ހޫތީން މައްކާއަށް އަމާޒުކޮށް ފޮނުވާލި ޑްރޯންއެއް ސައުދީ އަރަބިއްޔާއިން ހުއްޓުވައި ގޮއްވާލާފައިވާ ކަމަށް އެ ގައުމުން ބުނެފި އެވެ. މިއީ މުގައްދަސް ސިޓީއަށް ނުރައްކާވެދާނެ ފަދަ ހަމަލާތައް އިތުރުވަމުންދާ ކަމުގެ ނިޝާނެކެވެ.
ސައުދީން އިސްވެ އޮންނަ ކޯލިޝަންގެ ތަރުޖަމާނު ތުރްކީ އަލް މާލިކީ ވިދާޅުވި ގޮތުގައި، އަންގާރަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ސައުދީ ރޯޔަލް އެއާ ޑިފެންސް ފޯސްއިން ވަނީ އެ ޑްރޯން މައްކާގެ ވައިގެ ސަރަހައްދަށް ވަނުމުގެ ކުރިން ހުއްޓުވާފަ އެވެ. އަލް މާލިކީ ވަނީ މިއީ އަޅުކަންކުރާ މީހުން ބިރުގަންނަވައި އާންމުންނަށް ގެއްލުން ދިނުމަށް ދިން ހަމަލާއެއްގެ ގޮތުގައި ސިފަކުރައްވައި އެކަން ކުށްވެރިކުރައްވާފަ އެވެ. އަދި ހަރަމްފުޅާއި އުމުރާވެރިންގެ ސަލާމަތާއި ރައްކާތެރިކަމަކީ "ރަތް ރޮނގެއް" ކަމަށް ވިދާޅުވެ އިންޒާރު ދެއްވި އެވެ.
މީގެ ކުރިން ހޫތީން ވަނީ މައްކާއަށް އަމާޒުކުރާ ކަމަށް ބުނާ ވާހަކަތައް ދޮގުކޮށް، މުގައްދަސް ބިނާތަކަށް އެމީހުން ހަމަލާ ނުދޭނެ ކަމަށް ބުނެފަ އެވެ.
ސަލާމަތީ އިންޒާރުތައް
2017 ވަނަ އަހަރު ހޫތީން މައްކާއަށް ހަމަލާދޭން މަސައްކަތް ކުރި ފަހުން، ފުރަތަމަ ފަހަރަށް ސައުދީ އަރަބިއްޔާއިން ވަނީ އަންގާރަ ދުވަހު މައްކާގައި ސަލާމަތީ އިންޒާރު ނެރެފަ އެވެ. މައްކާއަށް ކުރިމަތިވެދާނެ ނުރައްކަލަކާ ގުޅިގެން ނެރުނު މި އިންޒާރު މަދު މިނެޓުކޮޅެއްގެ ތެރޭގައި ވަނީ އުވާލާފަ އެވެ. ހަމަ މިފަދަ އިންޒާރުތަކެއް ތާއިފާއި، ސައުދީގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ޖިއްދާގައި ވެސް ވަނީ ނެރެފަ އެވެ.
ޔަމަނުގެ ސަބާ ނިއުސް އެޖެންސީއަށް އަންގާރަ ދުވަހު ދިން ބަޔާނެއްގައި، ހޫތީންގެ އަސްކަރީ މަސްދަރަކުން ވަނީ އެމީހުންގެ ފަރާތުން މައްކާއަށް ނުވަތަ އެނޫންވެސް އިސްލާމީ މުގައްދަސް ބިނާތަކަށް ނުރައްކަލެއް އޮތް ކަމަށް ބުނާ ވާހަކަ ހަރުކަށި އިބާރާތުން ދޮގުކޮށްފަ އެވެ. އެ މަސްދަރުން ބުނި ގޮތުގައި މިއީ ފަތުރަމުންދާ ދޮގު މައުލޫމާތުތަކެކެވެ.
މިފަހަކަށް އައިސް ދެމުންދާ ހަމަލާތަކަކީ 2015 ވަނަ އަހަރުން ފެށިގެން ހިނގަމުންދާ ހަނގުރާމަ އަލުން ވަރުގަދަވަމުންދާ ކަމުގެ ހެއްކެކެވެ. މި ހަނގުރާމަ ފެށުނީ ހޫތީން ސަންއާގެ ކޮންޓްރޯލް ހޯދައި، ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ސަރުކާރު ވައްޓާލުމާ ގުޅިގެން ސައުދީން އެ ގައުމަށް ސިފައިން ފޮނުވުމުންނެވެ. 2022 ވަނަ އަހަރުގެ އޭޕްރިލް މަހު އދ. މެދުވެރިވެގެން އެކުލަވާލި ސުލްހައިގެ އެއްބަސްވުމާއެކު ހޫތީން ސައުދީއަށް ދޭ ހަމަލާތައް ވަރަށް ބޮޑަށް މަދުވި އެވެ. ނަމަވެސް، ޖުލައި މަހު ސައުދީގެ އާގުބޯޓުތައް ހުއްޓުވާނެ ކަމަށް ހޫތީން އިއުލާނުކޮށް، ބާބުލް މަންދަބްގެ އައްސޭރިފަށުގެ މުހިންމު ސަރަހައްދުތަކެއް އެމީހުންގެ ބާރުގެ ދަށަށް ގެންދިޔަ ފަހުން ހަމަނުޖެހުންތައް ވަނީ އަލުން އިތުރުވެފަ އެވެ.
ސެޕްޓެމްބަރު މަހުގެ ކުރީކޮޅު، އީރާނަށް ތާއީދުކުރާ މި ޖަމާއަތުން ވަނީ ސައުދީގެ އެކި ސަރަހައްދުތަކަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފަ އެވެ. މިއީ މި ހަނގުރާމައިގައި ހަމަލާތައް ވަރަށް ބޮޑަށް އިތުރުވެގެން ދިޔަ ކަމެކެވެ. ރިޔާދުން ތުހުމަތުކުރާ ގޮތުގައި ހޫތީން ދަނީ ސައުދީގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މުހިންމު ބިނާތަކަށް ހަމަލާދެމުންނެވެ. ސައުދީން އިސްވެ އޮންނަ ކޯލިޝަނުން ބުނެފައިވަނީ، އަންގާރަ ދުވަހު ޚަމީސް މުޝައިތު، އަބްހާ އަދި ތާއިފަށް ދިން ހަމަލާތަކުގައި 13 މީހަކަށް އަނިޔާވެފައިވާތީ، އެކަމަށް ހަރުކަށި ރައްދެއް ދޭނެ ކަމަށެވެ.
އެމެރިކާއިން އީރާނުގެ ދެ ބޯޓަކަށް ހަމަލާދީ ސުންނާފަތިކޮށްލައިފި
އެމެރިކާއިން އިޒްރޭލަށް 2.8 ބިލިއަން ޑޮލަރުގެ ހަތިޔާރު ދެނީ

ހޫތީންގެ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެކަމުގެ އިންޒާރު
ޖިއްދާ، މައްކާ އަދި ތާއިފަށް ކުއްލި ނުރައްކަލު އިންޒާރު ދީފި