ރަމަޟާންމަހުގެ ހުރިހާ ވަގުތެއް އަޅުކަމަށް ޚާއްސަ ކުރެވިފައިވުމުގެ ސަބަބުން ދިރިއުޅުމުގެ ވައްޓަފާޅިއަށް އެމަހު ބޮޑު ބަދަލެއް ގެނެވެ އެވެ. ކެއުމުގެ ގަޑިތަކަށާއި ނިދާ ގަޑިތަކަށެވެ. ރަމަޟާން މަސް ފެށުމާއެކު ކުއްލިއަކަށް މިގެނެވޭ ބަދަލުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް ތަފާތު އަސަރުތަކެއް ކުރެ އެވެ.

އެމަހުގެ ފުރިހަމަ ލާބައާއި ފައިދާ ލިބިގަތުމަށްޓަކައި ނަފްސާނީ ގޮތުން ދުޅަހެޔޮކޮށް ހުރުމަށް ކުރެވިދާނެ ބައެއް ކަންކަން ދެނެގަތުމަކީ މުހިންމު ކަމެކެވެ.

ޖިސްމާނީ ދުޅަހެޔޮކަން ދެމެހެއްޓުން

ޖިސްމާނީ ދުޅުހެޔޮކަމާއި ނަފްސާނީ ދުޅަހެޔޮކަން މަސައްކަތް ކުރަނީ އެކުއެކީގަ އެވެ. ހަށިގަނޑު ބަލަހައްޓާނަމަ ސިކުނޑިއަށް ލުއިލިބެ އެވެ. ހަމަ އެފަދައިން ހިތްހަމަޖެހުން ގެނައުމަށް ކުރާ ކަންކަމުން ހަށިގަނޑަށް ދުޅަހެޔޮކަން ލިބެ އެވެ.

ދުޅަހެޔޮ ކާނާ ކެއުން

ކާން ބޭނުންކުރާ ކާނާއަކީ މޫޑަށް ބަދަލު ގެނައުމުގައި މުހިންމު ރޯލެއް ކުޅޭ އެއްޗެކެވެ. ނަފްސާނީގޮތުން ދުޅަހެޔޮކޮށް ހުރުމަށް މިންހެޔޮ، ފައިދާހުރި ކާނާ ކެއުމަކީ މުހިންމު ކަމެކެވެ. ރަމަޟާން މަހުގެ ރޭތަކުގައި ކާން ލިބޭ ވަގުތު ކުރުވުމާއެކު ކެއުމަށް ފައިދާހުރި ކާނާ ބޭނުންކުރުން ވަރަށް މުހިންމެވެ. ޚާއްސަކޮށް ލަހުން ހަޖަމްވާ ކަހަލަ ކާނާ އެވެ. ލަހުން ހަޖަމްވާ ކާނާގެ ތެރޭގައި ހިމެނެނީ ތަރުކާރީ، ފަތްޕިލާވެލި، ބީސްންސް، ބްރައުން ރައިސް، އޯޓްސް ފަދަ ކާނާތަކެވެ.

ރޯދައަށް ހުރުމުގެ ސަބަބުން ހަށިގަނޑަށް މަދުވާފެން ރޭގަނޑުގެ ވަގުތުތަކުގައި ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. ފެން ބޮވޭވަރު ޔަގީންކުރުމަށްޓަކައި ލިޔެގެން، މިނެގެން ނުވަތަ ފުޅީގައި ފާހަގަ ޖަހައިގެން ވެސް ފެން ބޮވޭވަރު ބެލިދާނެ އެވެ.

ނިދި މަދުވުމުން ރޯދައަށް އަސަރުކުރޭ

މި މާތް މައްސަރުގައި ރޭ އަޅުކަމާއި، ރޭގަނޑުގެ ކެއުންތައް ރޭވިފައިވާ ގޮތުން ހަމަނިދި ލިބުމަށް އުނދަގޫވެދާނެ އެވެ. ޚާއްސަކޮށް ދުވާލުގެ ގަޑިއެއްގައި އަރާމުކޮށްލައި ނިދާލަން ވަގުތު ނުލިބޭ މީހެއް ނަމަ ނިދި ހަމަނުވުމުގެ ސަބަބުން ދިމާވާނެ އުނގަދޫތައް ބޮޑުވާނެ އެވެ. ނިދި ހަމަނުވުމުގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ސިކުނޑި ރަނގަޅަށް މަސައްކަތް ނުކުރުމުގެ ސަބަބުން ދިމާވާ އުނދަގޫތަކުގެ ތެރޭގައި ހިމެނޭ ހަނދާން ނެތުން، ހަނދާންކުރަން އުނދަގޫވުން، ވިސްނައި ކަންކަމަށް ދޭންޖެހޭ ސަމާލުކަން ދޭން އުނދަގޫވުމެވެ.

