ފުލުހުން ތިބެގެން ބަލަހައްޓަމުން ގެންދާނެކަމަށެވެ.

މި އަހަރުގެ މިހާތަނަށް މާލެ ސަރަހައްދުގައި ވަނީ ނުރައްކާތެރި ގިނަ އެކްސިޑެންޓްތަކެއް ހިނގާފަ އެވެ. ބައެއް އެކްސިޑެންޓްތަކުގައި މީހުން މަރުވެފައިވެ އެވެ. އެކްސިޑެންޓްތައް ގިނަވަމުން ދިއުމުން މިހާރުވެސް ފުލުހުންދަނީ މަގުމަތީގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންކަމަށް އެ އިދާރާއިން ބުނެ އެވެ.