ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނުންގެ ސިކުނޑިތައް އަޖާއިބު ކޮށްލާ ފަދަ ރީތި ތަންތަން ލައްވަވާފައިވެ އެވެ. އެ ތަންތަނަށް ނަޒަރު ހިންގާލުމުން ހެއްދެވި ފަރާތުގެ ކުޅަދުންވަންތަ ކަމަށް ހެކިވެ އެވެ.

މިފަހަރުގެ ހޮނިހިރު ދަތުރުގައި ވެސް މި ބަލާލަނީ އެފަދަ ޖާދުވީ މަންޒިލަކަށެވެ. މި ފަހަރު މިއޮތީ "ގުދުރަތުގެ ކުލަފޮށިން" ޗައިނާގެ ރެއިންބޯ މައުންޓަންސްއެވެ.

ޗައިނާގެ ޒަންހޭ ޑެންޒިއާ ލޭންޑްފޯމް ޖިއޮލޮޖިކަލް ޕާކް ސަރަހައްދުގައި ހިމެނޭ މި ފަރުބަދަތަކަކީ ގުދުރަތުގެ ކުލަފޮށިން ކުރަހާލާފައިވާ ރީތި މަންޒަރެކޭ ބުނެވެނީ އެ ފަރުބަދަތަކަށް ލިބިފައިވާ އާދަޔާ ޚިލާފު ކުލަތަކުންނެވެ.

ޗައިނާގެ

އާއްމު ގޮތެއްގައި ދުނިޔޭގެ ފަރުބަދަތަކުގައި ހުންނަނީ މުށި ނުވަތަ ކަޅު ކުލައަށްދާ ވެލި ނަމަވެސް ޗައިނާގެ މި ފަރުބަދަތައް ދުރުދުރަށް ފެންނަނީ ވިދުންގަދަ ތަފާތު ކުލަތަކުންނެވެ.

ރަތާއި ފެއްސެވެ. ފިޔާތޮށްޓާއި ނޫކުލަ އެވެ. ރީނދޫ ކުލަ އާއި ދަނބެވެ. ބަލާ މީހަކު ބަލާ ފޫހިނުވާނެ ފަދަ ކުލަތައް ރެއިންބޯ މައުންޓަންސްއިން ފެނިގެންދެ އެވެ.

ޗައިނާގެ

ދެން އުފެދޭ ސުވާލަކީ މި ފަރުބަދަތަކަށް އާދަޔާ ހިލާފު ކުލަތަކެއް ލިބެންވީ ކީއްވެތޯ އުފެދޭ ސުވާލެވެ. މިކަމުގެ ޖަވާބަކަށް ވަނީ ސައިންސްގެ އެހީގައި ސަބަބު ކުރެވޭ ކަމެކެވެ.

ޖިއޮލޮޖިސްޓުން ބުނާ ގޮތުގައި ރެއިންބޯ މައުންޓަންސްއަކީ މީގެ 55 މިލިއަނެއްހާ އަހަރު ކުރިން ދުނިޔެއަށް އައި ލޮޅުމެއްގެ ސަބަބުން އުފެދުނު ފަރުބަދަތަކެކެވެ.

ޗައިނާގެ

އެ ފަރުބަދަތަކަށް ވިދުންގަދަ ކުލަތައް ގެނެސްދެނީ ޗައިނާގެ ބިމުގައި ވަޅުލެވިފައިވާ ތަފާތު މިނަރަލްތަކެއްގެ ސަބަބުންނެވެ.

ޔުނެސްކޯ ވޯލްޑް ހެރިޓޭޖް ލިސްޓުގައި 2009 ވަނަ އަހަރު ހިމަނާފައިވާ ރެއިންބޯ މައުންޓަންސްއަކީ ކޮންމެ އަހަރަކު ވެސް ޗައިނާގެ ރައްޔިތުންގެ އިތުރުން އެހެން ގައުމުތަކުގެ ފަތުރުވެރިން ވެސް ޒިއާރަތްކުރާ މަންޒިލެކެވެ.

އާއެކެވެ. ހަމަ ހަގީގަތުގައި ވެސް ގުދުރަތުގެ ކުލަފޮށްޓަކީ އަޖާއިބު ކުރުވަނިވި ކުލަފޮށްޓެކެވެ. އެ ކުލަފޮށިން ކުރަހާލާ މަންޒަރުތަކަކީ ލޯތަކަށް ހިތްހަމަ ޖެހުން ގެނުވައިދޭ ތަފާތު މަންޒަރުތަކެކެވެ.