އުމުރުން ދުވަސްވި މީހުން ހުނަރުވެރި މަސައްކަތެއް ކުރުމުގައި ދެމިހުރުމަކީ ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅައެޔޮ ކުރުވާ ކަމެއް. އޭނާއަކީ ހުނަރުވެރި މަސައްކަތެއް ކުރާ މީހެއް. އެކަމުން އޭނާ ފޫހިފިލާ. ބޭކާރު ވިސްނުންތަކުން ދުރުވޭ އަދި ވަރަށް ހިތްހަމަޖެހޭ. އޭނާ ޚާއްސަ ވަނީ އުމުރުން މައްޗަށް ދިޔަނަމަވެސް އަތްތެރި މަސައްކަތް ކުރުމުގައި ދެމިހުރި މީހެއްގެ ގޮތުގައި. އޭނާ ހަދާ ތަކެތި ރައްޓެހިންނަށާއި އާއިލާ މީހުންނަށް ހަދިޔާ ކުރޭ. އެކަމުން އޭނާއަށް ބޮޑު އުފަލެއް ލިބޭ.

ހުނަރުވެރި މަސައްކަތެއްގައި މަސްއޫލުވެ އުޅުމަކީ، މައްސަލައެއް ހައްލު ކުރުމަށް މަސައްކަތެއް ކުރުން ފަދަ ކަމެކެވެ. މައްސަލައެއް ހައްލު ކުރާއިރު އަމިއްލަ ބާރެއް އޮތްކަން ވިސްނި ހުރެ، އެ ކަމަކަށް މަގުފަހިވާނެ ހުރިހާ ގޮތަކަށް އަމަލުކުރެވެ އެވެ. ތަކެއްޗާއި މީހުން ހޯދައިގެނެވެ އެވެ. ކަމާބެހޭ ފަރާތްތަކާ ގުޅައިގެން މުއާމަލާތު ކޮށްގެނެވެ. މަސައްކަތް ނިމޭއިރު ހުންނާނީ ހިތްހަމަޖެހިފަ އެވެ. ކަމެއް ނިންމާލެވުނީތީ އުފާވެފަ އެވެ. އިންސާނުން އުފައްދަވާފައި ވަނީ އެކަކު އަނެކަކާ ގުޅި ލާމެހެން ޖެހޭނެ ފަދައިންނެވެ. ދިރިއުޅުމުގެ ބޭނުންތައް ފުދެނީ ދޭދޭ މީހުންގެ ތެރޭގަ އޮންނަ ގުޅުން ދެމިއޮތުމުންނެވެ. ހުނަރުވެރި މަސައްކަތެއް ކުރުމުގައި ދެމިހުރުމަކީ މިފަދަ ގުޅުމަށް މަގުފަހި ކޮށްދޭނެ ކަމެކެވެ.

ހ. ކަޅުވަކަރުގޭ އައިޝާ މަނިކެއަކީ ހުނަރުވެރި އަދި ވަރަށް ކަވި އަތްތެރި މަސައްކަތެއްކުރާ ހުނަރުވެރި މީހެކެވެ. މިހާރު ހަތްދިހައިގެ އަހަރުތައް ގުނަމުންދާ މި ހުނަރުވެރިޔާއަކީ ބޮލިންނާއި ކަރުދާހާއި ބްލީޗް ހުސްކުރި ފުޅިއާއި އަދި އެނޫން ވެސް ތަފާތު ތަކެތި ބޭނުންކޮށްގެން، އެކި ކަހަލަ ރީތި އުފެއްދުންތައް އަމިއްލަ ޚިޔާލަށް ފަރުމާކޮށް އުފައްދާ މީހެކެވެ.

އައިޝާ މަނިކެ ހަދާފައިވާ މާޓުކުރިއެއް: މަސައްކަތުގައި އޭނާގެ ދަރިން އެހީތެރިވޭ

"އަޅުގަނޑު ވަރަށް ޝައުގު ވެރިވާ މަސައްކަތެއްމީ. ކުދިން ވަރަށް ކުޑައިރު މިމަސައްކަތް ކުރިން. ވަކި ހިސާބަކުން ހުއްޓާލައިފައި ދެން އަނެއްކާވެސް މިމަސައްކަތް ކުރަން ފެށީ ކުދިން ބޮޑުވި ފަހުން،" އަތްތެރި މަސައްކަތް ކުރާތާ މިހާރު ވިއްސަކަށް އަހަރު ވެފައިވާ އައިޝާ މަނިކެ ކިޔައިދިނެވެ.

އެ މަސައްކަތުގައި އެންމެ ބޮޑަށް އެހީތެރިވަނީ އޭނާގެ ދަރިންކަން އޭނާ ވަރަށް އުފަލާއިއެކު ފާހަގަ ކުރި އެވެ. ނަމަވެސް ފަރުމާކުރުމާއި، ކުލަޖެއްސުމާއި އަދި ތަތްކުރުން ކަހަލަ ހުރިހާ މަސައްކަތެއް ވެސް ކުރަނީ އޭނާ އަމިއްލަ އަށެވެ.

