ހައުސިންގ މިނިސްޓަރު މުއްތަލިބު ހދ. މަކުނުދޫއަށް ވަޑައިގެންނެވުމުން ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެ އިހުތިޖާޖު ކޮށްފި އެވެ.
މިނިސްޓަރުގެ މި ދަތުރުފުޅަކީ ހޮނިހިރު ދުވަހު އޮންނަ ކައުންސިލް ބައި-އިލެކްޝަންގައި ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓަށް ތާއީދު ހޯއްދެވުމަށް ކުރެއްވި ދަތުރުފުޅެކެވެ.
އިހުތިޖާޖުގެ ބައިވެރިން ކަންބޮޑުވުން ފާޅުކުރަމުން ދިޔައީ ބުރާސްފަތި ދުވަހު ރައީސް މުހައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނުގައި، މަކުނުދޫ އެއާޕޯޓުގެ ވާހަކަ ނުހިމެނުމާއި، ރަށުގެ ކަރަންޓުގެ ޚިދުމަތް ދަށްވެ، ގަވާއިދުން ކަރަންޓު ކެނޑޭ މައްސަލައަށް ހައްލެއް ނުލިބި ލަސްވަމުންދާތީ އެވެ.
ގިނަ ބަޔަކު ބޯޑުތައް ހިފައިގެން ނުކުމެ މިނިސްޓަރު ރަށަށް ވަޑައިގެންނެވި ވަގުތު ވަނީ ޝުއޫރުފާޅުކޮށް އަޑުއުފުލާފަ އެވެ. އިހުތިޖާޖުގެ ބައެއް ބައިވެރިން ވަނީ ރައީސް މުއިއްޒުގެ އިސްތިއުފާއަށްވެސް ގޮވައިފަ އެވެ.
އެމްޑީޕީ ވެރިކަމުގައި މަކުނުދޫ އެއާޕޯޓުގެ މަޝްރޫޢު ފަށާފައިވާއިރު، ބިން ހިއްކުމުގެ މަސައްކަތް 2023ގެ ޑިސެމްބަރުގައި ވަނީ ނިމިފަ އެވެ. މި މަޝްރޫޢު ހަވާލުކޮށްފައި ވަނީ ބިގް ފިޝް މޯލްޑިވްސްއާ އެވެ.
އެއާޕޯޓުގެ މަޝްރޫޢުގައި އަސްލު ހިމެނިފައިވަނީ 1500 މީޓަރުގެ ރަންވޭއެއް ނަމަވެސް، ރައްޔިތުންގެ އެދުމުގެ މަތިން ރައީސް މުއިއްޒު ވަނީ 1800 މީޓަރަށް ރަންވޭ އިތުރުކޮށްދެއްވާނެކަމަށް ވިދާޅުވެފަ އެވެ.
މި މަޝްރޫޢުގެ ދަށުން 43.12 ހެކްޓަރުގެ ބިން ހިއްކައި، 3493 މީޓަރުގެ ރިވެޓްމަންޓެއް ޖެހުމަށް ވަނީ ހަމަޖެހިފަ އެވެ.