ޓިކްޓޮކް ލައިވެއްގެ ތެރެއިން ޒުވާން ކުއްޖަކު ބުނި އަޑުއިވުނެވެ. "ދިވެހި ބަހަކީ އިޝާރަތެކެވެ." އެއީ އަބަދުވެސް އިވޭ އަޑެއްކަމަށާއި އެހެން ނަމަވެސް އެބުނާ ބަހުގެ ހަގީގީ މާނައަކީ ކޮބައިކަން ނޭނގޭ ކަމަށް އެ ގްރޫޕުގެ މެންބަރުން އެއްބަސްވި އެވެ. ދިވެހި ބަހަކީ އިޝާރަތެކޭ ބުނަނީ ގިނަ ފަހަރަށް ތިމާ ބުނާ ބަސް ގޯސްކޮށް ބުނެވުމުން އެއީ ތިމާގެ މައްސަލައެއްނޫން ކަމަށް ދައްކައި، އެހެންވާން ޖެހެނީ ބަސް އެހާ ފުރިހަމަ ނޫންކަމުން ކަމުގައި ވަކާލާތުކުރާ ކަހަލަ މާނައެއްގަ އެވެ. ހަގީގަތުގައި ކޮންމެ ބަހަކީ ވެސް އިޝާރަތެކެވެ. ބަހުން އިޝާރާތްކުރާ މާނަ ސިކުނޑިއަށް ފަހުމްވެ އެވެ. އެހެންކަމުން ބަސް އިޝާރަތަކަށްވުމާ ބަހުގެ މޮޅުދެރަކަމަކާ ގުޅުމެއް ނެތެވެ.

ބަހަކީ އިޝާރަތެކޭ ބުނި ހިސާބުންކުރިން ބުނި ގްރޫޕުގެ ވާހަކަ މިސްރާބު ހިފީ ދިވެހި ބަހަކީ ފަގީރު ބަހެއްތޯ ނުވަތަ މުއްސަނދި ބަހެއްތޯ ކުރެވޭ ސުވާލަށެވެ. އެކަކު ބުންޏެވެ. އަބަދު ވެސް ބުނާ ވާހަކައަކީ ދިވެހި ބަސް މުއްސަނދި ވާހަކަ އެވެ. އެ ވާހަކަ ދައްކާ މީހުން އެކަމަށް މިސާލު ދައްކާ ކަމުގައި ބުނަމުން އޭނާ އިޝާރާތްކުރީ ދިވެހި ބަހުން ކާށީގެ އެކި ބާވަތްތަކަށް ކިޔާ ނަން ހުންނައިރު އިނގިރޭސި ބަސްފަދަ ބައެއް ބަސްބަހުގައި އެފަދަ ބަސްތައް ނުހުންނަކަމެވެ.

އޭނާގެ ވާހަކައަށް ޒުވާބު ދެމުން ދިވެހި ބަހަކީ އިޝާރަތެކޭ ބުނި ކުއްޖާ ދެއްކީ އެހެން ހުއްޖަތެކެވެ. އޭނާ ބުންޏެވެ. އިނގިރޭސި ބަސް މުޅި ދުނިޔޭގެ ހުރިހާތާކު ބޭނުންކުރެ އެވެ. އެކަމަކު ދިވެހި ބަސް ދިވެހި ރާއްޖެ ނޫން ތަނެއްގައި ބޭނުމެއް ނުކުރެ އެވެ. އެހެންކަމުން އޭނާގެ ނަޒަރުގައި ދިވެހި ބަސް ހަމަ ފަގީރީ އެވެ. އެއީ އިޝާރަތެކެވެ.

ބަހެއްގެ މުއްސަނދިކަމާ ފަގީރުކަން ކަނޑައެޅުމަކީ ބަހުގެ އިލްމުވެރިން އެހާ ކުރަން ބޭނުންކަމެއް ނޫނެވެ. އެމީހުންގެ ނަޒަރުގައި ކޮންމެ ބަހަކީ ވެސް އޭގެ ޒާތުގައި މުއްސަނދި ބަހެކެވެ. އެބަހަކުން ވާހަކަ ދައްކާ ބައެއްގެ ހިތުގައި އުފެދޭ ޝުއޫރުތައް އުނދަގުލަކާ ނުލައި ފާޅުކުރެވޭނަމަ އެއީ މުއްސަނދި ބަހެކެވެ. ކަން އެހެން އޮތް ކަމުގައި ވިޔަސް ބަހުގެ މުއްސަނދިކަމާއި ފަގީރުކަމުގެ ވާހަކަ ދެކެވޭ ހިނދު އެކަމަށް އިންސާފު ކުރުމުގައި ބަލާނެ މިންގަނޑުތަކެއް ވެސް ހުރެ އެވެ. އޭގެ ބައެއް މިންގަނޑުތަކަކީ؛

