އަހަރުގެ ބޮޑު ކައިވެނީގެ ގޮތުގައި އިއްޔެ ކުރި ސަން ސިޔާމް ރިސޯޓްސްގެ ވެރިޔާ އަހުމަދު ސިޔާމް މުހައްމަދާއި މިދިޔަ ބޮޑު އީދު ޝޯތަކުން ބ. ކަމަދޫން ވިދާލި ނެށުންތެރިޔާ އާމިނަތު ޒާރާގެ ކައިވެންޏާ އެކު ކުރިން ނޭނގޭ ބައެއް ވާހަކަތައް ވެސް މި ވަނީ ސާފުވާން ފަށައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރުކަމުގެ ހަތަރު ވަނަ ދައުރު ފުރިހަމަ ކުރައްވާ ސިޔާމް އެންމެ ފަހުން މި ކައިވެނި ކުރި އިރު އޭނާގެ އުމުރަކީ 55 އަހަރެވެ. ބައެއް މީހުން ހީކޮށްގެން ތިބީ ރާއްޖޭގެ ޓޫރިޒަމް ވިޔަފާރީގައި އެންމެ އިސް ސަފުގައި ގުނާލެވޭ ސިޔާމްގެ އުމުރު އެއަށްވުރެ މަތިވާނެ ކަމަށެވެ. ޒާރާގެ އަލަތު ކައިވެނިކޮށްފައި މި ވަނީ އޭނާގެ އުމުރުން 23 އަހަރުގަ އެވެ. އެހެންވެ ދެ މީހުންގެ އުމުރުގެ ތަފާތު 32 އަހަރު ހުއްޓަސް އެއީ މައްސަލައެއް ނޫނެވެ. ބުނެ އުޅެ އެވެ. އުމުރަކީ ހަމައެކަނި އަދަދެކެވެ.

ޒާރާ އާއި ސިޔާމްގެ ކައިވެނީގެ ހަފްލާގެ ތެރެއިން -- ފޮޓޯ: ސޯޝަލް މީޑިއާ

އީދު ޝޯތަކުން މަޝްހޫރުކަން ހޯދި އިރު ޒާރާ ގެންދިޔައީ ކަމަދޫ ކައުންސިލްގައި ވަޒީފާ އަދާކުރަމުންނެވެ. އެކަމަކު ރާއްޖޭގެ އެންމެ ބޮޑު އެއް މަހުޖަނުގެ އަނތްބަކަށްވުމާ އެކު ކަމަދޫ ކައުންސިލްގެ ވަޒީފާއިން ލިބޭ މުސާރަ ޒާރާ އަށް މާ މުހިންމެއް ނުވާނެ އެވެ. ފައިސާ އިން ބަލާ ނަމަ ދަތިކަމެއް އޮވެގެން ދެން ނުވާނެ އެވެ.

ކުރިން އަޑު އަރާފައި ވަނީ ސިޔާމްގެ ކައިވެންޏަށް ޒާރާ ރަން ކިޔާފައި ވަނީ ދެ ގެސްޓް ހައުސްއަށެވެ. އެއީ ޒާރާ އަށް ގެސްޓް ހައުސްއަކާއި އޭނާގެ ދައްތަ އަށް ގެސްޓް ހައުސްއެކެވެ. އެކަމަކު އެނގިފައިވާ ގޮތުގައި ކައިވެނީގެ ރަނަކީ 2024 ރުފިޔާ އެވެ. ކަައިވެނި ކުރި އަހަރުގެ އަދަދާ ގުޅުވާލީ ކަމަށް ވެސް ވެދާނެ އެވެ. އެކަމަކު ސިޔާމް އަކީ ދެ ގެސްޓް ހައުސް އަށް ވުރެ ގިނައިން ވެސް އަޅައިދެވޭ ފެންވަރު ބޭފުޅެކެވެ.

