ސޯޝަލް މީޑިއާ އާއި އިންޓަނެޓުގައި ޑާކް ޗޮކްލެޓަކީ ސިއްހަތަށް ފައިދާހުރި ބަދަލެއް ކަމަށް ބުނެ ގިނަ ބަޔަކު ވާހަކަ ދައްކަ އެވެ.

އާދައިގެ ޗޮކްލެޓުގެ ބަދަލުގައި ޑާކް ޗޮކްލެޓް ކެއުމަށް އިންފުލުއެންސަރުންނާއި ސިއްހީ މާހިރުން އިރުޝާދުދެ އެވެ. ނަމަވެސް، ފިހާރަތަކުން ވިއްކާ ހުރިހާ ޑާކް ޗޮކްލެޓަކީ ސިއްހަތަށް ފައިދާހުރި އެއްޗެއްތޯ ސުވާލު އުފެދެ އެވެ.

މުމްބާއީގެ ޕީ.ޑީ. ހިންދުޖާ ހޮސްޕިޓަލްގެ ޗީފް ޑައިޓީޝަން ސުވީދަލް ޓްރިނިޑޭޑް ވިދާޅުވާ ގޮތުގައި ކޮކޯއަކީ ޕޮޓޭސިއަމް، ފޮސްފަރަސް، ކޮޕާ، އަޔަން، ޒިންކް އަދި މެގްނީޒިއަމް ފަދަ މުހިއްމު މިނަރަލްތަކުން މުއްސަނދިވެފައިވާ އެއްޗެކެވެ.

މީގެ އިތުރުން ޑާކް ޗޮކްލެޓުގައި އެކުލެވޭ "ޕޮލިފެނޯލްސް"ކިޔާ މާއްދާއަކީ ލޭގެ ޕްރެޝަރު ދަށްކޮށްދީ، ހިތުގެ ބަލިތަކުން ދިފާއު ކޮށްދޭ މާއްދާ އެކެވެ.

ނަމަވެސް، މައިގަނޑު މައްސަލައަކީ ޗޮކްލެޓް އުފެއްދުމުގައި ހަދާ ގޮތެވެ. އާދައިގެ ކޮކޯ ބީންސްގައި ހުންނަ ފޮނިނޫން ހިތި ރަހަ ކުޑަ ކުރުމަށް ގެންގުޅޭ ޕްރޮސެސްކުރުމުގެ އުކުތަކުގެ ސަބަބުން، އޭގައި އެކުލެވޭ ފައިދާހުރި ޕޮލިފެނޯލް ބައި 10 ގުނައަށް ދަށްވެ އެވެ.

ޑައިޓީޝަން ސުވީދަލް އިރުޝާދު ދެއްވާ ގޮތުގައި، ޑާކް ޗޮކްލެޓް ގަންނައިރު އޭގެ ޕެކެޓުގައި ކޮކޯގެ ޕަސެންޓް ހުރި މިންވަރު ބަލަންވާނެ އެވެ.

ޖުމްލަ 70 އިންސައްތައަށްވުރެ މަތީގެ ކޮކޯ އެކުލެވޭ ޑާކް ޗޮކްލެޓްތަކުގައި ނޫނީ ހަށިގަނޑަށް ބޭނުންވާ ފައިދާތައް އެކަށީގެންވާ މިންވަރަކަށް ނުހުރެ އެވެ.

އެއާއެކު ބާޒާރުގައި ވިއްކާ ބައެއް ޑާކް ޗޮކްލެޓުތަކުގައި ހަކުރާއި އެހެނިހެން ކެމިކަލް މާއްދާތައް ގިނަ އަދަދަކަށް އެކުލެވިގެންވެ އެވެ.

އެހެން ކަމުން އިންޓަނެޓުން ފެންނަ ހުރިހާ ވާހަކައަކަށް ބަރޯސާވެގެން ކޮންމެ ކޮންމެ ޑާކް ޗޮކްލެޓެއް ކެއުމުގެ ބަދަލުގައި، އޭގެ ފެންވަރާއި ކޮކޯގެ ނިސްބަތް ރަނގަޅު ޗޮކްލެޓްތައް އިހުތިޔާރު ކުރުން މުހިއްމެވެ.