ޓެކްސީ ޑްރައިވަރުންނާއި އަދި ޓެކްސީ ސެންޓަރުތަކަކީ ރާއްޖޭގައި އެންމެ ކުރިން ފެށިގެން ވެސް މިއަދާ ޖެހެންދެން ވެސް ފުޅާދާއިރާއެއްގައި ޓެކްސީގެ ޚިދުމަތް އާންމު ރައްޔިތުންނަށް ދެމުން އައި ފަރާތްތައް ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުން މިއަދު ޓެކްސީ ޑްރައިވަރުންގެ އެ މަސައްކަތަށް ހުރަސް އަޅާފައިވާ ކަމަށް ޑްރައިވާސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އިބްރާހީމް ނިޔާޒް ވިދާޅުވެއްޖެ އެވެ.

ނިޔާޒް މިފަދައިން ވިދާޅުވެފައި ވަނީ މި ސަރުކާރުން އީވީ ޓެކްސީގެ ނަމުގައި ޓެކްސީ ލައިނެއް އިފްތިތާހުކުރުމާ ގުޅިގެން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. އަދި ސަރުކާރުން ޓެކްސީގެ ޚިދުމަތް އިފްތިތާހުކުރުން ވެގެން ދިއައީ މުޅި ރާއްޖެއާއި މާލެ ސަރަހައްދުގެ ޓެކްސީ ޑްރައިވަރުންނަށް ވަރަށް ބޮޑު ކަންބޮޑުވުމެއް ލިބިގެންދިއަ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނިޔާޒް ވިދާޅުވީ ސަރުކާރުން ޓެކްސީގެ ޚިދުމަތް ފެށުމަކީ ޒަމާނުއްސުރެ ޓެކްސީގެ ޚިދުމަތް ދެމުން އަންނަ ޓެކްސީ ތަކާއި ޓެކްސީ ސެންޓަރުތަކުން ދިގު މުއްދަތަކަށް ކުރި ބޮޑެތި އިންވެސްޓްމަންޓުތައް ހުއްޓި އެކަމުގެ ސަބަބުން ޓެކްސީ ޑްރައިވަރުންގެ މަސައްކަތައް ހުރަސްއެޅިގެން ދާނެ ކަމެއް ކަމަށެވެ.

"މި ސަރުކާރުން ޓެކްސީ ފްލީޓެއް ތައާރަފުކުރަން ނިންމި ނިންމުމަކީ، ޒަމާނުއްސުރެ، މި ގައުމުގައި ޓެކްސީ ކުރަމުން އަންނަ ފަރާތްތަކަށް ދެވޭ ވަރަށް ބޮޑު ދެރައެއް، އަނިޔާއެއް. މިކަމުގެ ސަބަބުން ޓެކްސީ ޑްރައިވަރުންގެ ދިރިއުޅުމަށް ވަރަށް ބޮޑަށް އަސަރުކުރާނެ."
ޑްރައިވާސް އެސޯސިއޭޝަނުގެ ރައީސް އިބްރާހީމް ނިޔާޒް

ނިޔާޒް ވިދާޅުވީ އެންމެ ކުރިންސުރެ ވެސް ޓެކްސީ ޑްރައިވަރުން ޓެކްސީގެ ޚިދުމަތް ދެމުން އައީ އެތައް ބޮޑެތި ގުރުބާނީތަކެއް ވެސް ވެގެން ކަމަށެވެ. އެގޮތުން ގިނަ މީހުން ޓެކްސީކުރަން ކާރުތައް ގަނެފައި ހުރީ ބޮޑެތި ލޯނުތައް ނަގައިގެން ކަމަށާއި އަނެއްބަޔަކު ޓެކްސީ ދަތުރުތައް ކުރަމުން ގެންދަނީ އެހެން މީހުންގެ ޓެކްސީތައް ކުއްޔަށް ނަގައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެން ކަމުން މި ސަރުކާރުން އެކަން ކުރުން ވެގެންދަނީ ޓެކްސީ ޑްރައިވަރުންގެ ދިރުއުޅުމަށް ކުރަމުން އަންނަ މަސައްކަތައް ހުރަސް އަޅައި އެ ފަރާތްތައް ނިކަމެތިކޮށްލުން ކަމަށް ނިޔާޒް ވިދާޅުވި އެވެ. އަދި ޓެކްސީ ޑްރައިވްރަުން ކުރަމުން އަންނަ މަސައްކަތައް ހުރަސް އެޅުމަކީ ސަރުކާރުން ކުރާ ވަރަށް ދެރަ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނިޔާޒް ވިދާޅުވީ ޓެކްސީގެ ޚިދުމަތަކީ އެންމެ އާދައިގެ މީހާ ވެސް ދިރިއުޅުމަށް އާމްދަނީ ހޯދުމަށް ކުރަމުން އަންނަ މަސައްކަތެއް ކަމަށާއި އަދި މިއީ ވަރަށް ގިނަ އަމިއްލަ ފަރުދުންގެ ދިރިއުޅުމާއި ވެސް ގުޅިފައިވާ މުހިންމު މަސައްތަކެއް ކަމަށެވެ.

އޭނާ ވިދާޅުވީ ސަރުކާރުން ޓެކްސީގެ ޚިދުމަތް ދޭން ފެށުމުން އެކަމުގެ ދަތިތަކާއި ތަކުލީފުތައް ކުރިމަތިވަނީ ހަމައެކަނި އެންމެ ޓެކްސީ ޑްރައިވަރަކަށް ނޫން ކަމަށާއި އެކަމުގެ ތަކުލީފުތައް ހުރިހާ ޓެކްސީ ޑްރައިވަރުންނަށް ވެސް އުފުލަން ޖެހޭ ކަމަށެވެ. ކަން މިހެން ހުރިއިރު، މިކަމުގެ އަސަރު ގިނަ ފަރާތްތަކަށް ފޯރާނެ ކަމަށް ނިޔާޒް ވިދާޅުވި އެވެ.

މީގެ އިތުރުން ނިޔާޒް ވިދާޅުވީ ސަރުކާރުގެ މި ޚިދުމަތް ތައާރަފުވެގެން ދިއުމުން ޓެކްސީ ޑްރައިވަރުންނަށް އެއްވެސް ވަރެއްގެ ބިރުވެރިކަމެއް ނުވަތަ ކަންބޮޑުވުމެއް ނެތް ކަމަށް ސަރުކާރުން ބުނާއިރު، އެއްތަނެއްގައި ޚިދުމަތްދޭ ދެތަނެއް ހުރުމަކީ ޑިމާންޑް ކުޑަވެ، ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމެއް ކަމަށެވެ. އެގޮތުން ވަރަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.