ބޮލީވުޑްގެ ތަރިން ކަމަށްވާ އާމިރު ހާން އާއި ޖޫހީ ޗާވްލާ ފިލްމީ ދާއިރާއަށް ނުކުތީ އެކު އެކީގައި، ފިލްމު "ގަޔާމަތް ސެ ގަޔާމަތް ތަކް" އިންނެވެ.

އޭގެ ފަހުން ޖެހުނު ކޫސަނި މައްސަލައަކާ ގުޅިގެން މި ދެތަފިން ވާހަކަ ނުދައްކާ ހަތް ވަރަކަށް އަހަރު ތިއްބެވެ.

އާމިރު ޕްރޮޑިއުސްކޮށް ނެރޭ ޑޮކިޔުމެންޓަރީ ފިލްމު "ރޫބަރޫ ރޯޝްނީ" ގެ ޕްރޮމޯޝަން އިވެންޓެއްގައި އެކަން ހިނގާދިޔަ ގޮތް އާމިރު މިވަނީ މީޑިއާތަކަށް ކިޔާދީފަ އެވެ. މި ޑޮކިޔުމެންޓަރީ ބިނާވެގެން ވަނީ މައާފުކުރުމުގެ މައްޗަށެވެ.

"އިޝްގް ފިލްމަށް ޝޫޓްކުރަމުން ދަނިކޮށް އަހަރެމެން ދެމީހުންގެ މެދުގައި ދެބަސްވުންތަކެއް އުފެދުނު. މާ ބޮޑުކަމެއް ވެސް ނޫން އެއީ. އަހަންނަށް ގަބޫލުކުރެވެނީ އަހަރެން ގޮތްދޫނުކުރީކަން. އަހަރެން ނިންމީ ޖޫހީ އާ ވާހަކަދެއްކުން ހުއްޓާލުމަށް. ސެޓްތަކުގައި ވެސް އެއްކޮށް އޭނާއާ ދުރުވިން. އެހެން ކަންތައް ކުރެވުނީ ކީއްވެގެން ކަމެއް ނޭނގޭ،" އާމިރު ބުންޏެވެ. "އޭރު ޖޫހީ އައިސް އަހަރެންގެ ކައިރީގައި އިނަސް އަހަރެން ނުކުމެގެން ދާނަން. ދުވަހަކުވެސް ސަލާންކޮށް ނަހަދަން. ހަމައެކަނި ސީން އެއްގައި ވާހަކަ ދައްކަން ޖެހުމުން ދައްކަނީ. އެއީ ޕްރޮފެޝަނަލް ގޮތުން،"

އާމިރު އިތުރަށް ބުނީ އެ ދެމީހުންގެ ގުޅުން ރަނގަޅުވާން ފެށީ 2002 ވަނަ އަހަރު އޭނާގެ އޭރުގެ އަންހެނުން ރީނާ ދައްތާ އާއި ވަރިވި ހިސާބުންނެވެ. އެގޮތުން ވަރިވިކަން އެނގުމުން ޖޫހީ ގުޅާފައި ބައްދަލުވުމަށް ދައުވަތު ދިން ކަމަށް އާމިރު ބުންޏެވެ.

ޖޫހީ އަކީ އާމިރުގެ އަދި ރީނާގެ ވެސް ގާތް މީހެކެވެ.

"ޖޫހީ އަށް އެނގޭ ގުޅިއިރު ވެސް ފޯނު ނުނަގަފާނެ ކަން. އެކަމަކު ވެސް އޭނާ ގުޅި. އެ ހިސާބުން އަހަންނަށް އެނގުނީ އަހަރެމެންގެ ރަހުމަތްތެރިކަމަށް ކުޑަ ބަދަލެއް ވެސް ނާންނަ ކަން،" އާމިރު ބުންޏެވެ.