ޒަމާނާއެކު އިންސާނުންގެ ދިރިއުޅުމުގެ އެކި ކަންކަމަށް ބޮޑެތި ކުރިއެރުންތަކެއް ދަނީ ލިބެމުންނެވެ. އޭގެ ތެރެއިން ވެސް ފާހަގަކޮށްލަންޖެހޭ އެއް ކަމަކީ ދުނިޔޭގެ ދަތުރު ފަތުރުގެ ނިޒާމެވެ.
ފައިމަގުގައާއި ޖަމަލުގެ ބުރަކަށީގައި ދަތުރުކޮށް އުޅުނު ޒަމާން ފާއިތުވެއްޖެ އެވެ. ލަކުޑިން ހަދާފައިވާ އަތް ގާޑިޔާތަކުގައި ދިގު ރާސްތާ ދަތުރުތައް ކޮށް އުޅުނު ޒަމާން ވެސް މާޒީއާ އެކުވެއްޖެ އެވެ.
މިހާރު މިއޮތީ އެއްގަމާއި ކަނޑާއި ވައިގެ ދަތުރުފަތުރުގައި ވެސް އިންޖީނުލީ އުޅަނދުފަހަރުގެ ޒަމާނެވެ. މިއީ މީގެ އެތައް އަހަރެއް ކުރިން އިންސާނުންނަށް ކުރެވޭނެ ކަމެއް ކަމަށް ހީވެސް ނުކުރާ ކަންކަމެވެ.
އެހެން ނަމަވެސް މިއަދު އެއީ ހަގީގަތެވެ. އެހެން ކަމަށްވާއިރު ކުރިއަށް އޮތް އަހަރުތަކުގައި ދަތުރުފަތުރަށް މިއަށްވުރެ ވެސް ބޮޑެތި ކުރިއެރުންތައް އަންނާނެކަން ގަބޫލުކުރަން އުނދަގުލެއް ނޫނެވެ.
އެ ކުރިއެރުންތަކުގެ ކޮޅުމަތި އަހަރުމެންގެ މި ޖީލަށް މިހާރު މިވަނީ ފެންނަން ވެސް ފަށާފަ އެވެ. ހާއްސަކޮށް ވައިގެ ދަތުރުފަތުރަށް އަންނަމުންދާ ބަދަލުތަކުން ކުރިއަށް އޮތް ދުވަސްތަކުގެ ތަސްވީރެއް ހިތުގައި ކުރެހެ އެވެ.
ދާދި ފަހުން ޖައްވީ ދަތުރުތައް ކުރާ ސްޕޭސް އެކްސް ކުންފުނިން ވަނީ ކޮމާޝަލް ވައިގެ ދަތުރު ފަތުރަށް ވަންނަން އުޅޭކަން އިއުލާން ކޮށްފަ އެވެ.
އެ ކުންފުނީގެ ތަސައްވަރަކީ ފަސިންޖަރުން ދުނިޔޭގެ އެއް ތަނުން އަނެއް ތަނަށް ދިއުމަށްޓަކައި ދުނިޔޭގެ އޯބިޓުން ބޭރުވެ ޖައްވުގެ ތެރެއިން ދަތުރުކޮށް މަންޒިލަށް ވާސިލް ވުމެވެ.
މިގޮތުގެ މަތިން އެތައް ގަޑިއިރެއްގެ ދަތުރު މަދު މިނެޓު ކޮޅަކަށް ކުރުވެ ވައިގެ ދަތުރު ފަތުރަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އެއާއެކު ދެން އިވިގެން ދިޔައީ ޓޮޔޯޓާގެ ފްލައިން ޓެކްސީގެ ވާހަކަ އެވެ. އާއްމުކޮށް އެއްގަމު ދަތުރުފަތުރުން ކުރާ ކުރު ދަތުރުތައް ވައިގެ މަގަށް ބަދަލުވެ އެފަދަ ދަތުރުތައް ވެސް އާއްމުންނަށް ފަސޭހަވީ އެވެ.
މި ޓެކްސީގެ ފުރަތަމަ ދަތުރު ކާމިޔާބު ކަމާއެކު ޖަޕާނުގައި ނިންމާލާފައިވާއިރު އުދުހޭ ކާރުތަކުގެ ހުވަފެން ހަގީގަތަކަށް ވާން މާ ގިނަ ދުވަހެއް ނެތް ކަމަށް މާހިރުން ބުނެ އެވެ.
މިފަދަ ބޮޑެތި ބަދަލުތަކާއެކު ދުނިޔޭގެ ވައިގެ ދަތުރުފަތުރު އިންގިލާބަކަށް މިސްރާބު ޖަހާފައިވާ ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެ އެވެ.