އިންޑިއާގެ ސިޔާސީ ލީޑަރު ބާބާ ސިއްދީގީ އަށް ޖެހުނު ހާލު ޖެހޭނެ ކަމަށް ބުނެ، މަޝްހޫރު ބޮލީވުޑް އެކްޓަރު ސައިފް އަލީ ޚާންއަށް މަރުގެ އިންޒާރެއް ލިބުމާ ގުޅިގެން މުމްބާއީ ފުލުހުން ހާއްސަ ތަހުގީގެއް ފަށައިފި އެވެ.
ބުރާސްފަތި ދުވަހު މުމްބާއީ ފުލުހުން މިކަން ކަށަވަރު ކޮށްދީފައިވާއިރު، އިންޒާރު ލިބިފައިވަނީ ބާބާ ސިއްދީގީގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހެއް ކަމަށްވާ ޒީޝާން އަޚްތަރުގެ ނަމުގައި ފޮނުވި ވޮއިސް މެސެޖަކުންނެވެ.
ފުލުހުންގެ އޮފިޝަލަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސައިފްގެ ފޯނަށް ލިބުނު ވޮއިސް މެސެޖުގައި ބުނެފައިވަނީ ބާބާ ސިއްދީގީއަށް ވީ ގޮތް ސައިފް އަށް ވެސް ވާނެ ކަމަށެވެ.
އެހެންނަމަވެސް، މި އިންޒާރަކީ ހަގީގަތުގައި ވެސް ޒީޝާން އަޚްތަރު ފޮނުވި މެސެޖެއްތޯ ނުވަތަ އެހެން މީހަކު އޭނާގެ ނަމުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން މަޝްހޫރު ތަރިންނަށް އުނދަގޫ ކުރަން ފޮނުވި މެސެޖެއްތޯ ފުލުހުން ދަނީ ބަލަމުންނެވެ.
އޮކްޓޫބަރު 2024 ގައި، ނޭޝަނަލިސްޓް ކޮންގްރެސް ޕާޓީ (އެންސީޕީ) ގެ ލީޑަރު އަދި މަހާރާޝްޓްރާގެ ކުރީގެ މިނިސްޓަރު ބާބާ ސިއްދީގީ މަރާލާފައިވަނީ މުމްބާއީގެ ބެންޑްރާ އީސްޓް ސަރަޙައްދުގައި ހުންނަ އޭނާގެ ދަރިފުޅު ޒީޝާން ސިއްދީގީގެ އޮފީސް ބޭރުގައި، ތިން މީހަކު ބަޑިޖަހައިގެންނެވެ.
މިފަހަކަށް އައިސް ބޮލީވުޑްގެ އިތުރު މަޝްހޫރު ތަރިންނަށް ވެސް މިފަދަ އިންޒާރުތައް ލިބިފައިވެ އެވެ. އޭގެ ތެރޭގައި އަމީތާބު ބައްޗަން، އާޔުޝްމާން ޚުރާނާ އަދި ތުޝާރު ކަޕޫރު ހިމެނެ އެވެ.
މިއީ ސައިފްގެ ފުރާނައަށް ނުރައްކާވާ ފަދަ ހާދިސާއެއްގެ ހަބަރު މިއަހަރު ލިބުނު މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ ޖެނުއަރީ މަހު، ބެންޑްރާގައި ހުންނަ ސައިފްގެ ގެއަށް މީހަކު ވަދެ ވަޅިން ހަމަލާ ދީފައިވެ އެވެ.
އޭރު އުމުރުން 55 އަހަރުގެ ސައިފް ހޮސްޕިޓަލުގައި އެޑްމިޓްކޮށް، ހަށިގަނޑަށް ހެރިފައިވާ ވަޅީގެ ބައިތައް ނެގުމަށް ސާޖަރީއެއް ވެސް ކުރަން ޖެހުނެވެ.
އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ދުވަސްކޮޅެއް ފަހުން މުމްބާއީ ފުލުހުން ހައްޔަރު ކުރިއިރު، ފުލުހުންގެ ތަހުގީގުން އެނގުނު ގޮތުގައި އެއީ ވައްކަން ކުރުމަށް ވަދެ އުޅުމުގެ ތެރޭގައި ހިނގި ހާދިސާއެކެވެ.
އެމެރިކާގެ އެފްބީއައި އަށް ނުރައްކާތެރި ސައިބާ ހަމަލާތަކެއް ދީފި
ބިސްގަނޑެއް އަޅަން މީ މާރަނގަޅު ގޮތެއް!
36 އަހަރު ފަހުން މެކެއުލޭ "ހޯމް އެލޯން" ފްރެންޗައިޒްއަށް!