ގިނަ އަދަދެއްގެ ވޭޕާއި ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ ފައިސާ ފުލުހުން އަތުލައިގެންފި އެވެ.

ފުލުހުން ބުނީ މިތަކެތި އަތުލައިގެންފައިވަނީ ރާއްޖެއަށް ވޭޕް އެތެރެކޮށް، އޭގެ ވިޔަފާރިކޮށް، މަނީލޯންޑާކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަަމަށެވެ. އަދި މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ މި މަހުގެ 21 ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މަގުމަތިން ދިވެހި ދެ ފިރިހެނަކު ހުއްޓުވައި އެ މީހުން ދުއްވި ސައިކަލާއި އެ މީހުންނާ ގުޅުންހުރި ކަމަށް ބެލެވޭ އެޕާޓްމަންޓެއް ބަލައި ފާސްކުރި ކަމަށެވެ. މިގޮތުން އަމާން އުދަރެސްގެ އެ އެޕާޓްމަންޓަކާއި ސައިކަލް ބަލައި ފާސްކުރުމުގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ފެނުނު ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނުގައި 156 ވޭޕް ކާޓްރިޖާއި ނެނޯ ސްޓިކް އަތުލައިގަތް ކަމަށެވެ. އަދި ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 6،000 އަށް ވުރެ ގިނަ ދިވެހި ރުފިޔާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

މިތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ގެންގުޅުން އަދި ވިއްކުމާއި ހިލޭ ބެހުން މަނާކޮށް، ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ވަނީ އިސްލާހު ގެނެސްފަ އެވެ. އަދި 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އެ އިސްލާހާ އެއްގޮތަށް އަމަލުކުރަން ވަނީ ފަށައިފަ އެވެ.

މިއާއެކު މިފަދަ ތަކެތި ރާއްޖެ އެތެރެކޮށް ބޭނުންކުރާ ފަރާތްތަކާއި ވިއްކާ ފަރާތްތަކާ މެދު މިޤާނޫނުގެ ދަށުން އަންނަނީ ފިޔަވަޅު އަޅަމުންނެވެ. އެގޮތުން ވޭޕްގެ ބާވަތްތަކާއި އެއާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައި ހުންނަ އާލާތެއް ރާއްޖެއަށް އެތެރެކޮށްފި ނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރުމަށް ގާނޫނުގައި ވަނީ ކަނޑައަޅައިފަ އެވެ.

މި ގާނޫނު ބަޔަންކުރާ ގޮތުން ވޭޕްކުރުމަށް ބޭނުންކުރާ އެއްވެސް އާލާތެއް ކުޑަކުއްޖަކަށް ވިއްކައިފިނަމަ ނުވަތަ ހިލޭ ދީފިނަމަ އެފަދަ އާލާތްތައް ވިއްކުމުންނާއި ހިލޭ ބެހުމުންކުރާ ޖޫރިމަނާގެ އިތުރަށް 50،000 ރުފިޔާގެ ޖޫރިމަނާއެއް ކުރާނެ ކަމަށް ވަނީ ބަޔާންކޮށްފަ އެވެ. އެހެން ކަމުން ގާނޫނަށް އާންމުން ހޭލުންތެރިވެ އެފަދަ ގާނޫނީ ކުށްތަކުން ދުރުހެލިވުމަށް ފުލުހުން އިލްތިމާސްކުރެ އެވެ.