ބޮލިން ހަދާފައިވާ މަލެއް: އޭނާ އެއްޗެހި ހަދަނީ އަމިއްލަ ވިސްނުމަށް

"މަސައްކަތަށް ބޭނުންވާނެ ތަކެތި ގަންނަން ދަނީ އަޅުގަނޑުގެ އަންހެން ދަރިފުޅާއެކީ. މިއީ އެއްވެސް ގޮތަކަށް ވިޔަފާއި ކުރުމުގެ ވިސްނުމުގައި ކުރާ ކަމެއް ނޫން. އެއްޗެތި ހަދާފައި އާއިލާ ކުދިންނާއި ރައްޓެހިންނަށް ގިފްޓަކަށް ދެނީ. އެކުދިން ވަރަށް އުފާވާނެ އަޅުގަނޑު ހަދާއެއްޗެހި ހަދިޔާ ކުރީމަ،" ދިހަ ކުދިންގެ މާމަ އައިސާ މަނިކެ ކިޔައިދިނެވެ.

އޭނާ ހަދާ ތަކެތީގެ ތެރޭގައި ދަބަހާއި، ކަރުގައި އަޅާ ފަށާއި، ފަށު ފުލާއި، މާޓުކުރި، އަދި މޭގަ ޖަހާ ދައްޗާއި، އަދި ގޭތެރެ ޒީންނަތްތެރި ކުރަން ބޭނުންކުރާ ތަފާތު ތަކެތި ހިމެނެ އެވެ.

"މިތަކެތި ހަދަން އަޅުގަނޑު ބޮލި ހޯދީ ރަސްފަންނު ބީޗުން، ބޮލިހޮވައިގެން، ދޮވެގެން، ހިއްކައިގެން ބޭނުންކުރަނީ. ނަމޫނާ އަކަށް ނުބަލަން، އައިޑިއާއެއް ނުހޯދަން. މުޅިން ވެސް އަމިއްލަ ޚިޔާލާއި ފިކުރުގެ މައްޗަށް ބިނާކޮށް އެއްޗެހި ހަދަނީ،" އޭނާ ކިޔައިދިނެވެ.

އޭނާ ބުނިގޮތުގައި އެނާ ހަދާއެއްޗެހި މީހުންނަށް ރީތިވެގެން، ވިޔަފާރިއެއް ފެށުމަށް ބައެއް މީހުން ލަފާ ވެސް ދީފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ އެފަދަ ވިސްނުމެއް ނެތެވެ. އެހެން ނަމަވެސް ދަސްކުރަން ބޭނުންވާ މީހަކަށް އޭނާ ހުރީ އެމަސައްކަތް ދަސްކޮށްދޭން ތައްޔާރަށެވެ.

އަމިއްލަ ވިސްނުމަށް ހަދާފައިވާ މޭމަތީޖަހާ ދައްޗެއް: އެހެން މީހުންނަށް މަސައްކަތް ދަސްކޮށްދޭން ހުރީ ތައްޔާރަށް

އައިޝާ މަނިކެ އަކީ ލިބޭ ހުސް ވަގުތުގައި ގަސް އިންދުމުގެ މަސައްކަތް ވެސް ކުރާ މީހެކެވެ. މަދު ގަހެއް ފިޔަވައި މުޅީންހެން އެ ބަގީޗާގައި ވަނީ އެކި ކުލަކުލައިގެ ހިތްގައިމު މާތައް ފަރިވެ ފޮޅިފައިވެ އެވެ. ބަލާބެލުމަށް ވަރަށް ރަނގަޅަށް ބަލަހައްޓާ ބަގީޗާއެއްކަން އެނގެ އެވެ. އެހާވެސް ފުރިހަމަ އެވެ.

"އަޅުގަނޑުގެ ބައްޕައަކީ ވަރަށް ގަސް ހައްދާ މީހެއް. ބައްޕަ އެކަން ކުރާތަން ފެނި އަޅުގަނޑުގެ ހިތުގައިވެސް ގަސް އިނދުމުގެ ޝައުގުވެރިކަން އުފެދުނީ. ކުރިން ގަސްހެއްދުމުގެ ހުރިހާ ކަމެއް ވެސް ކޮށްއުޅުނީ އަމިއްލައަށް. ނަމަވެސް މިހާރު މި މަސައްކަތުގައި އަޅުގަނޑު ދަރިން ވަރަށް ބޮޑަށް އެހީތެރިވާކަން ފާހަގަކޮށްލަން،" އޭނާ ވަރަށް އުފާވެފައި ހުރެ ބުންޏެވެ.

އައިސާ މަނިކެ ދެކޭގޮތުގައި ދުވަސްވީ ނަމަވެސް ތަފާތު މަސައްކަތުގައި މަސްއޫލުވެ އުޅުމަކީ ވަރަށް މުހިންމު ކަމެކެވެ. އެއީ ބޭކާރު ޚިޔާލާއި ފިކުރުތަކާއި ދުރުކުރުވާ ކަމެކެވެ. ފޫހިފިލައި ހިތްހަމަޖެހުން އިތުރުކޮށްދޭ ކަމެކެވެ. އަދި ބަލިމަޑުކަމުން ސަލާމަތްވެ ހުރެ ނަފްސާނީ ދުޅަހެޔޮކަމަށް މުހިންމު ކަމެކެވެ.