މޯލްޑިވްސް ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އެ އެސޯސިއޭޝަންގެ ފައިސާއިން ގަތް ކަމަށް ތުހުމަތުކުރެވޭ ދެ އެޕާޓްމަންޓް ފުލުހުން ނެގުމަށް ކުރި އަމުރު ހައިކޯޓްގައި އިސްތިއުނާފު ކޮށްފި އެވެ.

ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ބައްސާމުގެ ދެ ފްލެޓް ފުލުހުން ނެގުމަށް ކުރި އަމުރު ހައި ކޯޓުގެ ރަޖިސްޓްރީން ދެއްކި ނަމަވެސް، މައްސަލަ ބަލައިގަތުމާ ގުޅޭގޮތުން އެ ކޯޓުން އަދި ގޮތެއް ނިންމާފައިނުވާ ކަމަށް ރަޖިސްޓްރީން ދައްކަ އެވެ.

އަމީން އެވެނިއު އިން ބައްސާމު ގަނެފައިވާ ހުޅުމާލެ ލޮޓް ނަމްބަރު އެން 2 – 25 ގެ ބްލޮކް އޭގެ ނަމްބަރު އޭ1205 އަދި އޭ1206 އެޕާޓްމަންޓް މިދިޔަ އަންގާރަ ދުވަހުގެ ރޭ 12:00 ގައި ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.

ބައްސާމު މި އެޕާޓްމަންޓްތައް ގަތް އެއް މިލިއަން ޑޮލަރަކީ ކޮވިޑުގައި ކްލަބްތަކަށް ދިމާވީ މާލީ ދަތިކަން ހައްލުކޮށްދޭން ކަމަށް ބުނެ ފީފާ އަތުން އެފްއޭއެމް ނެގި 1.9 މިލިއަން ޑޮލަރުގެ ކޮވިޑް ރިލީފް ލޯނުގެ ފައިސާކަން އެނގިފައިވާ ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ. ފުލުހުން އިތުރަށް ބުނީ އެފްއޭއެމްގެ ފައިސާ އިން އެޕާޓްމަންޓް ގަތުމަށްފަހު އެ ފައިސާގެ އަސްލު އޮޅުވާލުމަށް ލިޔެކިޔުންތަކަށް ބަދަލު ގެނެސްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.