ދުނިޔޭގައި އިންސާނުންގެ ލޯތައް އަޖާއިބުކޮށްލާ ފަދަ އެތައް ކަމެއް ލައްވާފައިވެ އެވެ. އެއީ ބަލާ މީހަކަށް ގުދުރަތުގެ ފުރިހަމަކަން އެނގި ހާމަވާނެ ކަންކަމެވެ.
ކެރީބިއަންގެ ގައުމެއް ކަމަށްވާ ޑޮމިނިކާގެ "ބޮއިލިން ލޭކް"އަކީ އެފަދަ އެއް ތަނެވެ. އެ ތަނުގެ މާހައުލާއި އެތަނުގައިވާ އަޖާއިބުތަކަކީ ސައިންސްގެ އަލީގައި ސާބިތުވެފައިވާ ކަންކަމެވެ. ޑޮމިނިކާގެ ވެރިރަށް ރޮސޭއޫގެ އިރުމަތިން 10.5 ކިލޯމީޓަރު ދުރުގައި އޮންނަ އެ ކޯރަކީ އަބަދުވެސް ކެކިކެކި އޮންނަ ހޫނުކަން ގަދަ ފެންގަނޑެކެވެ.
އަލިފާން ފަރުބަދައެއްގެ މަތީގައި ހެދިފައިވާ އެ ފެންގަނޑަކީ 75 މޭލު ދިގު ފެންގަނޑެކެވެ. އަހަރު ތެރޭގައި އެ ފެންގަނޑުގެ ފިނިހޫނުމިން އުޅެނީ 82 ޑިގްރީ ސެލްސިއަސްއާއި 92 ޑިގްރީ ސެލްސިއަސްއާ ދެމެދުގަ އެވެ.
މި ހޫނުގެ ސަބަބުން އެ ފެންގަނޑުގެ ކުލަ އަޅި ނޫ ކުލައެއްގައި ފެންނައިރު މުޅި ސަރަހައްދުގެ ވައި ނުސާފު ވެފައި ވަނީ އެ ފެންގަނޑުން އުފެދޭ ހޫނު އާވިންނެވެ.
1870 ވަނަ އަހަރު އެންމެ ފުރަތަމަ ހޯދިފައިވާ އެ ފެންގަނޑަށް މިއަދާ ހަމައަށް އައިއިރު ބޮޑު ބަދަލުތަކެއް އައިސްފައިވާ ކަމަށް ބުނެވެ އެވެ. އެގޮތުން އެ ފެންގަނޑުގެ ފުންމިން އަހަރުތަކުގެ ތެރޭގައި ބަދަލުވެ ފެންގަނޑުގެ ވަކި ސަރަހައްދުތަކެއް ހިކިފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.
މި ފެންގަނޑަކީ ޑޮމިނިކާގައި އެންމެ ފާހަގަ ކޮށްލެވޭ ފަތުރުވެރިންގެ މަންޒިލަށްވާއިރު ކޮންމެ އަހަރަކުވެސް އެ ތަނަށް ހައިކިން ކުރަން އެތައް ހާސް ބަޔަކު ދެ އެވެ.
މި ހެން ގޮސް އުޅުމުގައި ހިތާމަވެރި ބައެއް ހާދިސާތައް ހިނގައި އެތައް ބައެއްގެ ފުރާނަ ގެއްލިފައިވެ އެވެ.
ކޮންމެއަކަސް ޑޮމިނިކާގެ "ބޮއިލިން ލޭކް"އަކީ ގުދުރަތުގެ އަޖާއިބުތަކުގެ ތެރެއިން އަޖާއިބެކެވެ. ވިސްނާ ފިކުރުކުރާ މީހަކަށް މިކަންކަމުން އިބުރަތް ލިބޭނެ އެވެ.