އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަނުން އިއްޔެ ކުރިއަށްގެންދިޔަ މުޒާހަރާގައި ހައްޔަރުކުރި 23 މީހަކު ޖޫރިމަނާކުރުމަށްފަހު ދޫކޮށްލައިފި އެވެ.

އަޅުވެތިކަމާ ދެކޮޅަށް އިއްޔެ ކުރި މުޒާހަރާގައި ޖުމްލަ 25 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ފުލުހުން ބުނިގޮތުގައި މުޒާހަރާއިން ހައްޔަރުކުރި ތެރެއިން 23 މީހަކު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މިންގަނޑުތަކާ ހިލާފްވުމުން ޖޫރިމަނާކުރުމަށްފަހު ދޫކޮށްފައިވާއިރު، ދެ މީހަކު އަދިވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.

ފުލުހުން ބުނީ އެ ދެ މީހުންނަކީ، ފުލުހުންނަށް ހަމަލާދިން ދެމީހުން ކަމަށެވެ.

އިއްޔެގެ މިޒާހަރާގެތެރެއިން ހައްޔަރުކުރި މީހުންގެ ތެރޭގައި ޕީޕީއެމްގެ ނައިބު ރައީސް މުހައްމަދު ނިމާލާއި ޕީޕީއެމް އަދި ޕީއެންސީގެ މެމްބަރުން ހިމެނެ އެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު ގޯސްވުމާއެކު ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް، ފަސް މީހުންނަށްވުރެ އިތުރަށް މީހުން އެއްވެ އުޅުންވަނީ މަނާކޮށްފަ އެވެ. އެހެންނަމަވެސް، އިދިކޮޅުންދަނީ ސިލްސިލާކޮށް، ކޮންމެ ހުކުރު ދުވަހަކުހެން މުޒާހަރާކުރަމުންނެވެ.

މުޒާހަރާއާއި ގުޅިހެން މިހާތަނަށް ގިނަބަޔަކު ޖޫރިމަނާކޮށްފައި ވީނަމަވެސް، އިދިކޮޅުން ބުނީ މުޒާހަރާތައް ހުއްޓާނުލާނެ ކަމަށެވެ. އަދި އެ މީހުންގެ ހަރަކާތްތައް ކުރިއަށްގެންދަނީ އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށް ބުނެ އެވެ.