ޒާރާ އާއި ސިޔާމްގެ ކައިވެނީގެ ހަފްލާގެ ތެރެއިން -- ފޮޓޯ: ސޯޝަލް މީޑިއާ

ސިޔާމް ވަނީ މީގެ ކުރިން ބައެއް ކައިވެނިތައް ކޮށްފަ އެވެ. އަދި އެ ކައިވެނިތަކަށް ކުދިން ވެސް ވަނީ ލިބިފަ އެވެ. ސިޔާމް އެންމެ ފަހުން ކައިވެނި ބައްލަވައިގެންނެވި މޮރޮކޯގެ އަނބިކަނބަލަށް ދާދި ފަހުން ކުއްޖަކު ލިބިފައިވާ ކަމަށްވެ އެވެ.

ސިޔާމް އާއި ޒާރާގެ ކައިވެނީގެ ހަފުލާ ބާއްވާފައި ވަނީ ސިޔާމްގެ އަމިއްލަ ރިސޯޓެއް ކަމަށްވާ މާލެ އަތޮޅު އޮޅުވެލީގަ އެވެ. އެ ރިސޯޓުގައި ބޭއްވި ރަން ކިޔުމުގެ ހަފުލާގައި ޒާރާ ވަނީ ސިޔާމަށް ތައުރީފްކޮށް އަސަރުގަދަ ލަވައެއް ކިޔައިދީފަ އެވެ. ލަވަ އަޑުއަހަން އިންނެވި އިރު ސިޔާމްގެ މޫނުމަތިން ދިޔައީ އުފާވެރިކަމުގެ ޝުއޫރުތައް ފާޅުވަމުންނެވެ.

https://www.tiktok.com/@mrsays_/video/7424211891569954066?q=zara&t=1728674729442

އޮޅުވެލީގައި ބޭއްވި ކައިވެނި ހަފުލާގައި ދެ ފަރާތުގެ އާއިލީ މީހުންނާއި ސިޔާމްގެ ބައެއް މުވައްޒަފުންނާއި އޭނާ ހިންގަވާ ސިޔާސީ ޕާޓީގެ އިސް ބޭފުޅުން ވެސް ބައިވެރިވެފައިވެ އެވެ. ޒާރާގެ އުފަން ރަށުގައި ވެސް ކައިވެނީގެ ބޮޑު ހަފުލާއެއް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ. އެ ހަފުލާ އޮންނާނެ ކަމަށް ބުނަނީ މި މަހު 15 ވަނަ ދުވަހު އެވެ. މާލޭން ކަމަދުއަށް މީހުން ގެންދިއުމަށް ހޯކްސް ކުންފުނީގެ ލޯންޗުތައް ވެސް ކުއްޔަށް ނަގާފައިވާ ކަމަށްވެ އެވެ. ކައިވެނި ހަފުލާގައި ކެއްކުމަށް ސިޔާމްގެ ރިސޯޓްތަކުން ކައްކާ އިން ވެސް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

https://www.tiktok.com/@lyrically143/video/7424223173236772104?q=zara&t=1728674729442

އަސް ދުއްވުމަށް ލޯބިކުރައްވާ ސިޔާމްގެ ބައެއް އަސްތައް ވެސް މިހާރު ވަނީ ކަމަދުއަށް ގެންގޮސްފަ އެވެ.

ސިޔާމް އާއި ޒާރާގެ ކައިވެނީގެ ކުރިން އަޑު އަރައިގެން ދިޔައީ ކަމަދޫގެ ހުރިހާ ރައްޔިތުންނަށް ސިޔާމްގެ ފަރާތުން ބޭސް ފަރުވާގެ ކަންކަން ހަމަޖެއްސި ޚަބަރެވެ. އޭރު ވެސް ބައެއް މީހުން ބުނަމުން ދިޔަ އެވެ. އެކަމުގެ ފަހަތުގައި ކޮންމެވެސް ކަމެއް ފޮރުވިފައި އޮންނާނެ އެވެ. ހަމައެކަނި ކަމަދޫ މީހުންނަށް ބޭސް ފަރުވާކޮށްދޭންވީ ކީއްވެބާވަ އެވެ. އޭގެ ފަހުން ދެން އިވިގެން ދިޔައީ ކަމަދޫގެ މި ޒުވާނާއާ ސިޔާމް ކައިވެނި ބައްލަވައިގަންނަވަން އުޅުއްވާ ކަމުގެ ޚަބަރެވެ. ބައެއް މީހުން ހީކުރިކޮށް ސީދާވުން ވެސް އެކަށީގެންވެ އެވެ.