މީގެ އިތުރުން މޫޑް ގޯސްވުމާއި، ވަރުބަލިވުމާއި، ކޯފީބޯން ބޭނުންވުމާއި ގިނައިން ހަކަތަ ލިބޭ ޒާތުގެ ޖަންކް ކާނާ ކާން ބޭނުންވާނެ އެވެ. ރޭގަނޑުގެ މަދު ވަގުތުކޮޅުގެ ތެރޭގައި ނިދައި، ކައި އަދި ރޭއަޅުކަން ކުރަންޖެހިފައިވާއިރު، ދުވާލުގެ ގަޑިއެއްގައި ނިދާލަން ނުލިބޭނަމަ ހުންނާނީ ވަރަށް ބޮޑަށް ވަރުބަލިވެފަ އެވެ. ވީމާ ރަމަޟާންމަހުގެ ކަންކަން ރާވާލާއިރު ދުވާލުގައި ލިބޭ ހުސްވަގުތެއްގައި ނިދާލުމަށް ވަގުތުކޮޅެއް ހުސްކުރުމަކީ މުހިންމު ކަމެކެވެ. އަދި ކިޔަވާނަމަ، ނުވަތަ ވަޒީފާގައި އުޅޭ ނަމަވެސް ކުޑަ ބްރޭކް ނެގުން ވެސް ވަރަށް މުހިންމެވެ.

އަޅުކަމުގައި ވަގުތު ހޭދަކުރުމަކީ ނަފްސާނީ ދުޅަހެޔޮކަމަށް މުހިންމު

އެހެން މީހުންނާ ގުޅުން ބޭއްވުމުން ނަފްސާނީ ދުޅަހެޔޮކަން އިތުރުވޭ

ރަމަޟާން މަހަކީ އަޅުކަން ފުރިހަމަކުރުމުގެ ނިޔަތުގައި ދީލަތިކަން އިސްކޮށް އެހެން މީހުންނާ އޮންނަ ގުޅުން ރަނގަޅުކުރުމަށް ތަފާތު ކަންކަން ކުރެވޭ މަހެކެވެ. ޖަމާއަތުގައި ކުރެވޭ ފަރުޟު ނަމާދުތަކުން ފެށިގެން ގޮސް ތަރާވީހު ނަމާދާއި، ދަމުނަމާދާއި ރޯދަވީއްލުންތަކާއި، ތަރާވީސްދަމުގެ ސައިގައި މީހުންނާއި ބައްދަލުވެލައި ގުޅުން ބަދަހިކުރެވެ އެވެ. މިގުޅުންތަކަކީ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށް ކުރުމަށް ވަރަށް މުހިންމު ކަންކަމެވެ. މީހުންނާ ގުޅުން ރަނގަޅު މީހުންނަކީ އުފާވެރިކޮށް ތިބޭ، އަދި ޖިސްމާނީގޮތުން ވެސް ދުޅަހެޔޮ އަދި އުމުރު ދިގު މީހުންކަން ވަނީ ހޯދިފަ އެވެ. މިސްކިތަކީ މީހުންނާ ބައްދަލުވެލައި ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް އެންމެ ރަނގަޅު މެހެފިލެވެ.

ރަމަޟާންމަހުގައި ނަފްސާނީ ގޮތުން ބަލިކަށިވާހެން ހީވެ، އޭގެ ސަބަބުން އެއްވެސް އުނދަގުލެއް އިހްސާސް ވާނަމަ، އެހީވެވޭނެ ފަދަ އެހެން މީހަކާ އެކަން ހިއްސާކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

އޯގާތެރިވުމާއި ހެޔޮކަންކަން ކުރުން ގިނަކުރުން

ރަމަޟާން މަހުގައި އެހެން މަސްތަކާއި ހިލާފަށް ހެޔޮކަންކަން ކުރުމަށް ވަރަށްބޮޑަށް އިސްނެގޭ މަހެކެވެ. ޚާއްސަކޮށް އެކަކު އަނެކަކަށް އެހީތެރިވުމާއި އޯގާތެރިވުމުގަ އެވެ.

ދިރާސާތަކުން ދައްކާގޮތުގައި ހެޔޮއަމަލުން ހިތްހަމަޖެހުން ލިބެ އެވެ. ސްޓްރެސް އަދި ޑިޕްރެޝަން ހުންނަ މީހުންނަށް ލުއިތަކެއް ލިބިގެން ދެ އެވެ. އަޅުކަމުގައި ވަގުތު ހޭދަކުރުމަކީ ނަފްސާނީ ދުޅަހެޔޮކަމަށް މުހިންމު ކަމެކެވެ.

ހިލޭސާބަހަށް މަސައްކަތް ކޮށްދިނުމާއި، އެހީދިނުމާއި، ގާތްރައްޓެހިންނާއި އާއިލާގެ މީހުންނަށް އެހީތެރިވުމާއި، ލިބުނު މިންވަރަކުން އެހެން މީހުންނަށް ކާއެއްޗެހި ފޯރުކޮށްދިނުމަކީ މީހުންނަށް އޯގާތެރިވުމުގެ ގޮތުން ކުރެވިދާނެ ބައެއް ކަންކަމެވެ.

ދީނީ ނަސޭހަތް ކޮންމެ ދުވަހަކު ވެސް އަޑުއެހުމާއި، ދީން ދަސްކުރުމާއި، ވަގުތު ހޭދަކުރުމަކީ ވެސް ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް މުހިންމު ކަމެކެވެ.