ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިނާ ޚިލާފަށް ހުޅުމާލެ ކެމްޕޭން ޖަހަގަ ހުޅުވުމުން، އެމްޑީޕީ އާއި އެ ޕާޓީގެ ކެންޑިޑޭޓަކު ޖޫރިމަނާކޮށްފި އެވެ.

އެމްޑީޕީގެ ޓިކެޓުގައި ހުޅުމާލޭގެ ކައުންސިލަރު ކަމަށް ވާދަކުރާ ކެންޑިޑޭޓް ރިޒްނާ ޒަރީރުގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތު ގިނަ އަދަދެއްގެ މީހުންނާއެކު މިދިޔަ ހުކުރު ދުވަހު ވަނީ ބާއްވާފަ އެވެ.

އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފަށް މިފަދަ ހަރަކާތެއް ބޭއްވުމާ ގުޅިގެން ކެންޑިޑޭޓް ރިޒްނާ ވަނީ 1،000ރ. އިން ޖޫރިމަނާކޮށްފަ އެވެ. އަދި އެމްޑީޕީވަނީ 5000ރ. އިން ޖޫރިމަނާ ކޮށްފަ އެވެ.

މިރަސްމިއްޔާތުގައި މަޖިލީހުގެ ރައީސް މުހައްމަދުނަޝީދު އާއި އެ ޕާޓީގެ އިސް ބޭފުޅުން ވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ. އެހެން ނަމަވެސް އެ ރަސްމިއްޔާތުގައި ބައިވެރިވި އެހެން މެމްބަރަކު ޖޫރިމަނާކޮށްފައެއް ނުވެ އެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތަށް ރިއާޔަތްކޮށް އެޗްޕީއޭއިން ވަނީ ފަސް މީހުންނަށް ވުރެ ގިނަ މީހުން އެއްވެ އުޅުން މަނާކޮށްފަ އެވެ.

އެކަމަކު އެމްޑީޕީއާއި އިދިކޮޅު ކޯލިޝަނުން ވެސް ގައިޑްލައިންތަކަށް ބެލުމެއް ނެތި ދަނީ، ގިނަ މީހުން އެއްވެ ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕްއިން ކުރުމާއި މުޒާހަރާތައް ކުރަމުންނެވެ.