ބޮލީވުޑްގެ ލެޖެންޑް އަދި މަޝްހޫރު ފަންނާނު އަމީތާބް ބައްޗަން ފިލްމީ ދާއިރާއިން ރިޓަޔާ ކުރަން އުޅޭކަމަށް ދެކެވެމުންދާ ވާހަކަތައް ދޮގުކޮށް، އެކަމަށް ރައްދުދީފި އެވެ.
އުމުރުން 83 އަހަރުގެ އަމީތާބް ބުނި ގޮތުގައި، އޭނާ މިވަގުތު ފިލްމީ މަސައްކަތްތަކުން ދުރުވާން އެއްވެސް ވިސްނުމެއް ނުގެންގުޅެ އެވެ.
ފަހަކަށް އައިސް އޭނާގެ އަމިއްލަ ބްލޮގްގައި ލިޔެފައިވާ ބައެއް ވާހަކަތަކާ ގުޅިގެން، އޭނާ ވަރަށް އަވަހަށް ކެރިއަރު ނިންމާލަން އުޅޭކަމަށް ސޯޝަލް މީޑިއާގައާއި މީޑިއާގައި ބޮޑެތި ވާހަކަތަކެއް ފެތުރުނެވެ.
ހާއްސަކޮށް، އޭނާގެ ލިޔުމެއްގެ އެންމެ ފަހުގައި "އަދި އަހަރެން ރިޓަޔާ ވަނީ" ކަމަށް ލިޔެފައިވުމާ ގުޅިގެން ސަޕޯޓަރުންގެ މެދުގައި ކަންބޮޑުވުން އުފެދުނެވެ.
ނަމަވެސް، މި ވާހަކަތަކަށް ރައްދު ދެމުން އަމީތާބް ބުނީ، އޭނާ އެތަނުގައި "ރިޓަޔާ" މާނަ ކޮށްފައިވަނީ މަސައްކަތުން ދުރުވުމުގެ މާނައިގައި ނޫން ކަމަށާއި، އެއީ ނިދަން ދާންވީކަން ބަޔާން ކުރަން ބޭނުންކުރި ލަފުޒެއް ކަމަށެވެ.
"ނޫން ސާ، އަހަރެން މަސައްކަތުން ރިޓަޔާ ވަނީއެއް ނޫން. އޭގެ މާނައަކީ އަހަރެން މިހާރު މިދަނީ ނިދާށޭ" ހިންދީން ލިޔެފައިވާ މެސެޖެއްގައި އަމީތާބް ބުންޏެވެ.
މިވަގުތުވެސް ކާމިޔާބު ޓީވީ ޝޯ "ކޯން ބަނޭގާ ކްރޯޑްޕަތީ"ގެ 18 ވަނަ ސީޒަން ހުށަހަޅައިދެމުންދާ އަމީތާބް ބައްޗަން، އޭނާގެ ބުރަ މަސައްކަތުގެ ޝެޑިއުލް ކުރިއަށްދާ ގޮތުގެ ވާހަކަތައް އަބަދުވެސް ސަޕޯޓަރުންނާ ހިއްސާކުރެ އެވެ. އޭނާގެ މި ވާހަކަތަކާއެކު ސަޕޯޓަރުންނަށް ވަނީ ބޮޑު ހަމަޖެހުމެއް ލިބިފަ އެވެ.
78 ވަނަ އެމީ އެވޯޑްސް: އެންމެ މޮޅު ތަރިންނާއި ޝޯތައް!
"ވޯކް ފްރޮމް ހޯމް"އިން ނަފްސާނީ ސިއްހަތަށް ނޭދެވޭ އަސަރުތަކެއް!