ހުދު ގޮނޑުދޮށްތަކުގެ ވާހަކަ ދިވެހިން ވަރަށް ގިނައިން އަޑު އަހާނެ އެވެ. އެހެން ނަމަވެސް މިހަފްތާގެ ހޮނިހިރު ދަތުރުގައި މި ބަލާލަނީ މުޅިން ތަފާތު ގޮނޑުދޮށެއް އޮންނަ ތަނަކަށެވެ. ބަލާ މީހެއްގެ ލޮލުގައި އަޅައިގަންނަ ފަދަ ރީތި ކަމެއް ލިބިގެންވާ ރަތް ގޮނޑުދޮށަކަށެވެ.
ޗައިނާގެ ޕަންޖިން ސިޓީގެ ހުޅަނގު ދެކުނު 20 މޭލު ދުރުގައި އޮންނަ ލިއާއޮހެ ކޯރުގެ އައްސޭރިފަށުގައި ހެދިފައި އޮތް މި ގޮނޑުދޮށަކީ އެތަނުގެ އާދަޔާޚިލާފު ކަމުން ދުނިޔޭގެ އެންމެ ތަފާތު ތަންތަނުގެ ލިސްޓުގައި ގުނާލެވޭ ތަނެކެވެ.
މި ގޮނޑުދޮށަށް އޭގެ ގަދަ ރަތްކުލަ ލިބެނީ އެތަނުގައި ހެދޭ ސުއެޑާ ނަމަކަށް ކިޔާ މޫދު ވިނައެއްގެ ސަބަބުންނެވެ. މި ވިނަ މުޅި ހިސާބުގަނޑުގައި ހެދޭއިރު ޚަރީފު (އޯޓަމް) މޫސުމުގައި ވިނަގަނޑުގެ ކުލަ ފެންނާނީ ވަރަށް ގަދަ ރަތްކުލައެއްގަ އެވެ.
އެހެން ކަމުން ދުރުން ބަލާލާ މީހަކަށް މިތަން ފެންނާނީ ރަތް ކުލައިގެ ދޫލައެއް އަޅާފައި އޮންނަ ގޮތަކަށެވެ. މި ސަބަބަށްޓަކައި މިތަނަކީ ލޯބިވެރިންގެ މެދުގައި މަގްބޫލު ތަކެކެވެ.
ޗައިނާގެ ރެޑް ބީޗްއަކީ މޫސުން ބަދަލާއެކު ހިޖުރަކުރާ ދޫނިތައް ގިނަ އަދަދަކަށް އުޅޭ ސަރަހައްދެކެވެ. މި މަންޒަރަކީ މިތަނުގެ ރީތިކަމަށް ލިބޭ އިތުރު ފުރިހަމަ ކަމެކެވެ.
އާއްމުންނަށް ހުޅުވާލެވިފައިވަނީ މި ގޮނޑުދޮށުގެ ކުޑަ ސަރަހައްދެއް ނަމަވެސް އެތަނުގެ އެއްކޮޅުން އަނެއް ކޮޅަށް އަޅާފައިވާ ލަކުޑި ފާލަމުން މުޅި ސަރަހައްދު ބަލާލުމުގެ ފުރުސަތު ލިބެ އެވެ.
މި ފާލަމަކީ އެ ސަރަހައްދުގެ ރީތިކަމަށް ލިބޭ އިތުރު ފުރިހަމަ ކަމަކަށް ވާއިރު އެ ފާލަން މަތީގައި ފޮޓޯ ނެގުމަކީ އެ ތަނަށް ގިނަ ފަތުރުވެރިން ދާ އެންމެ ބޮޑު އެއް މަގުސަދެވެ.
މި ގޮނޑުދޮށުގެ ގުދުރަތީ ރީތިކަމުގެ ސަބަބުން ޗައިނާ ސަރުކާރުން ވަނީ މިއީ ނޭޗާ ރިޒާވް ސައިޓެއްގެ ގޮތުގައި ހަމަޖައްސައި މިތަން ދެމެހެއްޓެނިވި ގޮތުގައި ތަރައްގީ ކުރަން މަސައްކަތް ފަށާފަ އެވެ.