ރ. މަޑުއްވަރީގައި 14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައަކާ ގުޅިގެން ތުހުމަތުކުރެވޭ މީހުން ހައްޔަރުކުރުމަށް ގޮވާލާ، އެރަށުގައި ކުރި މުޒާހަރާގެތެރެއިން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މުޒާހަރާއާ ގުޅިގެން ކޯޓު އަމުރުގެ ދަށުން 10 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މީހުންނަކީ ދައުލަތުގެ މުދަލަށް ގެއްލުންދިނުމާއި ފުލުހުންނަށް ހަމަލާދިންކަމުގެ ތުހުމަތުގައި ހައްޔަރުކުރެވިފައިވާ މީހުން ކަމަށް ފުލުހުން ބުންޏެވެ.
މިމަހުގެ ތިންވަނަ ދުވަހު އެރަށުގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެއް މިމަހުގެ 11 ވަނަ ދުވަހު ހުށަހެޅިފައިވާކަން ފުލުހުންވަނީ ޔަގީންކޮށްދީފަ އެވެ.
މި މައްސަލައިގެ ތުހުމަތު އެރަށުގެ މުދައްރިސަކާއި ފުލުހަކަށް ކުރެވޭއިރު ޖިންސީ އަނިޔާގެ ޝިކާރައަކަށްވި ކުއްޖާ ވަނީ ހާދިސާ ހިނގިގޮތް އާއިލާއަށާއި ޖެންޑާ މިނިސްޓްރީއަށް ކިޔައިދީފަ އެވެ.
މި މައްސަލައިގެ ތުހުމަތުކުރެވޭ މީހުން މިހާތަނަށް ވެސް ހައްޔަރުކޮށްފައި ނުވާއިރު މިކަމާ ގުޅިގެން އެ ރަށުގައި ދަނީ އިހުތިޖާޖު ކުރަމުންނެވެ.
އިހްތިޖާޖު ހޫނުވެ ބައެއް މީހުން ދައުލަތުގެ މުދަލަށް ގެއްލުންދީ، ފުލުހުންނަށް އަނިޔާކޮށްފައި ވާތީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް، އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އަދި މިހާތަނަށް އެކަކު ވެސް ހައްޔަރުކުރެވިފައެއް ނުވެ އެވެ.
އެ ރަށުން ވާހަކަދެއްކި މީހަކު ބުނިގޮތުގައި، 14 އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވަނީ އެ ކުއްޖާ ހަވީރު ވަގުތެއްގައި ސްކޫލަށް ގޮސް ހުއްޓާ މުދައްރިސެއް އޭނާ ގޮވައިގެން ކައިރީ ހުރި ގެސްޓްހައުސްއަކަށް ގޮސްގެންނެވެ.
އޭރު އެތަނުގައި އިތުރު ތިން މީހުން ތިބި ކަމަށާއި އަދި އެ މީހުން ތިބީ މާސްކް އަޅައި މޫނު ނިވާކޮށްގެން ކަމަށްވެ އެވެ. ނަމަވެސް، މާސްކް އަޅައިގެން ތިބުމުން އެއީ ކޮން ބައެއްކަން އެ ކުއްޖާއަށް ނޭނގޭ ވެސް ކަމަށް ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.