ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށްފަހު ޣައްޒާއަށް ހަމަލާ ދޭނަމަ ގެންދަން ޖެހޭނީ އިޒްރޭލުގެ ރަހީނުންގެ ސަންދޯއް ކަމަށް ފަލަސްތީނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާއަތް އިސްލާމިކް ޖިހާދުން ބުނެފި އެވެ.
އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށް މިއަދު އަމަލު ކުރަން ފަށާއިރު، އެއްބަސްވުން އިއުލާން ކުރި ދުވަހުން ފެށިގެން ވެސް އިޒްރޭލުން ވަނީ ގިނަ ވައިގެ ހަމަލާތަކެއް ޣައްޒާއަށް ދީ ސަތޭކައަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފަ އެވެ.
އެއްބަސްވުމަށް ފަހު ހަމާލަތައް ކުރިއަށް ގެންދާނަމަ ރަހީނުކޮށްފައިވާ އިޒްރޭލުގެ ރަހީނުން ދިރި ނުތިބޭނެ ކަމަށް އެ ޖަމާއަތުން ވަނީ އިންޒާރު ދީފަ އެވެ.
އިސްލާމިކް ޖިހާދު ހަރަކާތުގެ ސިފައިންގެ ގޮފި ކަމުގައިވާ އަލް- ގުދުސް ބްރިގޭޑުން ރަހީނުންގެ އާއިލާތަކަށް ގޮވާލާފައިވަނީ ވައިގެ ހަމަލާތައް ހުއްޓުވުމަށް އެދުމަށެވެ. އެ ފަރާތުން ބުނެފައި ވަނީ މިހާރު ބަންދުކޮށްފައިވާ މީހުންގެ ކަންތައް އޮތީ ހަމައެކަނި އިޒްރޭލް ސިފައިންގެ އަތްމަތީގައި ކަމަށެވެ.
ބުދަ ދުވަހު އިޢުލާނުކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ޢަމަލުކުރަން ފަށާނީ މިއަދު ހެނދުނު 8:30 ގައި (ރާއްޖެ ގަޑިން 11:30 ގައި) އެވެ.
ގަތަރުގައި ވެވުނު އެއްބަސްވުމުގެ ދަށުން، އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާގައި 33 އިޒްރޭލު ރަހީނުން ދޫކޮށްލުމަށް ހަމަޖެހިފައިވެ އެވެ. މީގެ ބަދަލުގައި 730 އަށްވުރެ ގިނަ ފަލަސްޠީނު މީހުން އިޒްރޭލު ޖަލުތަކުން ދޫކޮށްލެވޭނެ އެވެ.
ނަމަވެސް، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ޢަމަލުކުރަން ފަށަން މަދު ގަޑިއިރުތަކެއް ބާކީ އޮއްވާ، އިޒްރޭލު ސިފައިން އަދިވެސް ދަނީ ހުއްޓުމެއް ނެތި ޣައްޒާއަށް ދަނީ ބޮން އަޅަމުންނެވެ. އެއްބަސްވުން އިޢުލާނުކުރި ފަހުން އިޒްރޭލު ސިފައިން ޣައްޒާގައި 122 މީހުން ޝަހީދުކޮށްލައި 270 މީހުން ޒަހަމްކޮށްލާފައިވާ ކަމަށް ޣައްޒާގެ ސިވިލް ޑިފެންސްއިން ބުނެފައިވެ އެވެ.
މި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުން މިހާރު އުއްމީދުކުރެވެނީ އިޒްރޭލުން 15 މަސްދުވަހަށް ވުރެ ގިނަ ދުވަހު ޣައްޒާގައި ހިންގަމުން ގެންދިޔަ އަނިޔާވެރި ނަސްލު ފޮހެލުމުގެ ޙަމަލާތަކަށް ނިމުމެއް ގެންނާނެ ކަމަށެވެ.
މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކޭ ގޮތުގައި ނަތަންޔާހޫ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުންތަކާ ޚިލާފުވުމުގެ ތާރީޚަށް ބަލާއިރު، މި އެއްބަސްވުމާ ވެސް ހިލާފުވުމުގެ ފުރުސަތު ބޮޑެވެ.