ރާއްޖޭގެ މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދު "ހާލުގައި ޖެހި" ފ. ނިލަންދޫއަށް ދިރިއުޅުން ބަދަލުކުރަން ނިންމައިފި އެވެ.
މީގެ ދުވަސްކޮޅެއް ކުރިން ނިއުމާ ވަނީ އޭނާ ޑިޕްރެޝަންގެ ޝިކާރައަކަށްވެ، އުޅެންޖެހިފައިވާ ހިތްދަތި ދިރިއުޅުމުގެ ވާހަކަ ކޮންމެވެސް ވަރަކަށް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.
އެގޮތުން ދިރިއުޅުމުގެ ހާލަތު ދަށްވެ، ފާއިތުވި ތިން އަހަރު ދުވަހު ވަރަށް އުނދަގޫ ދުވަސްތަކާއި ކުރިމަތިލާން ޖެހުނުކަމަށް އޭނާ ބުނެފައިވެ އެވެ.
މިއާއެކު އޭނާގެ ހުރި ހަމައެކަނި ދަރި ގޮވައިގެން އުމުރުގެ ގިނަ ދުވަސްތަކެއް އެތަނެއްގައި ހޭދަކުރި މާލެ އާއި ގާތް މީހުން ދޫކޮށް ދާންޖެހިފައިވާ ވާހަކަ އޭނާ ވަނީ ބުނެފަ އެވެ.
ގދ. ވާދޫ އަށް އުފަން ނިއުމާގެ ދިރިއުޅުން މިހާރު ނިލަންދޫއަށް ބަދަލުކޮށް ދަރިފުޅު އެރަށު ސުކޫލަށް ވައްދާފައިވާކަން ވަނީ އެނގިފަ އެވެ.
އިއްޔެއިން ފެށިގެން ނިއުމާ ހާލުގައި ޖެހުނު ވާހަކަ އާ އެކު އެކަމަށް ރައްދުދީ އޭނާ މާލެ ދޫކޮށް ހިނގައްޖެ ކަމަށް ބުނާ ހަބަރު ޝެއާކޮށް "މަ ހާލުގައި ޖެހިގެން ބަދަލުވީ މާލޭން ހުޅުމާލެއަށް. އޯކޭ" އޭ ބުނެ ޕޯސްޓެއް ކޮށްފައިވެ އެވެ.
ނިއުމާ އަކީ ނަވާރަސްތޭކައިގެ އަހަރު ތަކުގައި ދިވެހި ސިނަމާތައް ފަޅު ފިލުވާލި ކުޅަދާނަ އެކްޓަރެކެވެ. ވަރަށް ޅަ އުމުރުގައި ފިލްމީ ދާއިރާއަށް ނުކުތް ނިއުމާ ވަނީ ފާއިތުވި 30 އަކަށް އަހަރުތެރޭގައި ގިނަ ފިލްމުތަކެއްގައި ލީޑް ރޯލް އަދާކޮށްފަ އެވެ. މީގެ އިތުރުން އޭނާ ވަނީ ފިލްމު ޕްރޮޑަކްޝަންގެ މަސައްކަތްވެސް ކޮށްފަ އެވެ. އެގޮތުން އޭނާގެ އަމިއްލަ ފިލްމު "ނިއުމާ" އަކީ ފާހަގަކޮށްލެވޭ މޮޅު ފިލްމެކެވެ.