ދުނިޔޭގެ އެންމެ ކުޑަ މިނިވަން ގައުމަކީ އިޓަލީގެ ވެރިރަށް ރޯމުގެ މެދުތެރޭގައި އޮންނަ ކުޑަ ސިޓިއެއް ފަދަ ތަންކޮޅެކެވެ. އެއީ ރޯމަން ކެތަލިކުންގެ އިމާމުން ދިރިއުޅޭ ރަށެވެ. ވެޓިކަން ސިޓީގެ ނަމުން މަޝްހޫރުވެފައިވާ މިނިވަން މުސްތަގިއްލު ގައުމެކެވެ.
ވެޓިކަން ސިޓީއަށް ލިބިފައިވާ ދުނިޔޭގެ އެންމެ ކުޑަ މިނިވަން ގައުމުގެ ލަގަބު ދާދި އަވަހަށް ނެތިދިއުން ކައިރި އެވެ. ސަބަބަކީ ޔޫރަޕްގައި ވެޓިކަން ފަދަ ދެވަނަ މިނިވަން ގައުމެއް އުފަންވާން ގާތްވެފައިވުމެވެ. އެ ގައުމު ވާނީ ވެޓިކަން ފަދަ އެހެންސް އެއަށް ވުރެ ކުޑަ ގައުމަކަށެވެ.
އަލްބޭނިއާގެ ސަރުކާރުން ބޭނުން ވަނީ އެގައުމުގެ މެދުތެރޭގައި ދީނީ އިލްމުވެރިންނާއި އިމާމުންނަށް ޚާއްސަ މިނިވަން މުސްތަގިއްލު ގައުމެއް އުފައްދާށެވެ. އަލްބޭނިއާގައި ވަކި ގައުމެއް އުފައްދަނީ އެގައުމުގެ މުސްލިމުންގެ ތެރޭގައި ޚާއްސަ ގަދަރެއް ދެވިފައިވާ ބަޚްތާޝީންގެ އިމާމުންނަށެވެ. ބަޚާތާޝީންނަކީ ސޫފީ މުސްލިމުންގެ ތެރޭގައި ހިމެނޭ ދިގު ތާރީޚެއް އޮތް ޖަމާއަތެކެވެ.
ބަޚްތާޝީ ޖަމާއަތަށް ވަކި ގައުމެއް ހަމަޖައްސަން ބޭނުންވަނީ ދީނީ ހަމަޖެހުމާއި އެންމެން އެކުގައި ސުލްހަވެރިކަމާއެކު އުޅުމުގެ ކަންތަކަށް ހިތްވަރުދީ އެފަދަ ހަރަކާތްތައް ރާވާހިންގުމުގެ ހެޑްކުއާޓަރެއް މުހިންމު ކަމުގައި އަލްބޭނިޔާގެ ސަރުކާރަށް ފެނުމެވެ.
ބަޚްތާޝީންނަކީ 13 ވަނަ ގަރުނުހާތާގައި ތުރުކީގައި އުފެދިގެން އައި ސޫފީންގެ ބައެކެވެ. އެޖަމާއަތުން ބޮޑަށް ވަކާލާތު ކުރަނީ ސުލަހަވެރިކަމާއި ހުރިހާ އެންމެން ހަމަ ހިމޭންކަމާއި އެއްބައިވަންތަކަމާއެކު އުޅުން ބައްޓަން ކުރުމުގެ މައްޗަށެވެ. ދީނީ އަގީދާތަކަށް ބަލާއިރު ބަޚްތާޝީން ވަނީ ސުންނީންނާއި ޝިޔައީންގެ ވިސްނުމާއި ފިކުރުގެ ތެރެއިން އެމީހުންނަށް ފެނުނު ރަނގަޅުހާ ސިފަތަކެއް ނަކަލުކޮށްފަ އެވެ.
ތާރީޚީ ގޮތުން ބަލާއިރު ބަޚްތާރީންގެ އެންމެ ރަން ޒަމާނަކީ 15 ވަނަ ގަރުނެވެ. އެދުވަސްވަރު ތުރުކީގެ ހަނގުރާމަމަތީ ލަޝްކަރާ ބަޚްތާރީންނާ ވަނީ ވަރަށް ބޮޑަށް ގުޅިފަ އެވެ. ލަޝްކަރުގައި ގިނަ އަދަދަކަށް އެމީހުން ހިމެނުމުގެ ސަބަބުން އެމީހުންގެ ގަދަރާއި ހައިބަތު ތުރުކީގައި ވަރަށް ބޮޑުވެގެން ދިޔަ އެވެ. ފުރަތަމަ ބޮޑު ހަނގުރާމައަށް ފަހު ތުރުކީ ޖުމްހޫރިއްޔަތަކަށްވުމާއި އަތާތުރުކުގެ ދީނާ ދުރު ސިޔާސަތުގެ ސަބަބުން ބަޚްތާޝީންނަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވި އެވެ. އަލްބޭނިއާ، ތުރުކީގެ ދަށުން ވަކިވެ، މިނިވަންކަން ލިބުމާއެކު ބަޚްތާޝީންގެ މައި ގައުމަކަށް އަލްބޭނިޔާ ހިމެނުނެވެ.
އަލަށް އުފައްދަން މަސައްކަތް ކުރާ ބަޚްތާޝީ ގައުމުގެ ބޮޑު މިނަކަށް ވާނީ 27 އޭކަރެވެ. ގައުމުގެ ހިންގުމަށް ބޭނުންވާ އިދާރީ އޮނިގަނޑާއި ބޯޑަރު ކޮންޓްރޯލު ކުރުންފަދަ ހުރިހާކަމެއްގެ މިނިވަންކަން އެގައުމަށް ދޭން ވަނީ ނިންމާފަ އެވެ. އަމިއްލަ ވަކި ޕާސްޕޯޓެއް ވެސް އޮންނާނެ އެވެ.
އަލްބޭމިއާގެ ބޮޑުވަޒީރު އެޑީ ރާމާ ވަނީ މި އާ ގައުމުގެ ޚިޔާލަށް ތާއީދުކުރައްވާކަން އަނގަވައިފަ އެވެ. ދެން އޮތީ އެކަން ރަސްމީކުރުމުގެ މަރުހަލާ އެވެ. އެކަމަށް ބޭނުންވާނީ އެ ގައުމުގެ ޕާލަމެންޓުގެ ރުހުމެވެ. ރޭވިފައިވާ ގޮތަށް ކަންތައް ކުރިޔަށް ގޮސް ޕާލަމެންޓްގެ ރުހުން ލިބިއްޖެނަމަ އަލްބޭނިއާގެ މެދުތެރޭގައި އުފެދޭ 17 އޭކަރުގެ މިނިވަން ގައުމު ހިމެނޭނީ ދުނިޔޭގެ އެންމެ ކުޑަ ގައުމު ކަމުގަ އެވެ. އެ ގައުމުން ކުރާނެ މައިގަނޑު ކަމަކީ އަލްބޭނިއާގެ މުސްލިމުންގެ މެދުގައި މަޝްހޫރު ސޫފީ ބަޚްތާޝީ މަޒުހަބު އާލާކޮށް ދިރުވުމެވެ.