1. ބަސްކޮށާރުގެ މިންވަރު

ބަހެއްގެ މުއްސަނދިކަން ވަޒަން ކުރުމުގައި އެބަހެއްގެ ބަސްކޮށާރުގެ ސައިޒަކީ ބަލާ މިންގަނޑެކެވެ. އެހެން ނަމަވެސް ބަސްކޮށާރުގެ ސައިޒަށް ބަލާއިރު ވިސްނާލަން ޖެހޭ މުހިންމު ނުކުތާއަކީ އެ ބަހަކުން ވާހަކަދައްކާ މީހުންގެ އަދަދާއި އެމީހުން ބެހިފައިވާ ތަފާތު ޖަމާއަތްތަކުގެ ސަބަބުން ބަސްކޮށާރު ބޮޑުވެ، ކުޑަވެދާނެ ކަމެވެ.

ދިވެހި ބަހުގެ ބަސްކޮށާރަށް ބަލާއިރު ދިވެހިން ވާހަކަ ދެއްކުމަށް ބޭނުންވާ ހުރިހާ ބަސްތަކެއް އެބަހުގައި ހުރިކަން ޔާގީނެވެ. ދިވެހި މާހައުލުގައި ހުރި ހުރިހާ އެއްޗަކަށް ކިޔާނެ ނަންތައް ދިވެހި ބަހުން ހުރުމުގެ އިތުރުން ބައެއް ހާލަތްތަކުގައި އެހެން ބައެއް ބަސް ބަހުގައި ނުހިމެނޭ މިންވަރަށް ވެސް ދިވެހި ބަހުގެ ބަސްކޮށާރުގައި ބަސްތައް ހުރެ އެވެ. އެހެންކަމުން ދިވެހިންގެ މާހައުލަށާއި އާބާދީއަށް ބަލާއިރު ދިވެހި ބަހުގެ ބަސްކޮށާރަކީ އޭގެ ސައިޒު ބޮޑު، މުއްސަނދި ބަހެއް ކަމެވެ.

2. ޚިޔާލު ފާޅުކުރުމުގެ ކުޅަދާނަކަން ހުރި މިންވަރު

އެ ބަހަކުން ވާހަކަ ދައްކާ ބައެއްގެ ހިތްތަކުގައި އުފެދޭ ޝުއޫރުތައް ފަސޭހައިން ފާޅުކުރުމުގެ ކުޅަދާނަކަން އެބަހެއްގައި ހުންނަ ނިސްބަތަކީ ބަހުގެ މުއްސަނދިކަން ވަޒަންކުރުމުގައި ބަލާއުޅޭ މިންގަނޑެކެވެ.

މި މިންގަނޑުން ބަލާއިރު ދިވެހި ރާއްޖޭގައި ޒަމާނުއްސުރެ އުޅެމުން އައި މީސްތަކުންގެ މެދުގައި އެކި ކަންކަމާމެދު ޚިޔާލު ބަދަލުކޮށް މަޝްވަރާކޮށް ކަންކަން ނިންމުމުގައި ދިވެހި ބަސް ނޫން އެހެން ބަހެއް ބޭނުންކޮށްފައެއް ނުވެ އެވެ. ދިވެހިންގެ ދިރިއުޅުމުގެ ކޮންމެ ކަމަކަށް ފުދޭ މިންވަރަށް ދިވެހި ބަހުން ޚިޔާލު އުފައްދައި މަޝްވަރާކޮށް އުޅުނެވެ. ބަހުގެ އަދަބިއްޔާތެއް އޮވެ އެވެ. ޅެންވެރިކަމާއި ލިއުންތެރިކަން ފުޅާ ދަރަޖައެއްގައި ވަނީ ކުރިއަރާފަ އެވެ. އެހެންކަމުން ދިވެހި ބަހަކީ މިރޮނގުން ބަލާއިރު ވެސް މުއްސަނދި ބަހެކެވެ.

3. ތާރީޚާއި ސަގާފަތުގެ އަސަރު

ގައުމުގެ ތާރީޚާއި ސަގާފަތުގެ އަސަރު އެބައެއްގެ ބަހުން ފާޅުވުމަކީ ވެސް ބަހުގެ މުއްސަނދިކަން މިނާ މިންގަނޑެއްކަމުގައި ބެލެވެ އެވެ.

