ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އެފްއޭއެމްގެ ފައިސާއިން ގަތްކަމަށް ތުހުމަތު ކުރާ، އަމީން އެވެނިއު ދެ އެޕާޓްމަންޓް ފުލުހުންނާއި ހަވާލުކޮށްފި އެވެ.
މިކަން ހާމަކުރަމުން ފުލުހުން ރޭ ބުނެފައިވަނީ ހުޅުމާލެ ލޮޓް ނަމްބަރު އެން 2 – 25 ގެ ބްލޮކް އޭގެ ނަމްބަރު އޭ1205 އަދި އޭ1206 އެޕާޓްމަންޓް ރޭގެ 12:00ގައި ފުލުހުންނާ ހަވާލުކޮށްފައިވާކަމަށެވެ.
މި އެޕާޓްމެންޓްތައް ހަވާލުކޮށްފައި މިވަނީ ބައްސާމު ހިޔާނާތުގެ ފައިސާއަށް ގަތްކަމަށްބުނާ ދެ އެޕާޓްމަންޓް ފުލުހުންނާއި ހަވާލުކުރަން ކޯޓުން ސެޕްޓެމްބަރު 28 ގައި އަމުރުކުރުމާއި ގުޅިގެންނެވެ. ނަމަވެސް ފަހުން އެޕާޓްމެންޓް ހުސްކުރުން ފަސްކޮށްދިނުމަށް އެދި ބައްސާމްގެ ވަކީލުގެ ފަރާތުން ސިޓީއަކުން އެދިފައިވާކަމަށް ފުލުހުން ބުނެފައިވެ އެވެ.
އެ ސިޓީއާ ގުޅިގެން ފުލުހުންވަނީ އިންސާނީ ކަރާމާތަށް ހުރުމަތްތެރިކޮށް ހިތުމުގެ ގޮތުން ކަމަށް ބުނެ އެޕާޓްމަންޓްތައް ހަވާލުކުރުން އޮކްޓޯބަރު 31 ވަނަ ދުވަހާ ހަމައަށް މުއްދަތު އިތުރުކޮށްދީފަ އެވެ. ނަމަވެސް އެކަމަށް ފާޑުކިޔުންތައް އަމާޒުވެ، އެ މައްސަލައިގާ ފުލުހުން ފަހުން ނިންމީ މުހުލަތު ދޭން ނިންމި ނިންމުން ބާތިލުކުރުމަށެވެ.
ބައްސާމު މި އެޕާޓްމަންޓްތައް ގަތް އެއް މިލިއަން ޑޮލަރަކީ ކޮވިޑުގައި ކްލަބްތަކަށް ދިމާވީ މާލީ ދަތިކަން ހައްލުކޮށްދޭން ކަމަށް ބުނެ ފީފާ އަތުން އެފްއޭއެމް ނެގި 1.9 މިލިއަން ޑޮލަރުގެ ކޮވިޑް ރިލީފް ލޯނުގެ ފައިސާކަން އެނގިފައިވާ ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ. ފުލުހުން އިތުރަށް ބުނީ އެފްއޭއެމްގެ ފައިސާ އިން އެޕާޓްމަންޓް ގަތުމަށްފަހު އެ ފައިސާގެ އަސްލު އޮޅުވާލުމަށް ލިޔެކިޔުންތަކަށް ބަދަލު ގެނެސްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.