އޮސްޓްރޭލިއާގައި ހައިކިން އަށް ނުކުމެ އުޅުނު އަންހެނަކަށް އުނދަގޫ ހާދިސާއެއް ދިމާވެއްޖެ އެވެ. އޭނާގެ ފޯނު ވެއްޓުމުން ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ވެއްޓި ބޮޑު ދެ ހިލަ ދޭތެރޭގައި އެކޮޅުކޮޅުން ތާށިވެ ހަތް ގަޑިއިރު އޮންނަން ޖެހިއްޖެ އެވެ.
އަންހެން މީހާ ދިޔައީ ނިއު ސައުތު ވޭލްސް ހަންޓަ ވެލީގައި ހިނގަމުންނެވެ. އެ މީހާ ހިނގާފައި ދަނިކޮށް ވަނީ ތިން މީޓަރުގެ ފުނަށް ވެއްޓިފަ އެވެ. އޭނާ ވެއްޓުނީ ފޯނު ސަލާމަތް ކުރަން އުޅެނިކޮށެވެ. އެ އަންހެން މީހާ ސަލާމަތް ކުރަން ވަނީ ހަތް ގަޑިއިރުގެ އޮޕަރޭޝަނަށް ހިންގަން ޖެހިފަ އެވެ. އޭގެ ތެރޭގައި ބޮޑެތި އެތައް ހިލައެއް ވަނީ ދުރަށް ޖައްސަން ޖެހިފަ އެވެ. ގާތްގަނޑަކަށް ބައި ޓަނު (1،100 ރާތާ) ހުންނަ ބޮޑެތި ހިލަ ވެސް ވަނީ ދުރަށް ޖައްސަން ޖެހިފަ އެވެ.
ނިއު ސައުތު ވޭލްސްގެ އެމްބިއުލަންސް ސާވިސް އިން އެތަނަށް ދިޔައިރު ވެސް އެ އަންހެން މީހާ އެކޮޅުކޮޅުން އޮންނަތާ އެއް ގަޑިއިރު ވެއްޖެ އެވެ.
އަންހެން މީހާ ސަލާމަތް ކުރި އިރު އޭނާ އަށް މާބޮޑެތި އަނިޔާތަކެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް ވެއްޓުނު އޭނާގެ ފޯނު ސަލާމަތް ކުރެވިފައެއް ނުވެ އެވެ. އަންހެން މީހާ ވަނީ އޭނާ ސަލާމަތް ކުރި ޓީމަށް ޝުކުރު އަދާކޮށްފަ އެވެ. ނަމަވެސް ވަނީ ފޯނު ސަލާމަތް ނުކުރެވުމުން ދެރަވާ ކަމަށް ބުނެފަ އެވެ.