މިދިޔަ މަހު 24 ވަނަ ދުވަހު ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދާއަޅައިގެން މަސްވެރިކަން ކުރަނިކޮށް އަތުލައިގަތް އިިންޑިއާގެ މަސްދޯނީގެ މައްސަލައިގައި ހައްޔަރުކުރި މީހުން ފުރުވާލީ ތަހުގީގަށާއި ފިޝަރީސް މިނިސްޓްރީއަށް ބޭނުންވާ މައުލޫމާތު ނެގުމަށް ފަހު ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ އެ މީހުން ފުރުމުގެ ހުއްދަ ދީފައިވަނީ ތަހުގީގަށް ބޭނުންވާ މައުލޫމާތު ނެގުމަށްފަހު ފިޝަރީސް މިނިސްޓްރީގެ ލަފާގެ މަތިންނެވެ. އަދި ފިޔަވަޅު އެޅުމުގެ މަރުހަލާގެ ކަންކަން އެ މިނިސްޓްރީން މިހާރު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަތް ދޯނީގެ ފަޅުވެރިން ވަނީ މިމަހުގެ 9 ވަނަ ދުވަހު ފުރައިގެން ގޮސްފަ އެވެ. އެ މީހުން ރާއްޖެއިން ފުރައިގެން ދިޔައީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުންނެވެ.
އިންޑިއާގެ "ދަ ހިންދޫ" ނޫހުން ބުނީ ހައްޔަރު ކުރި މީހުން ދޫކޮށްލީ އިންޑިއަން ހައިކޮމިޝަނުގެ އެހީއާއެކު އަންގާރަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކަމަށެވެ.
އިންޑިއާގެ މިމަސް ދޯނީގެ މައްސަލަ ބަލަންފެށުމުން އެކަން ހުއްޓާލުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދަށް ޕްރެޝަރު ކުރެއްވިކަމުގެ ތުހުމަތުތަކެއް ވަނީ ކުރެވިފަ އެވެ. އަދި ފިޔަވަޅު އަޅުއްވައިފި ނަމަ މިނިސްޓަރު ޒަހާ މަގާމުން ވަކިކުރައްވާނެ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވި ކަމަށްވެ އެވެ.
އެހެން ނަމަވެސް މިނިސްޓަރު ޒަހާ ވަނީ އެއްވެސް ފަރާތަކުން ޕްރެޝަރު ނުކުރާ ކަމަށް ވިދާޅުވެ، އެކަން ދޮގުކުރައްވާފަ އެވެ. އަދި ގަވާއިދުގެ ދަށުން އަޅަންޖެހޭ ފިޔަވަޅު އަޅުއްވާނެ ކަމަށް އެކަމަނާ ވިދާޅުވި އެވެ.
މީގެ އިތުރުން އިންޑިއާގެ ބޯޓާމެދު ފިޔަވަޅު ނާޅައި ފުރުވާލުމަށް އުޅޭކަމަޑްބުނެ އދ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައި ނުގަނެ ވަނީ މަޖިލީހުން ބޭރުކޮށްލާފަ އެވެ.