ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހުއްދަ ނެތި، ވ. އަންބާރާއަށް ދިޔަ 95 މީހަކު ފުލުހުން ރޭ ޖޫރިމަނާކޮށްފި އެވެ.

އަންބަރާއިން މީގެ ކުރިން ވެސް މަސްތުވާތަކެއްޗާއެކު ޕާޓީކުރަން ތިބި ބަޔަކު ފުލުހުން ހައްޔަރުކޮށްފައިވެ އެވެ.

"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި އަންބާރާއަށް ރޭ ދަތުރުކޮށްފައި ވަނީ ކުޑަހެންވޭރުގެ ގްރޫޕެކެވެ.

ފުލުހުން މިއަދު ކޮށްފައިވާ ޓުވީޓެއްގައި ބުނީ، އެޗްޕީއޭގެ ހުއްދަޔާއި ނުލައި އަންބާރާއަށް ދިޔަ 95 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

އަދި އެ މީހުން ދަތުރުކުރީ އުޅަނދުގެ ކެޕޭސިޓީއަށް ވުރެ އިތުރަށް މީހުން އަރުވައިގެން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކޮށް، އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ.

މީގެ އިތުރުން، ފުލުހުން ވަނީ ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކޮށްފަ އެވެ.

އެ ގްރޫޕްގެ މީހުން ކުރި ދަތުރުގެ ފޮޓޯ ޓުވިޓާގައި ވެސް ހިއްސާ ކޮށްފައިވެ އެވެ

ކޮވިޑާ ގުޅިގެން ރަށްރަށަށް ދަތުރުކުރުން މަނާކޮށްފައި ވަނިކޮށް، ހުއްދަ ނެތި ފަޅު ރަށްރަށަށާއި ރިސޯޓުތަކަށް އެކި ގްރޫޕްތައް މާލެއިން ދަތުރުކުރެ އެވެ.