ސްރީލަންކާގެ ކާއްޓާބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއް ކަމަށްވާ އަރުންދިކާ ފެނާންޑޯ މިވަނީ ތަފާތު ގޮތަކަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ.
ކާށީގެ އަގު ބޮޑުވުމާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިނިސްޓަރު ވަނީ ރުކަކަށް އަރާވަޑައިގެންފަ އެވެ. އަދި އިންޓަވިއު ދެއްވީ ވެސް ރުކުގައި އިންނަވައިގެންނެވެ. އަދި އެހެން އިންނެވުމުގެ ތެރޭގައި ރުކުން ކުރުނބާ އެޅުއްވި ކަމަށް ވެސް ވެއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ކާށީގެ އަގު ބޮޑުވެފައިވަނީ މުޅި ދުނިޔޭގައި ވެސް ކާށި ހިމެނޭ ތަކެއްޗަށް އޮންނަ ޑިމާންޑް ބޮޑުވުމުގެ ސަބަބުންނެވެ. އަދި ރުކަށް އަރާ ކުރުނބާ އަޅާ މީހުން، އެ އަރާ ކޮންމެ ރުކަކަށް 100 ރުޕީސް ދޭން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރުކަށް އަރާ، ރުކުރާ އުފައްދާ މީހުން ހޯދުމަށް ދަތިވެފައިވާ ކަމަށާއި ކާށީގެ އަގު ބޮޑުވިކަމުގައި ވިޔަސް އިމްޕޯޓު ނުކުރާނެ ކަމަށެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި އާންމުގެ މީހަކު ތައްޔާރުކޮށްފައި ހުރި ރުކަށް އަރާ މެޝިނެއް ވެސް މިނިސްޓަރު ވަނީ ޓެސްޓް ކުރައްވާފަ އެވެ. އަދި މި މެޝިން ތައާރަފުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށް މިއޮތް ދެ މަސް ތެރޭ ކުރާނެ ކަމަށް ވިދާޅުވި އެވެ.