އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދުގެ ގެ ކަމަށްވާ މ. ޒޭވަރު ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށް 1.69 މިލިއަން ރުފިޔާ ފުލުހުން ހޯދައިފި އެވެ.

ފުލުހުންގެ އޮފިޝަލަކު ވަނީ "ހުރިހާ"އަށް މިކަން ކަށަވަރުކޮށްދެއްވާފަ އެވެ.

ފަޒުލްގެ ގެ ބަލައިފާސްކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އެގެ ބަލައި ފާސްކުރީ ފަޒުލްގެ ބޭބެ މުހައްމަދު ފަޒުލް ރަޝީދަށް ބިންވެރިޔާ ސްކީމުން ގޯތި ލިބިފައިނުވަނީސް ވަގު ލިޔުމެއް ތައްޔާރުކޮށް އޭނައަށް ގޯތި ދީފައިވާ މައްސަލައިގެ ތަހުގީގަށެވެ.

ވަގު ގޯތި މައްސަލަ ފަޅާއަރާފައިވަނީ ފަޒުލްގެ ބޭބެ މުހައްމަދު ފަޒީލް ރަޝީދުއަށް ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިނުވާއިރު، ގޯއްޗެއް ލިބުނުކަމަށް ނިންމާ ވަށާފާރު ރޭނި މައްސަލައެއް ފެންމަތިވުމާ ގުޅިގެންނެވެ. ފުލުހުން ތަހުގީގު ކުރަމުންދަނީ މިކަމާ ގުޅޭ ފޯޖަރީގެ މައްސަލައެވެ.

މިކަމާ ގުޅޭގޮތުން ޕޮލިސް މީޑިއާއާ "ހުރިހާ"އިން ސުވާލުކުރުމުން އެއްވެސް ޖަވާބެއް ދީފައެއްނުވެ އެވެ.

ފަޒުލް އާއި އެޗްޑީސީގެ ބޯޑު މެމްބަރުންނަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފަޅާއަރާފައި ވިޔަސް އެންޓި ކޮރަޕްޝަން ކޮމިޝަނާއި ފުލުހުން އެ މައްސަލަތައް ތަހުގީގެއް ނުކުރެ އެވެ. ހަމައެކަނި ތަހުގީގު ކުރަނީ ފަޒުލްގެ ބޭބެއަށް ނުހައްގުން ވަގަށް ގޯއްޗެއްދިން މައްސަލަ އެކަންޏެވެ. އެ މައްސަލަ ތަހުގީގުކުރަން ފެށީ ސަރުކާރަށް އެކަން ދިފާއުކޮށް ވާހަކަ ނުދެއްކޭވަރުގެ ހެއްކާއެކު އެ މައްސަލަ ފަޅާއަރުވާލުމުންނެވެ.

އެޗްޑީސީގެ ކޮރަޕްޝަން މައްސަލަތައް ތަހުގީގުކުރަން ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ވެސް އަމުރެއް ނުކުރައްވަ އެވެ. ފުލުހުންނާއި އޭސީސީއަށް އައްބާސް އަމުރުކުރެއްވީ ހަމައެކަނި ކުރީ ސަރުކާރުގެ މައްސަލަތަކެއް ތަހުގީގުކުރުމަށެވެ.