އެގޮތުން ބަލާއިރު ދިވެހި ބަހަކީ އެވޭލާ ޒަމާނުއްސުރެ ދިވެހިންގެ ގަދީމީ ތާރީޚާއި ސަގާފަތާއި އެ ސަގާފަތާ ގުޅޭ ހުރިހާ މުއާމަލާތެއްގައި ބޭނުންކޮށް އުޅުނު ބަހެވެ. ގަދީމީ ލޯމާފާނުތަކާ ރާދަވަޅިތަކުން އެކަން ސާބިތުވެ އެވެ. ދުދޫމަތިން ކިޔަމުން އައި ވާހަކަތަކުން ވެސް އެކަމަށް ހެކި ލިބެ އެވެ. އެހެންކަމުން ދިވެހި ބަހަކީ މިރޮނގުން ބަލާއިރު ވެސް ފަގީރު ބަހެއް ނޫނެވެ.

4. ބަދަލުތަކަށް އަހުލުވެރިވުން

ޒަމާނަށް އަންނަ ބަދަލުތަކާ އެކު ބަހަށް ބަދަލު އައިސް އާ ކަންތައްތަކަށް އަހުލުވެރިވުމުގެ ކުޅަދާނަކަން ހުންނަ މިންވަރަކީ ވެސް ބަހުގެ މުއްސަނދިކަމާއި ފަގީރުކަން މިނުމަށް ބޭނުންކުރާ މިންގަނޑެކެވެ.

ވަރަށް އަވަހަށް ބަދަލުވަމުންދާ ޓެކްނޮލޮޖީގެ ޒަމާނުގައި ދުނިޔޭގައި އުފަންވާ ކޮންމެ އާ ކަމަކަށް ނުވަތަ އާ ނަމަކަށް ބަހެއް އޮތުމަކީ ގިނަ ބަސަތަކަށް އުނދަގޫ ކަމަކަށް ވާނެ އެވެ. ސަބަބަކީ އެފަދަ އާ ބަސްތައް ވުޖޫދުވުމާއެކު މުޅި ދުނިޔެއަށް އާއްމުވާ މިންވަރު އަވަސްވެފައި އެހެން ބަސްތަކުގެ ތެރެއަށް ވަދެ އެބަސްތަކާ މައްސުނިވާ ގޮތް ފަސޭހަ ކަމުންނެވެ. މިސާލަކަށް ކޮމްޕިއުޓަރާއި ރޭޑިއޯ އާއި ފޯނު ފަދަ ބަސްބަހަކީ ބައިނަލް އަގުވާމީ ބަސްބަސް ކަމުގައި ބެލެވިދާނެއެވެ. ސަބަބަކީ އެފަދަ ބަސްބަސް އޭގެ އަސްލު ގޮތުގައި ހުރިހާ ބަހެއްގައި ހެން ބޭނުން ކުރެވުމުވެ. އެހެންކަމުން ދިވެހި ބަހުގެ ތެރެއަށް ވެސް އާ ބަސްތައް ވަދެ ދިވެހި ބަހާއެކު ގުޅި، ލާމެހިގެން ކުރިޔަށް ދިއުމުގެ ކުޅަދާނަކަން ހުރުމަކީ ބަހުގެ މުއްސަނދިކަން ކަމުގައި ގަބޫލުކުރަންޖެހެ އެވެ.

ދިވެހި ބަހަކީ މުއްސަނދި ބަހެއްތޯ ނުވަތަ ފަގީރު ބަހެއްތޯ ކުރެވޭ ސުވާލަށް ވިސްނަން ޖެހޭ ހަމަތަކުން ބެލުމަށްފަހު ވަޒަންކޮށް ކިރާލުމުން ބުނެވެން އޮތީ ދިވެހި ބަހަކީ ފަގީރު ބަހެކޭ ބުނެވޭނެ އެއްވެސް ހުއްޖަތެއް ނެތްކަމުގައެވެ. ދިވެހި ބަހަކީ މުއްސަނދި ބަހެކެވެ. ބަހުގެ އަހުލުވެރިންނަށް އޮތީ އެބަހާ ބޮޑަށް އަހުލުވެރިވުމެވެ. ކަމާ ބެހޭ ފަރާތްތަކަށް އޮތީ ޅަދަރިންނަށް އެ ބަސް ދަސްކޮށް ދިނުމުގެ ޒިންމާ ރަނގަޅަށް އަދާ ކުރުމެވެ.