ސަރުކާރުން ފައިސާ ޗާޕު ކުރަނީ ހާރިޖީ ސިޔާސަތު ފެއިލްވެ، ބޭރުން ފައިސާ ނުލިބުމުން ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ މާލީ ދަތިކަމާ ގުޅިގެން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބިމެއް 15 ބިލިއަން ރުފިޔާއަށް ގަތުމަށް މަސައްކަތް ކުރަމުންދާކަމަށް ބުނާ ހަބަރާއެކު އިގްތިސާދީ މާހިރުންނާއި އިދިކޮޅުން ވަނީ މި މުޢާމަލާތަކީ ނުސީދާކޮށް ފައިސާ ޗާޕްކުރުމުގެ ޢަމަލެއް ކަމަށް ފާހަގަކޮށް، ސަރުކާރުގެ މި ފިޔަވަޅާމެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މިކަމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ސަރުކާރުން ކުރަން އުޅޭ ކަމަކީ ޒިންމާދާރުކަން ކުޑަ، އަދި އައިއެމްއެފް އާއި ވޯލްޑް ބޭންކުގެ އިތުރުން އިގުތިސާދީ މާހިރުންގެ ލަފަޔާ ޚިލާފު އަމަލެއް ކަމަށެވެ. މާލީ ސިޔާސަތު ހަރުދަނާކޮށް، ޚަރަދުކުޑަކުރަން ޖެހިފައިވާ ދަނޑިވަޅެއްގައި، ސަރުކާރުން އިގުތިސާދުގެ ތެރެއަށް ގިނަ އަދަދެއްގެ ފައިސާ ޗާޕުކޮށް ދޫކޮށްލުމުން ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ، ދިވެހި ރުފިޔާގެ އަގު ވެއްޓި، އިގުތިސާދަށް ލޮޅުން އަންނާނެކަމަށް އޭނާ ވިދާޅުވި އެވެ.
"ސަރުކާރަށް މިވަރަށް ފައިސާއަށް ބޭނުން ޖެހިފައި މިވަނީ، ސަރުކާރުގެ ހާރިޖީ ސިޔާސަތު ފެއިލްވެ، ބޭރުގެ ފައިނޭންސިން ނުލިބުމުން. ސަރުކާރުގެ ނާގާބިލުކަމުގެ އަގު ދިވެހިން ދައްކަން ޖެހިގެން ނުވާނެ" ޝާހިދު ވިދާޅުވި އެވެ.
އެމްއެމްއޭއަށް ބިމެއް ބޭނުން ނުވާނެ ކަމަށާއި ރިއަލްއެސްޓޭޓް ވިޔަފާރި ތެރެއަށް ވަނުމަކީ ވެސް އެ އިދާރާގެ މެންޑޭޓުގައި ހިމެނޭ ކަމެއް ނޫން ކަމަށް ޝާހިދު ވިދާޅުވި އެވެ.
މިއީ އެމްއެމްއޭގެ ގާނޫނާއި މާލީ ޒިންމާތަކާ ބެހޭ ގާނޫނާ ވެސް ހިލާފު ކަމެއްގެ ގޮތުގައި ސިފަކުރައްވާ ޝާހިދު ވިދާޅުވީ މިއީ މަރުކަޒީ ބޭންކުގެ ބާރު ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށެވެ.
"އިއާދަނުކުރެވޭ ގެއްލުމެއް ލިބުމުގެ ކުރިން އެކަން ހުއްޓާލާ" ޝާހިދުގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
އެމްޑީޕީން މިކަމާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ފިނޭސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ސަރުކާރުން 15 ބިލިއަން ރުފިޔާ ޗާޕުކުރާނެ ކަމަށާއި އެކަމުގެ ސަބަބުން ރާއްޖެ ވެއްޓެނީ އިގުތިސާދު ކާރިސާއެއްގެ ތެރެއަށް ކަމަށެވެ.
ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ފައިސާ ޗާޕް ނުކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައި ވެ އެވެ.އެމް