މަތީ ތައުލީމާއި ތަމްރީނުގެ ލޯނަށް އެދުމަށް ހުޅުވާލި ފުރުސަތުގައި 1176 ފަރާތަކުން ލޯނަށް އެދި ފޯމް ހުށަހަޅައިފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މަތީ ތައުލީމާއި ތަމްރީން ހޯދުމަށް ލޯނަށް އެދެން ހުޅުވާލި ފުރުސަތުގައި 1،176 ފަރާތަކުން ފޯމް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެޕްލިކޭޝަން ފޯމްތައް ވަޒަންކުރާނީ ތެދުވެރިކަމާއި އިޚްލާސްތެރިކަމާއެކު، ޖެޒެޓްކުރެވިފައިވާ އުސޫލާ އެއްގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ފޯމްތައް ވަޒަންކުރާނީ ސިޔާސީ އެއްވެސް ނުފޫޒެއް ނެތި ކަމަށެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން 770 ޖާގައިގެ ލޯނަށް އެދުމުގެ ފުރުސަތު މިދިޔަ މަހުގެ 11 ވަނަ ދުވަހު ހުޅުވާލިއިރު މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ފޯމް ހުށަހެޅުމުގެ މުއްދަތު ހަމަވެފަ އެވެ.

އަލަށް ހުޅުވާލި 770 ޖާގައިގެ ލޯން ސްކީމުގެ ތެރެއިން 471 ސްލޮޓަކީ މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ހާއްސަ ސްލޮޓުތަކެވެ. އަދި ބާކީ ހުރި ސްލޮޓްތަކުގެ ތެރެއިން 290 ސްލޮޓަކީ އަލަށް ކިޔަވާ ދަރިވަރުންނަށް ހާއްސަ ސްލޮޓްތަކަށްވާއިރު މިފަހަރުގެ ބައެއް ސްލޮޓްވަނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ކުރެވިފަ އެވެ.