ރާއްޖޭގައި ގާނޫނާ ހިލާފަށް އުޅޭ ކަމަށް ތުހުމަތުކޮށް ޑީޕޯޓްކޮށްލުމުގައި އިމިގްރޭޝަނުން ހައްގުތައް ކަށަވަރުކޮށްދީފައި ނުވާ ކަމަށް ބުނެ ބިދޭސީއަކު ކޯޓުގައި ދައުވާ ކުރުމުން، އޭނާގެ މައްޗަށް އިމިގްރޭޝަނުން އަޅާފައިވާ ފިޔަވަޅުތައް އުވާލައިފި އެވެ.

ޖުޑިޝަލް ރިވިއުގެ ދައުވާއެއްގެ ގޮތުގައި ސިވިލް ކޯޓުގައި އިމިގްރޭޝަނާ ދެކޮޅަށް މައްސަލަ ހުށަހެޅީ މާލޭގެ ސެލޫނެއްގައި މަސައްކަތްކުރި ތައިލެންޑަށް ނިސްބަތްވާ ކަނަކްޕޮން ތަވޮންގްނާ އެވެ.

އޭނާ ދައުވާގައި ބުނެފައި ވަނީ، އޭނާ މަސައްކަތްކުރި ސެލޫން މަރާމާތަށް ބަންދުކޮށްފައި ވަނިކޮށް ރައްޓެހިންނާއެކު ކެއްކުމުގެ މަސައްކަތުގައި އުޅެނިކޮށް އިމިގްރޭޝަނުން އޭނާ ހައްޔަރުކުރީ ކަމަށެވެ. އަދި ހުޅުމާލެ ޑިޓެންޝަން ސެންޓަރުގައި ބަންދުކުރީ ރާއްޖޭގައި ހުރުމުގެ ހުއްދަ ބާތިލްވެފައި ނުވަނީސް އަދި ކުށެއް ވެސް ނުކުރަނީސް ކަމަށް އޭނާ ބުންޏެވެ. އަދި އިނގިރޭސިބަހުން ލިޔަންކިޔަން ނޭނގެނީސް ތަރުޖަމާނަކާ ނުލައި އަދި ސްޕޮންސަރުގެ ގައިރު ހާޒިރުގައި ބަޔާނެއްގައި ސޮއިކުރުވާފައިވާތީ، އެއީ ގާނޫނާ ހިލާފަށް އަޅާފައިވާ ފިޔަވަޅެއް ކަމަށް ކަނޑައަޅައިދިނުމަށް އޭނާ އެދުނެވެ.

މި ދައުވާގެ ޝަރީއަތް ސިވިލް ކޯޓުގައި ކުރިއަށް ދަނިކޮށް، ކަނަކްޕޮން ތަވޮންގްނާ ވަނީ ދައުވާ އަނބުރާ ގެންދަން ކޯޓަށް ހުށަހަޅާފަ އެވެ.

އޭނާ ބުނި ގޮތުން ދައުވާ އަނބުރާ ގެންދިޔައީ އޭނާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އިމިގްރޭޝަނުން އުވާލައި، އޭނާގެ މިނިވަންކަން އަނބުރާ ދީފައިވާތީ އެވެ. އެއާއެކު ސިވިލް ކޯޓުން ވަނީ ދައުވާ އަނބުރާ ގެންގޮސްފައިވާ ކަމަށް ކަނޑައަޅައި، އިއްޔެ އެ މައްސަލަ ނިންމާފަ އެވެ.