ދުނިޔޭގެ ތާރީޚުގައި ހަނގުރާމައަކީ މަދުން ހިނގާ އެއްޗެއް ނޫނެވެ. ބިން ބިމާއި މުދަލާއި މަޝްހޫރުކަމަށްޓަކައި ހަނގުރާމަ ހިނގަ އެވެ. 1932 ވަނަ އަހަރު އޮސްޓްރޭލިއާގެ ސިފައިންކުރަން ޖެހުނު އާދަޔާ ޚިލާފު ހަނގުރާމައަކީ މިފަދަ އެއްވެސް ކަމަކާ ގުޅުން ނެތް ކަމެކެވެ. އެ މީހުންނަށް ޖެހުނީ އެ ގައުމަށް ނިސްބަތްވާ ނުއުދުހޭ ދޫންޏެއް ކަމަށްވާ އީމޫއާ ދެކޮޅަށް ހަނގުރާމަކުރާށެވެ.
އިމޫ އަކީ އޮސްޓްރޭލިއާ ބައްރަށް ޚާއްސަ ދޫންޏެކެވެ. ގިނިކާ މާދޫނީގެ ސިފަޔާ ވައްތަރު ގޮތެއް ހުންނަ މި ދޫންނަކީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ދޫންޏެވެ. އެންމެ ބޮޑު ދޫންޏަކީ ގިނިކާ މާދޫންޏެވެ. އީމޫގެ ހަށިގަނޑުގައި ހަ ފޫޓޫ ނުވަ އިންޗި ވަރު ހުންނައިރު ބަރުދަން ފަސްދޮޅަސް ކިލޯ ވަރު ހުރެ އެވެ.
ދުވަސްވަރަކީ ފުރަތަމަ ބޮޑު ހަނގުރާމަ ނިމުމަށްފަހު ސިފައިން އެނބުރި ގައުމަށް އައި ދުވަސްވަރެވެ. ހަނގުރާމައިން އައި ގިނަ އަދަދެއްގެ ސިފައިން ބެލެހެއްޓުން ސަރުކާރަށް އޮތީ ބުރައަކަށް ވެފަ އެވެ. އެމީހުންނަށް އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ގޮތުން ވެސްޓާން އޮސްޓްރޭލިއާ އިން ކޮންމެ މީހަކަށް ދަނޑު ބިމެއް ހަދިޔާ ކުރި އެވެ. މަގުސަދަކީ އެ ބިންތަކުގައި ގޮވާން ކޮށްގެން ދިރިއުޅުމުގެ ޚަރަދުތައް ހަމަޖެއްސުމެވެ. ހަނގުރާމައަށްފަހު ދިމާވި ބޮޑުތަދާއި އެނޫންވެސް އެހެނިހެން ކަނތައްތަކާ ހުރެ ދަނޑުވެރިކަމުން ނަފާ ހޯދުން ސިފައިންނަށް އެހާ ފަސޭހައެއް ނުވި އެވެ. މި ދަނޑިވަޅުގައި އެމީހުންނަށް ކުރިމަތިވި އަނެއް މައްސަލައަކީ ގިނަ އަދަދެއްގެ އީމޫތައް އެ ބިންތަކަށް ވެރިވެގަނެ ދަނޑުތަކަށް ގެއްލުން ދިނުމެވެ.
1932 ވަނަ އަހަރު ގާތްގަނޑަކަށް 20،000 އީމޫގެ ފައުޖެއް ވެސްޓާން އޮސްޓްރޭލިއާގެ ދަނޑުބިންތަކަށް ޖަމާވި އެވެ. ބޭނުމަކީ ކާނާއާއި ބޯފެން ހޯދުމެވެ. އަލަށް ގޮވާން ހައްދާފައިވާ ދަނޑު ބިންތައް ވީ އެސޮރުމެންނަށް ލިބުނު ޣަނީމާއަކަށެވެ. އެހެންކަމުން ހުރިހާ ދަނޑު ބިމެއް ފުރާލި އެވެ.
އޮސްޓްރޭލިއާގެ ސަރުކާރުން ނިންމީ ދޫނިތަކާ ހަނގުރާމައަށް ސިފައިންގެ ފައުޖެއް ނެރޭށެވެ. އެންމެ ޒަމާނީ މެޝިން ގަންއާއި އެއަށް ބޭނުންވާނެ އެތައް ހާސް ވަޒަނަކާއި އުޅަނދުފަހަރާއެކު ސިފައިން ފުރިހަމައަށް ތައްޔާރުވެގެން ދޫނިތަކާ ދެކޮޅަށް ނެރުނެވެ.
ހަނގުރާމަ ފެށުމާއެކު ދޫނިތައް އޭގެ ހަރަކާތް އަވަސްކޮށް ތަފާއު ދިމަދިމާޔަށް ހޫރެން ފެށުމުން ސިފައިންނަށް އެސޮރުމެންނާ ދިމާޔަށް އަމާޒު ކުރުން ވީ އުނދަގޫ ކަމަކަށެވެ. ބިރުން ފިލަން ދުވުމުގެ ބަދަލުގައި ދޫނިތައް ދިމާކުރީ ސިފައިންގެ ހަމަލާތަކުން ރެކި އެ މީހުންގެ ކޮޅު ގަދަ ކުރާށެވެ. އޮސްޓްރޭލިއާގެ ދަނޑު ބިންތައް އޮންނަ ގޮތުން ހަތިޔާރާއެކު ދޫނިތަކުގެ ފަހަތުން ދުވުމުގައި ސިފައިންނަށް އެހާ ބޮޑު ކުރިއެރުމެއް ނުލިބުނެވެ.
ސިފައިން އެންމެ ފަހުން މަސައްކަތް ކުރީ ޓްރަކެއްގައި މެޝިން ގަން ބަހައްޓައިގެން އީމޫތައް ފަހަތުން ދުއްވައި ބަޑި ޖެހުމަށެވެ. އެހެން ނަމަވެސް ބިމުގެ އަޑިގުޑަން ކަމާހެދި ދޫނިތަކަށް ވަޒަން އަރާގޮތެއް ނުވި އެވެ.
އެއް މަސް ދުވަސް ވަންދެން ސިފައިން ދޫނިތަކާ ދެކޮޅަށް ކުރި ހަނގުރާމައިގައި މަރާލެވުނީ ގާތްގަނޑަކަށް 1000 ވަރަކަށް ދޫންޏެވެ. އެ އަދަދަކީ ދަނޑަށް ޖަމާވެގެން އުޅުނު ދޫނީގެ އާބާދީއާ ބަލާއިރު އެނގުންވާ ވަރުގެ މިންވަރަކަށް ނުވި އެވެ. އެންމެ ފަހުން ސިފައިން ހަތިޔާރު ބެހެއްޓި އެވެ. އީމޫތައް ހަނގުރާމަ ކާމިޔާބު ކުރި އެވެ.
އޭގެ ފަހުން ދަނޑުވެރިން ނިންމީ އެމީހުންގެ ގޮވާން ހިމާޔަތްކުރާނެ އެހެން ގޮތެއް ހޯދާށެވެ. އީމޫތައް އޭގެ ގޮތުގައި އުޅެން ދޫކޮށްލާށެވެ. އޮސްޓްރޭލިއާގެ އީމޫއާ ދެކޮޅަށް ކުރި ހަނގުރާމައަކީ ވެށީގެ އުސޫލުތަކާ ދެކޮޅަށް އިންސާނުން ކަންތައް ނިންމަން ދިމާކުރުމުގެ ނަތީޖާ އާ މެދު ވިސްނާލަން ޖެހުނު އަމަލެކެވެ.