ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަދި ސުޕްރީމް ކޯޓުގެ އިމާރާތުގައި ހުޅުޖަހަން ގޮވައިލި މައްސަލައިގައި ހައްޔަރުކޮށްފައިވާ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާންގެ ބަންދަށް ކޯޓުން މިއަދު އަނެއްކާވެސް އިތުރު 16 ދުވަސް ޖަހައިފި އެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، މިދިޔަ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު އޭނާގެ ބަންދަށް ޖެހި 14 ދުވަހުގެ މުއްދަތު ހަމަވުމާ ގުޅިގެން ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މިއަދު ވަނީ އިތުރު 16 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ. އެންމެ ފުރަތަމަ ޖެހި 15 ދުވަހާއި، އޭގެ ފަހުން އިތުރުކުރި 14 ދުވަސް އަދި މިއަދު އިތުރުކުރި 16 ދުވަހާއެކު، އޭނާ ބަންދުގައި ހުންނަ މުއްދަތު މިހާރު މިވަނީ ޖުމްލަ 45 ދުވަހަށް އަރާފަ އެވެ.
ޒިހާން ހައްޔަރުކޮށްފައި ވަނީ ދައުލަތުގެ ތިން ބާރު ހިންގާ މައި އިމާރާތްތަކުގައި އަލިފާން ރޯކުރުމަށް ހިތްވަރުދީ، އެ ތަންތަނުގައި ރޯކޮށްލައިފިނަމަ "މަޖާވާނެ" ކަމަށް ބުނެ ފޭސްބުކްގައި ކުރި ޕޯސްޓަކާ ގުޅިގެންނެވެ. ނަމަވެސް އެ ޕޯސްޓު ކުރިތާ ގަޑިއިރެއްހާއިރު ފަހުން އޭނާ ވަނީ އެ ޕޯސްޓު ޑިލީޓްކޮށްލާފަ އެވެ.
ފުލުހުން ބުނީ ދައުލަތުގެ މުހިންމު އިމާރާތްތަކަށް ގެއްލުންދިނުމަށާއި ނުރައްކާތެރި އަމަލުތައް ހިންގުމަށް ހިތްވަރުދޭ މިފަދަ މައްސަލަތައް ބަލަމުންދަނީ ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ކަމަށެވެ. އަދި މި މައްސަލައިގެ ތަހުގީގު ބާރަށް ކުރިއަށްދާއިރު، ތަހުގީގަށް ބޭނުންވާ މުހިންމު ހެކިތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.
އެމެރިކާގެ ނޭވަލް އެކެޑެމީން މަތީ ތައުލީމު ހާސިލުކުރައްވައި، އެމްއެންޑީއެފްގެ ނޭވަލް އާކިޓެކްޓެއްގެ ގޮތުގައި ކުރިން މަސައްކަތްކުރެއްވި ޒިހާން ސިފައިންގެ ހިދުމަތުން ވަކިކުރީ ނިމިދިޔަ ސަރުކާރުގެ ފަހުކޮޅުގަ އެވެ. އޭގެ ފަހުން މި ސަރުކާރުން އޭނާ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމަށް އައްޔަންކުރި ނަމަވެސް، ފަހުން ވަނީ އެ މަގާމުން ވެސް ވަކިކޮށްފަ އެވެ.
ހަނގުރާމަ ހުއްޓާލަން އީރާނުން ހުށަހެޅި ނަމަވެސް ޓްރަމްޕް ދެކޮޅު
"މާތުރަބޫމީ"އަށް ސަލްމާން ދުވާލަކު 5 ގަޑިއިރު ތަމްރީނު ކުރި!
ޔޫރަޕްގެ 25 ގައުމެއްގެ ޖެން-ޒީން ނުކުމެ ވަރުގަދަ މުޒާހަރާތަކެއް