ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު، ޓީއެމްއޭގެ އަގަކީ މިހާރު 500 މިލިއަން ޑޮލަރާއި 700 މިލިއަން ޑޮލަރާ ދެމެދުގެ އަގެއް ކަމަށް ބްލޫމްބާގުން ލަފާކުރޭ. ޓީއެމްއޭ ވިއްކާލަން އެ ކުންފުނީގެ މައި ހިއްސާދާރު އިންވެސްޓަރުން ހޯދަން އަތްފުނާ އަޅަމުންދާއިރު، ޓެކްސް އާއި އެނޫން ވެސް ފީތައް ބޮޑުކުރުމާއި ޑޮލަރު މާރުކުރުން މަޖުބޫރުކުރާ ގާނޫނެއް ފާސްކުރުމުން ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް ނޭދެވޭ އަސަރުތަކެއް ދަނީ ކުރަމުން. އެއާއެކު ރާއްޖޭގައި އިންވެސްޓްކޮށްގެން ތިބި ބޮޑެތި ވިޔަފާރިވެރިންގެ އިތުބާރު ގެއްލެމުންދާ ކަމަށް ތަޖުރިބާކާރުން ވިދާޅުވޭ.

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ހިއްސާ ވިއްކާލަން އެ ކުންފުނީގެ މައި ހިއްސާދާރު އެމެރިކާގެ ކާލައިލް ގްރޫޕުން އަލުން މަސައްކަތް ފަށައިފި އެވެ.

ކޮވިޑް-19 އަށް ފަހު ދަތުރުފަތުރު ރަނގަޅުވުމުން ޓީއެމްއޭއަށް ލިބުނު ފައިދާ އިތުރުވެ، ރާއްޖޭގެ ސީޕްލޭން އޮޕަރޭޓަރަށް މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ވިއްކަން ކުރި މަސައްކަތަށް ވުރެ ބޮޑު އަގެއް މިފަހަރު ލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ އިންވެސްޓަރުން ލަފާކުރެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު، ޓީއެމްއޭގެ އަގަކީ މިހާރު 500 މިލިއަން ޑޮލަރާއި 700 މިލިއަން ޑޮލަރާ ދެމެދުގެ އަގެއް ކަމަށް ބްލޫމްބާގުން ލަފާކުރެ އެވެ.

ޓީއެމްއޭ ވިއްކާލަން އެ ކުންފުނީގެ މައި ހިއްސާދާރު އިންވެސްޓަރުން ހޯދަން އަތްފުނާ އަޅަމުންދާއިރު، ޓެކްސް އާއި އެނޫން ވެސް ފީތައް ބޮޑުކުރުމާއި ޑޮލަރު މާރުކުރުން މަޖުބޫރުކުރާ ގާނޫނެއް ފާސްކުރުމުން ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް ނޭދެވޭ އަސަރުތަކެއް ދަނީ ކުރަމުންނެވެ. އެއާއެކު ރާއްޖޭގައި އިންވެސްޓްކޮށްގެން ތިބި ބޮޑެތި ވިޔަފާރިވެރިންގެ އިތުބާރު ގެއްލެމުންދާ ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.

ބްލޫމްބާގްގައި ބުނެފައި ވަނީ ކާލައިލް ގްރޫޕާއި އެކުގައި މަސައްކަތް ކުރާ ކިންގް ސްޓްރީޓް ކެޕިޓަލް މެނޭޖްމަންޓާއި ޑޭވިޑްސަން ކޭމްޕްނާ ކެޕިޓަލް މެނޭޖްމަންޓުން ޓީއެމްއޭ ވިއްކާލުމަށް އެޑްވައިޒަރުންނާ އެކު މަޝްވަރާކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ކުންފުނިން ވިއްކާލަން ބޭނުންވާ ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ.

ޓީއެމްއޭގައި ބޭނުންކުރާ ސީޕްލޭނެއް އުދުހެނީ. ފޮޓޯ: ޓީއެމްއޭ

ވިއްކުމުގެ މަރުހަލާ މިހާރު އޮތީ ފުރަތަމަ މަރުހަލާގައި ކަމަށާއި އަދި ވަކި ގޮތެއް ނުނިންމާ ކަމަށް އެ ނޫހުން ބުނެފައިވެ އެވެ.

ބްލޫމްބާގްގެ ސޯސްތަކުން ބުނާ ގޮތުގައި 1989 ވަނަ އަހަރު އުފެއްދި މި ކުންފުނި ހޯދުމަށް އިންޑަސްޓްރީގެ ބޮޑެތި އިންވެސްޓްމަންޓް ފަންޑުތަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އެއާޕޯޓާއި ރަށްރަށުގެ އެކި ރިސޯޓްތަކާ ދެމެދު ފަސިންޖަރުން ޝަޓްލް ކުރި ހެލިކޮޕްޓަރު އޮޕަރޭޓަރެއް ކަމަށްވާ ޓްރާންސް މޯލްޑިވިއަން އެއާވޭސް އަކީ ރާއްޖޭގެ އެންމެ ދުވަސްވީ ވައިގެ ހިދުމަތް ދޭ ކުންފުންޏެވެ.

ޓީއެމްއޭގެ ވެބްސައިޓުގައިވާ ގޮތުން އެ އެއާލައިންގެ ފްލީޓްގައި ހިމެނެނީ 58 މަތިންދާ ބޯޓެވެ. އެއީ 53 ޑީއެޗްސީ-6-300، ތިން ޑީއެޗްސީ-6-400، އެއް ޑީއެޗްސީ-6-200 އަދި އެއް ޑީއެޗްސީ-6-100 އެވެ. އަދި މާލެ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖޭގެ 80 އަށް ވުރެ ގިނަ ރިސޯޓަށް ޓްރާންސްފާގެ ހިދުމަތް ދޭ އަދި އަހަރަކު އެއް މިލިއަނަށް ވުރެ ގިނަ ފަސިންޖަރުން އުފުލާ ކަމަށް އެ އެއާލައިނުން ބުނެ އެވެ.

ޓީއެމްއޭ އަކީ މިފަހަކަށް އައިސް އިންވެސްޓްމަންޓް ފަންޑުގެ އަތްދަށުގައި އޮތް ކުންފުންޏެކެވެ. އެގޮތުން އެމެރިކާގެ ބެއިން ކެޕިޓަލް އާއި ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޓެމްޕަސް ގްރޫޕުން ބްލެކްސްޓޯން އިން 2017 ވަނަ އަހަރު އެ ކުންފުނި ގަތެވެ. އަދި ކާލައިލް 2023 ވަނަ އަހަރު މެޖޯރިޓީ އޯނަރަކަށް ވީ އެހެން ފަންޑުތަކާ އެކު ދަރަނި ރީސްޓްރަކްޗާ ކުރުމުގެ އެއްބަސްވުމެއްގައި އިސްކޮށް އުޅުމަށްފަހު ފަހު އެވެ.