މި ދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސް ދުވަސްވަރެކެވެ. ބޯކޮށް ވާރޭ ވެހި ގަދައަށް ވައި ޖެހޭ މި ދުވަސްވަރު ހެދުން އެޅުމުގައި ވެސް ބައެއް ކަންކަމަށް ސަމާލުވާން ޖެހެ އެވެ.
ލުއި ފޮތި އިޚްތިޔާރު ކުރުން
ވިއްސާރަ މޫސުމުގައި ވާރެއާ ތެމެން ޖެހިދާނެ ކަމަށް ވިސްނުމަކީ މުހިއްމު ކަމެކެވެ. އެފަދަ ހާލަތެއްގައި ލައިގެން ހުންނަ ހެދުން އަވަހަށް ހިކޭނީ ލުއި ފޮއްޗެއް ނަމަ އެވެ. އެހެން ކަމުން ވިއްސާރައިގައި ބޭރަށް ދާނަމަ ލުއި ފޮތީގެ ހެދުމެއް ހިޔާރު ކުރާށެވެ. މިސާލަކަށް ލިނެން ނުވަތަ ކޮޓޮން އެވެ. ބަރު ފޮތީގެ ހެދުމުގައި ތެމިއްޖެ ނަމަ ހެދުމުން ތަތްމުޑު ވަސް ދުވުން ގާތެވެ.
ގަދަ ކުލަތައް ބޭނުން ކުރުން
ހުދު ނުވަތަ އެ ނޫން ވެސް އަލި ކުލަތަކަކީ އާއްމުކޮށް ގިނަ ބަޔަކު ލޯބިކުރާ ކުލަތަކެއް ނަމަވެސް ވިއްސާރަ މޫސުމުގައި އެ ކުލަތަކުގެ ހެދުން ބޭނުން ކުރުމަކީ ރަނގަޅު ހިޔާލެއް ނޫނެވެ. ކިސަޑާއި ހަޑި ފެނުން ހެދުން ހަޑިވާން ބޭނުންނުވާ ނަމަ ކަޅާއި އެ ނޫން ވެސް ގަދަ ކުލަތައް އިހްތިޔާރު ކުރާށެވެ.
ގުދުރަތީ ތަކެތިން ހަދާފައިވާ ފޮތި ބޭނުން ކުރުން
ސިންތެޓިކް ފޮއްޗަކީ އާއްމުކޮށް ވެސް ލައިގެން އުޅެން އުނދަގޫ ފޮއްޗެކެވެ. ވީއިރު ވިއްސާރަ މޫސުމުގައި އެ ފޮތި ލައިގެން އުޅެން ވަކިން އުނދަގޫވާނެ އެވެ. އޭގެ ބަދަލުގައި ލިނެން ނުވަތަ ކޮޓަން ފަދަ ގުދުރަތީ ތަކެތިން އުފައްދާފައިވާ ފޮތީގެ އަންނައުނު ބޭނުން ކުރާށެވެ.
ގަޔަށް ދޫ ހެދުން ލުން
ވާރޭ ވެހޭއިރު ބޭރަށް ދާނަމަ ނުވަތަ ގޭގައި އުޅޭއިރު ވެސް ގަޔަށް ދޫ ހެދުންތައް ބޭނުން ކުރާށެވެ. ސަބަބަކީ އެފަދަ ހެދުންތަކުގައި އުޅެން ފަސޭހަ ވުމާއި ވާރެއާ ތެމިއްޖެ ހާލަތެއްގައި ވެސް ލައިގެން ހުންނަ ހެދުން ގަޔަށް ހިފާ މިންވަރު ކުޑަ ވުމެވެ.
ހެދުން އެޅުމުގައި "ލޭޔަރިން" ބޭނުންކުރުން
ވިއްސާރަ މޫސުމުގެ ފިނިން ސަލާމަތްވުމަށްޓަކައި ހެދުން އަޅާއިރު "ލޭޔަރިން" ކުރުން މުހިއްމެވެ. އެގޮތުން ލުއި ފޮތީގެ ހެދުމަކާ އެކު ސްކާފް ނުވަތަ ޖެކެޓް ފަދަ އެއްޗެއް ބޭނުން ކުރުމަކީ ފިނިން ރައްކާތެރިވެ ބަލިތަކުން ވެސް ދުރު ކުރުވާނެ ކަމެކެވެ.