ރައީސް މުހައްމަދު މުއިއްޒު ސިނަމާލެ ބްރިޖްގެ މަދުވި ލޭންގެ މައްސަލައިގައި އިތުރުފުޅު ހެއްދިވެކަން ހާމަވެއްޖެ އެވެ.
ރޭ ސަންގު ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މުއިއްޒު ވިދާޅުވީ ބްރިޖްގެ މަސައްކަތް އޭރުގެ ހައުސިން މިނިސްޓްރީއާ ހަވާލުކުރި ފަހުން އެއްވެސް ލޭނެއް މަދުނުވާނެ ކަމަށެވެ.
ސިނަމާލެ ބްރިޖް ޕްރެޖެކްޓް ފެށިއިރު ބަލަހައްޓަމުން ދިޔައީ ރައީސް އޮފީހާއި ފޮރިން މިނިސްޓްރީން ކަމަށާއި، ހައުސިން މިނިސްޓްރީއާ ހަވާލުކުރީ ނޮވެމްބަރު 2014 ގައި ކަމަށާއި އޭގެ ފަހުން އެއްވެސް ލޭނަކަށް ބަދަލެއް ނާންނަ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ނަމަވެސް ސޯޝަލް މީޑިއާގައި މިއަދު ދައުރުވަމުންދާ ވީޑިއޯއެއްގައި ހައުސިން މިނިސްޓަރުކަމުގައި ހުންނެވި ދުވަސްވަރު ބްރިޖް ޕްރޮޖެކްޓާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މުއިއްޒު ވިދާޅުވީ، ބްރިޖުގައި ހަތަރު ފުރޮޅުލީ ވެހިކަލް ދުއްވުމަށް ދެ ލޭނާއި، ސައިކަލް ދުއްވާ ދެ ލޭން އަދި ބައިސްކަލް ދުއްވާނެ ލޭނަކާއި ހިނގާފަ އުޅޭ މީހުނަށް ލޭނެން އޮންނާނެ ކަމަށެވެ. އެހެންކަމުން ހައުސިން މިނިސްޓްރީއާ ހަވާލުކުރި އިރުވެސް ބްރިޖް ޕްރޮޖެކްޓުގައި ފުރަތަމަ ދެއްކި ކުރެހުމުގައި ބުނާގޮތަށް ސައިކަލަށް ވެސް ވަކިން ލޭނެއް އޮތްކަން އެނގެ އެވެ.
ސިނަމާލެ ބްރިޖް ޕްލޭން ކުރެވިގެން އައީ އަދި ފެށީ ފުޅާ މިނުގައި 25 މީޓަރު، ކޮޅަކަށް 3 ލޭން ހިމެނޭ ގޮތަށެވެ. ނަމަވެސް ބްރިޖް ނިމުނުއިރު ބްރިޖްގެ ފުޅާމިނުގައި ހުރީ 21 މީޓަރެވެ. ސައިކަލަށާއި ބައިސިކަލަށް ވަކި ހާއްސަ ލޭނެއް ނެތެވެ.
ބްރިޖް ޕްރޮޖެކްޓް އިފްތިތާފު ކުރުމަށް ބޭއްވި ޖަލްސާގައި އޭރުގެ ނައިބު ރައީސް އަހުމަދު އަދީބު ވެސް ވަނީ ބްރިޖްގައި ހުންނާނެ ލޭންތައް ވަރަށް ތަފްސީލުކޮށް ކިޔާދެއްވާފަ އެވެ.
ރިޔާސީ ވައުދެއްގެ ގޮތުގައި ރައީސް ޔާމީން ރައްޔިތުންނަށް ދެއްކެވި މަންޒަރުތަކަށް ދިރުން ގެންނަން ހަވާލުކުރި، ޗައިނާގެ ސީސީސީސީ އަށް އެކަން ކުރެވުނީ، ހަތަރު އަހަރު ވަންދެން 24 ގަޑިއިރު ހުއްޓާނުލައި މަސައްކަތްކޮށްގެންނެވެ. އެ މަސައްކަތުގައި، ދެ ޝިފްޓަށް ކޮންމެ ދުވަހަކު ވެސް ހާހެއްހާ މުވައްޒަފުން އުޅުނެވެ.
އެ ބްރިޖް ނިމުނުއިރު އޮތީ ވެހިކަލްތަކަށް ޖުމްލަ ހަތަރު ލޭނެވެ. އެއީ ހުޅުލޭ ކޮޅަށް ޚާއްސަ ދެ ލޭނާއި މާލޭ ކޮޅަށް ދެ ލޭނެވެ. މާލޭ ކޮޅުގެ ދެ ލޭންގައި، 3.5 މީޓަރު ހުންނައިރު، އަނެއް ދެ ލޭންގައި 3.2 މީޓަރު ހުންނާނެ ކަމަށް ބްރިޖުގެ މަސައްކަތުގައި އޭރު އުޅުއްވި ހައުސިން މިނިސްޓްރީގެ އިސް އޮފިޝަލުން ވިދާޅުވެފައިވެ އެވެ. އޭގެ އިތުރުން، ދެ ފަރާތުން ބައިސިކަލް ދުއްވޭވަރުގެ ލޭނެއް ހެދި ނަމަވެސް ބައިސްކަލް ދުއްވަން ހުއްދަ އެއް ނުދެ އެވެ. އެ ލޭން ބޭނުންކުރަނީ މީހުން ޖޮގިންއަށެވެ.