މާލެ އަތޮޅު ފަޅެއްގައި ފްލޯޓިން އައިލެންޑެއް ތަރައްގީކުރަން ޑަޗް ޑޮކްލޭންޑާއެކު އެންމެ ފުރަތަމަ އެއްބަސްވުން އެކުލަވާލިތާ ދިހަ އަހަރުވީއިރު، ފުރިހަމަ ނުކުރެވުނު ޕްރޮޖެކްޓެއް މިހާރު ފުރިހަމަ ކުރެވޭނެ ކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ސުވާލު އުފައްދަވައިފި އެވެ.
އުޝާމް ވިދާޅުވީ އެންމެ 2011 ވަނަ އަހަރު ފްލޯޓިން އައިލެންޑްގެ މަޝްރޫއު ލޯންޗް ކުރިއިރު 100 މިލިއަން ޑޮލަރުގެ އަގުހުރި ޖުމްލަ ފަސް ފަޅެއް އެ ކުންފުންޏަށް ދިނީ އެއްވެސް ކުއްޔަކާއި އެކުއިޒިޝަން ކޮސްޓަކާ ނުލައި ކަމަށެވެ. ނަމަވެސް، ފާއިތުވެދިޔަ ދިހަ އަހަރުގެ ތެރޭގައި އެންމެ ފަޅެއްގެ މަސައްކަތް ވެސް ނިންމިފައި ނުވާ ކަމަށް ޓުވިޓާ މެދުވެރިކުރައްވާ އޭނާ ވިދާޅުވި އެވެ.
މިއީ، ޑަޗް ޑޮކްލޭނޑާއެކު ފްލޯޑިން އައިލެންޑް ޓެކްނޮލޮޖީގެ ޕްރޮޖެކްޓެއް ރާއްޖޭގައި ކުރިއަށް ގެންދިއުމަށް އެގްރީމެންޓެއް އެކުލަވާލި ފުރަތަމަ ފަހަރެއް ނޫނެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި 2010 ވަނަ އަހަރު އެ ކުންފުންޏާއެކު އެންމެ ފުރަތަމަ އެއްބަސްވުމެއް އެކުލަވާލިއިރު އެ މަޝްރޫއަށް ފަހުން ވީގޮތެއް ސާފެއް ނުވެ އެވެ.
އެމްޑީޕީ ސަރުކާރު ބަދަލުވެ، 2012 ވަނަ އަހަރާއި 2019 ވަނަ އަހަރު ވެސް އެއްބަސްވުންތަކުގައި އަނެއްކާ ވެސް ސޮއި ކުރި އެވެ. އެހެންނަމަވެސް، މިއިން އެއްވެސް ފަހަރަކު މަޝްރޫއަށް އަމަލީ ސިފައެއް އައިސްފައެއެއް ނުވެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވެފައި ވަނިކޮށް، ނެދަލެންޑްގެ ޑަޗް ޑޮކްލެންޑުން މިފަހަރު ލޯންޗްކުރި ފްލޯޓިން ސިޓީ ޕްރޮޖެކްޓުގެ ދަށުން މާލެއިން ފުރައިގެން ދިހަ މިނިޓުން ދެވޭ ހިސާބުގައި 200 ހެކްޓަރުގެ ފަޅު ތެރޭގައި މަތީގައި ހުންނާނެހެން ގެތަކެއް އަޅާނެ ގޮތުގެ ކުރެހުންތަކެއް ވަނީ ދައްކާލައިފަ އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނިގޮތުގައި ދިހަ އަހަރަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމަޝަރޫއުގެ ދަށުން އެތައް ހާސް ގެއެއް އެޅުމަށް ހަމަޖެހިފައިވާއިރު ފިހާރަތަކާއި ހޮސްޕިޓަލްތައް ވެސް ހުންނާނެ އެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް ބުނަނީ، ރިޔާސީ އިންތިހާބުގެ އެއް އަހަރު ކުރިން 2022 ވަނަ އަހަރު އެވެ.